ލައިފްސްޓައިލް

ޕޯސްޓް ކިޔޫގައި ތިބެނީ ހެވިފައި!

ކިއުއެއްގައި ހުންނަން ޖެހުމަކީ ފޫހި ކަމެކެވެ. ގިނައިރު ކިއުއެއްގައި ހުންނަން ޖެހިއްޖެ ނަމަ ހިދުމަތް ނުހޯދާ މީހުން މަދުވީމާ ފަހުން ކިއޫގައި ޖެހެން އަނބުރާލާފައި ދާ މީހުން ވެސް އުޅެ އެވެ. އާއްމުކޮށް ކިއުތަކުގައި ތިބެނީ ކޮންމެވެސް ޔުޓިލިޓީ ބިލެއް ދައްކަން ނޫނީ އެހެން އަަސާސީ ބޭނުމަކާއި ގުޅޭ ގޮތުންނެވެ. ކިއުއެއްގައި މަޑުކޮށްލުމުގެ ކެތްތެރިކަން އަހަރުމެންގެ އާދާގައި ނުހުރެއޭ ވެސް ބުނެވިދާނެ އެވެ.

ކެތްތެރިކަން ކުޑަ އަދި އެހާ ބިޒީ ލައިފްސްޓައިލެއްގައި އުޅޭއިރު އިތުރު ކިއުއެއްގައި މިހާރު ޖެހެންޖެހިއްޖެ އެވެ. ރާއްޖޭގައި ކުރިއާ އަޅާބަލާއިރު އޮންލައިންކޮށް ވިޔަފާރިކުރުން އިތުުރެވެ. ލޯކަލް ސައިޓުތަކުގެ އިތުރުން ބޭރުގެ ވެބްސައިޓުން ތަކެތި ގަތުން ވެސް އެހާ އާންމެވެ.

އަންނައުނާއި، އަތުކުރީ ގަޑިއާ ދަބަހާއި ބޫޓައި ފައިވާނާ މިހެންގޮސް ކޮންމެ އެއްޗެއްވެސް ކުއްލިއަކަށް ހޯދަން ޖެހިއްޖެ ހާލަތެއްގައި ނޫނީ އެންމެ ފުރަތަމަ އަގު ބަލަނީ އޮންލައިންކޮށެވެ. ގޭގެ ސޯފާ ގައި އިނދެ އޮންލައިންކޮށް އެއިން ކޮންމެ އެއްޗެއްވެސް ގަނެލެވެއެވެ. އެކައުންޓްގައި ފައިސާ ހުރިއްޔާ އޮންލައިންކޮށް ގަތުން މާ ފަސޭހަ އެވެ.

އަރާމުގައި ހުރެ ގަންނަ ތަކެތި ބަލައި ގޮސް ޕޯސްޓް އޮފީހުގެ "ޕާރުސަލް ކިއު" ޖެހުން މިއީ އާއްމުކޮށް ޖެހޭ ކިއުތަކަށް އިތުރުވެފައިވާ ކިއުއެވެ. ހަފުތާއަކު އެއްފަހަރު މި ކިއުގައި ޖެހެންޖެހޭ ނޫނީ ޕިކްޕޯސްޓަށް ދާން ޖެހޭ މީހުންވެސް އުޅެ އެވެ.

އާއްމުކޮށް ޖެހޭ ކިއުތަކާއި އަޅާބަލާއިރު މި ކިއުގައި ހުންނާކަށް ބުރަކަމަކަށް ނުވެއެވެ. އޮންލައިންކޮށް އެއްޗެއް ގަނެގެން ބަލާ ދާާއިރު އިހުސާސް ކުރެވެނީ ހަދިޔާއެއް ލިބޭ ކަމުގެ އިހުސާސެކެވެ. ކުރިން ފައިސާ ދައްކާފައި އޮތް އެއްޗެއް ބަލާ ދިއުމުން އަތުން އެ ވަގުތު ފައިސާތަކެއް ނުގޮސް އެއްޗެއް ލިބޭތީ ކިއުގައިވެސް ހުރެވެނީ ހިނި އައިސްފަ އެވެ.

ގިނަ ވަގުތު ދުއްވާލައި ކިއުގައި މަޑުކޮށް އަތަށް އަރާ ޕާރުސަލުގައި އޮންނަނީ އަމިއްލައަށް ޗޫޒްކުރި އެއްޗެއްކެވެ. ޕާރުސަލްގައި އޮންނާނީ ކަމުދާ އެއްޗެއްކަން ވެސް އެނގެއެވެ. ކިއުގައިވެސް ހުންނަނީ އެ އުފާވެރިކަމާ އެކުއެވެ.

ޕާރުސަލުބަލާ ގޮސް ޖެހޭ ކިއުގައި ހުންނާކަށް މާ ބޮޑު ކަމަކަށް ނުވެއެވެ. ގިނައިރު ވިއަސް ޝަކުވާއެއް ނޯވެއެވެ. އިންތިޒާރު ކުރެވެނީ އޮންލައިންކޮށް ހެޔޮ އަގުގައި ގަތް އެތި އަވަހަށް ލިބުމަށެވެ.

އޮންލައިންކޮށް ވިަޔަފާރި ކުރުމުގެ އާދަ އަހަރުމެންގެ ކިބައިގައި ރަނގަޅަށް ހަރުލައިފިއެވެ. މިކަން އެންމެ ރަނގަޅަށް އެނގެނީ ޕޯސްޓްއޮފީސް އިން ޕާރުސަލް ބަލާ ގޮސް ތިބޭ މީހުންގެ އަދަދުންނެވެ. ހެނދުނު ނަގާ ނަމްބަރާއި ޖެހެނީ ހަވީރެވެ. ގިނަ ބަޔަކު ކޮންމެ ދުވަަހަކުވެސް މި ހިދުމަތް ހޯދައެވެ. ކިއު ނަމްބަރު ނެގުމަށް މޮބައިލް އެޕް އަޅައިގެން ނަމްބަރަށް ފާރަލުމަކީވެސް އޮންނަ ކަމެކެވެ. އަދި އެއް ނަމްުބަރަށްވުރެ ގިނަ ނަމްބަރު ނަގައިގެން ވެސް ފާރަލުން އޮވެއެވެ. މިވަރުން އުޅޭއިރުވެސް ނަމްބަރު ކަޓާފަހަރު ވެސް ދެއެވެ.