ޔަމަން

ސައުދީ ކޯލިޝަނުން ޔަމަނަށް ހަމަލާދީފި

ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަ ކުރަން ސައުދީއަރަބިޔާއިން އިސްވެ އޮވެ އެކުލައިލާފައިވާ ކޯލިޝަނުގައި ހިމެނޭ ގައުމަކުން ޔަމަނަށް ދިން ވައިގެ ހަމަލާއެއްގައި އެ ގައުމުގެ ފަސް މީހަކު މަރުވެއްޖެ ކަމަށް ހޫތީ ޖަމާއަތުން ބުނެފި އެވެ.

ހަމަލާގެ މައުލޫމާތު އާންމު ކުރަމުން ހޫތީން ބުނީ، ސައުދީ ކޯލިޝަނުން ދިން ވައިގެ ހަމަލާ އަމާޒު ކޮށްފައި ވަނީ މިސްކިތަކަށް ކަމަށެވެ. އަދި މަރުވެފައި ވަނީ އެވަގުތު މިސްކިތުގައި ތިބި ބައެއް ކަމަށެވެ. އަދި އެވަގުތު މިސްކިތުގައި ތިބި ދެ ކުއްޖަކު ގެއްލިގެން ހޯދަމުންދާ ކަމަށް ވެސް ހޫތީން ބުނެފައި ވެއެވެ. އަދި މަރުވެފައިވަނީ އެއް އާއިލާއެއްގެ ބައެއް ކަމަށާއި ގެއްލިގެން ހޯދަމުންދާ ދެ ކުއްޖަކީ ވެސް މަރުވި އާއިލާގެ މެމްބަރުން ކަމަށް ވެސް ބުންޏެވެ.

ކޯލިޝަންގައި ހިމެނޭ ގައުމަކުން ޔަމަނަށް ހަމަލާދީފައިވާކަން ސައުދީން އަދި ކަށަވަރުކޮށް ނުދެ އެވެ. ޔަމަނަށް އެ ކޯލިޝަނުން ހަމަލާ ދިނީ ހޫތީން ސައުދީއަށް ދެމުންގެންދިޔަ ހުރިހާ ހަމަލާތަކެއް ހުއްޓާލައި ސުލްހައިގެ އަތް ސައުދީއަށް ދިއްކޮށްފައި ވަނިކޮށެވެ. ސައުދީއާއެކު ސުލްހަވާން ހޫތީން ނިންމިއިރު، އެ ޖަމާއަތުން ބުނީ، ސައުދީން ނުވަތަ ސައުދީ ކޯލިޝަނުގައި ހިމެނޭ ގައުމަކުން ޔަމަނަށް ހަމަލާ ދީފިނަމަ އަލުން ސައުދީއާއެކު ހަނގުރާމަ ފަށާނެ ކަމަށެވެ.

ޔަމަނަށް ހަމަލާދީ މިވަނީ، ސައުދީއަށް ހަމަލާދިނުން ހުއްޓާލިކަން ހޫތީން އާންމު ކުރިތާ އެއް ދުވަސްވެފައި ވަނިކޮށެވެ. ހަމަލާގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު އަދި ހޫތީން ދީފައެއް ނުވެއެވެ.