މާލޭގައި ކެމިކަލް ރައްކާކޮށްފައި ހުންނަ ގުދަންތަށް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ސިފައިން ފަށައިފި އެވެ.
ކެމިކަލް ގުދަންތަށް ބަލައި ފާސްކުރުމުގެ އޮޕަރޭޝަން ކުރަމުންދަނީ ފަޔާ އެންށް ރެސްކިއު އިންނެވެ. މިކަމާ ބެހޭ އިތުރު ތަފްސީލެއް ސިފައިން ނުދެއްވަ އެވެ. ކެމިކަލް ގުދަންތަށް ބަލައި ފާސްކުރަން ފަށާފައި މިވަނީ މިދިޔަ ހުކުރު ދުވަހު ހެންވޭރުގައި ހުންނަ ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއެއްގައި މީހަކު މަރުވެފައި ވަނިކޮށެވެ.
އަލިފާނުގެ ހާދިސާއަށް ފަހު ވަނީ އާންމުވަނީ މީހުން ދިރިއުޅޭ ހިސާބުތަކުގައި ހުރި ކެމިކަލް ގުދަންތަށް ބަދަލުކުރަން ގޮވާލާފަ އެވެ. އަދި ސަރުކާރުންވެސް ކެމިކަލް ގުދަންތަށް އެހެން ސަރަހައްދަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
މިއަދުގެ ވަގުތެއްގައި ވެސް ވަނީ މީހުން ދިރިއުޅޭ ހިސާބުގައި ގެއަކަށް ކެމިކަލް ފީފާތަކެއް ވައްދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފަ އެވެ. އަދި އެމީހުން ކެމިކަލް ގުދަންކުރީ ޑިފެންސް މިނިސްޓްރީގެ ހުއްދާއެކު ކަމުގައިވުމުން ގިނަ ބަޔަކުގެ ފާޑު ކިޔުން ވަނީ ސަލާމަތީ ބާރުތަކަށް އަމާޒުވެފަ އެވެ. މިއަދު ގެއަކަށް ކެމިކަލް ވެއްދި މައްސަލައިގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، މިއަދު ކެމިކަލް ގުދަންކުރި މައްސަލަ ނުބަލާ ދޫނުކުރާނެ ކަމަށެވެ.
ހުކުރު ދުވަހު ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު ގުދަނަކާއި ހަ ގެއެއް ވަނީ އަނަދައި ހުލިވެފަ އެވެ. އަދި 400 ވަރަކަަށް މީހުންގެ ގެދޮރު ވަނީ ގެއްލިފަ އެވެ.