ސަލްމާން ޚާނާއި ކެޓުރީނާ ކައިފްގެ ކެމިސްޓްރީ ފެނިފައި އެމީހުންނަކީ ހަގީގީ ދެ ލޯބިވެރިން ކަމަށް ގިނަ ބަޔަކަށް ޝައްކުވެ އެވެ. އެހާވެސް އެމީހުންގެ އޮން ސްކްރީން އަދި އޯފް ސްކްރީން ކެމިސްޓްރީ ގުޅެ އެވެ. މިއީ "ހަމައެކަނި އެކުވެރިކަން" އޮތް ދެ ތަރިން ކަމަށް ގިނަ ބަޔަކު ގަބޫލު ނުކުރަނީ މިހެން ވެއެވެ.
ސަލްމާނާއި ކެޓުރީނާ އާ މި ސުވާލު ވަރަށް ގިނައިން މީހުން ކޮށްވެސް އުޅެ އެވެ. ދާދިފަހުން ކެޓުރީނާ އަށް ވެސް ނޫސްވެރިން އަނެއްކާ ހަމަ މި ސުވާލު އަމާޒު ކުރި އެވެ. ޖަވާބުގައި އޭނާ ބުނީ އޭނާ އާއި ސަލްމާންގެ އެކުވެރިކަން އޮންނަތާ 16 އަހަރު ވެއްޖެ ކަމަށެވެ. އަދި ސަލްމާނާކީ ހަގީގީ އެކުވެރިއެއް ކަމަށެވެ. އޭނާ ބޭނުންވާ ކޮންމެ ވަގުތެއްގައި ސަލްމާން އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި ސަލްމާނާއި އެއްގޮތަކަށް ވާހަކަ ނުދައްކާތާ ގިނަ ދުވަސްތަކަކު ހުއްޓަސް ކަމެއްދަމެއް ދިމާވާ ކޮންމެ ފަހަރަކު އެހީތެރިވާނެކަމުގެ ޔަގީންކަން ކެޓުރީނާ އަށް އޮވެ އެވެ.
ސަލްމާނާއި ކެޓުރީނާ ވަރަށް ކުރިން ރައްޓެހިވި އެވެ. ނަމަވެސް 2009 ވަނަ އަހަރު އެމީހުންގެ ލޯތްބަށް ވަނީ ނިމުން އައިސްފަ އެވެ. އޭރު އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ ސަލްމާނާ ރުޅިވީ ކެޓުރީނާ ކަމަށާއި އޭނާ އެކަން ކުރީ ރަންބީރު ކަޕޫރުގެ ލޯބީގެ އަވައިގައި ޖެހިގެން ކަމަށެވެ. ނަމަވެސް ހައެއްކަ އަހަރު ރަންބީރު އާ ރައްޓެހިވެގެން އުޅެފައި ރުޅިވިފަހުން ކެޓުރީނާ އަނެއްކާވެސް ސަލްމާނާ ގުޅުން ބަދަހިކުރަން މަސައްކަތް ފެށި އެވެ. އަދި އޭގެ ފަހުން ކުޅުނު ސަލްމާންގެ ގިނަ ފިލްމުތަކެއްގައި ވެސް ކެޓުރީނާ ބަތަލާގެ ރޯލު ކުޅެފައި ވެއެވެ.
ފިލްމީ ރޮނގުން ބަލާއިރު ކެޓުރީނާ މިހާރު ކުޅެމުންދަނީ "ސޫރިޔަވަންޝީ" އެވެ. އަކްޝޭ ކުމާރު ބަތަލުގެ ބައި ކުޅޭ މި ފިލްމުގެ ޑައިރެކްޓަރަކީ ރޯހިތު ޝެޓީ އެވެ. ފިލްމު ރިލީޒްކުރާނީ އަނަނަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ.