އިޒްރޭލުގެ އިދިކޮޅު ސިޔާސީ ލީޑަރުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިސްބަތްވާ ލިކޫޑް ޕާޓީއާ ކޯލިޝަން ހަދަން ދެކޮޅު ހަދައި ބޮޑުވަޒީރު ކަމަށް ސެންޓްރިސްޓް ބްލޫ އެންޑް ވައިޓް ޕާޓީގެ ލީޑަރު ބެނީ ގަންޓްޒް ގެނައުމަށް ތާއީދުކޮށްފި އެވެ.
އިދިކޮޅު ހުރިހާ ލީޑަރުންހެން ބޭނުންވަނީ ނަތަންޔާހޫ މަގާމުން ވަކި ކުރާށެވެ. އެއީ ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަންގެ ހިންގި ކަމުގެ ތުހުމަތުކުރެވި އިޒްރޭލުގެ ގިނަ ބަޔަކު ނަތަންޔާހޫ ފާޑު ކިޔަމުންދާތީ އެވެ. އިންތިހާބުގައި މިހާތަނަށް އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން ނަތަންޔާހޫއަށް މަގާމު ދިފާއު ކުރެއްވެން އޮތީ ކޯލިޝަނެއް ހަދައިގެނެވެ. އަދި ގެންޓްޒްއަށް ވެސް ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވެން އޮތީ ކޯލިޝަނެއްގެ ތެރެއިންނެވެ.
ނަތަންޔާހޫ ނިސްބަތްވާ ލިކޫޑް ޕާޓީއަށް ކާމިޔާބު ކުރެވިފައިވަނީ 31 ގޮނޑި އެވެ. އަދި ގެންޓްޒް ނިސްބަތްވާ ސެންޓްރިސްޓް ބުލޫ އެންޑް ވައިޓް ޕާޓީއަށް ކާމިޔާބު ކުރެވުނީ 33 ގޮނޑި އެވެ. ގެންޓްޒްއާ އެކު ކޯލިޝަން ހަދަން ތައްޔާރަށް ތިބި ޕާޓީތައް ހިމަނައިގެން އިދިކޮޅަށް ޖުމްލަކޮށް ކާމިޔާބު ކުރެވިފައިވަނީ 61 ގޮނޑި އެވެ. އެހެންކަމުން ޕާޓީތަކުން ނަތަންޔާހޫ އާއެކު ކޯލިޝަން ހަދަން އެއްބަސް ނުވެއްޖެނަމަ ނަތަންޔާހޫގެ މަގާމު ގެއްލޭނެ އެވެ.
އިދިކޮޅު ޕާޓީތަކުން ގެންޓްޒް ބޮޑުވަޒީރު ކަމަށް ގެންނަން ތާއީދު ކުރިޔަސް، ޕާޓީތަކުން ގެންޓްޒްގެ ސިޔާސަތުތަކާ ދެކޮޅެވެ. ގެންޓްޒް ނިސްބަތްވާ ޕާޓީއާއެކު ކޯލިޝަން ހެދުމުގެ މަސައްކަތުގައި އިސް ރޯލެއް އަދާ ކުރަައްވާ އައިމަން އަދީހު ވިދާޅުވީ، ޕާޓީތަކުން ބެންޓްޒްއަށް އެއްބާރުލުން ދިނުމަށް ނިންމީ ނަތަންޔާހޫ ކޮންމެހެން ވެސް ބޮޑުވަޒީރު ކަމުން ވަކިކުރަން ބޭނުންވާތީ ކަމަށެވެ.
ވާދަވެރި ކުދި ސިޔާސީ ޕާޓީތަކުން ނަތަންޔާހޫގެ ސިޔާސީ މުސްތަގުބަލް ބަނަކޮށްލުމަށް އަމާޒު ހިފާފައިވާއިރު ނަތަންޔާ ހޫވެސް ގެންދަނީ މަގާމު ދިފާއު ކުރައްވަން ކަންކަން ކުރައްވަމުންނެވެ.