އދ. ގެ އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމެރިކާގެ ހާރިޖިއްޔާގެ އިސް ބޭފުޅުންނާއި ރޭ ބައްދަލު ކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ޝާހިދު ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އަންޑާ ސެކްރެޓަރީ އޮފް ސްޓޭޓް ޑޭވިޑް ހޭލް އާއި އެކްޓިންގް އެސިސްޓަންޓް ސެކްރެޓަރީ ފޮ ސައުތު އެންޑް ސެންޓްރަލް އޭޝިއާ އެލައިސް ވެލްސްއާއި ބައްދަލު ކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި އިންޑިއާ ކަނޑުގެ ސަލާމަތާއި ސުލްހައިގެ މުހިއްމުކަމާއި، ގުޅިގެން އެކުގައި މަސައްކަތް ކުރުމުގެ މައްޗަށް ދެ ގައުމުގެ މެދުގައި މަޝްވަރާ ކުރި އިރު ރާއްޖޭގައި ޑިމޮކްރަސީ ވަރުގަދަ ކުރުމާއި، އިގުތިސޯދީ ތަރައްގީގެ އިތުރުން ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރުމުގައި އެމެރިކާގެ އެހީތެރިކަން ދިނުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރި އެވެ.
މިއަހަރު މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޝާހިދު ވަނީ އެމެރިކާގެ ހާރިޖިއްޔާގެ އިސް ބޭފުޅުންނާއި ބައްދަލު ކުރައްވާފަ އެވެ. އަދި ފާއިތުވި ހަތް އަހަރުތެރޭ ފުރަތަމަ ފަހަރަށް އެމެރިކާގެ ހާރިޖީ ވަޒީރެއްގެ ދައުވަތަކަށް ދިވެހި ފޮރިން މިނިސްޓަރަކު ކުރެއްވި ދަތުރުފުޅުގައި އެމެރިކާއަށް ވަޑައިގެން، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯއާއި ޝާހިދު ވަނީ ބައްދަލު ކުރައްވާފަ އެވެ.
މިނިސްޓަރ ޝާހިދު ނިއުޔޯކަށް ވަޑައިގެންފައިމިވަނީ އދ. ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގަ އެވެ.