ހަބަރު

ކެމިކަލް ރައްކާ ކުރަން ތިލަަފުށިން ގުދަން ދޫކުރަނީ

Sep 23, 2019
2

މާލޭގައި ހުރި ކެމިކަލް ގުދަންތަކާއި ނުރައްކާތެރި މުދާތައް ތިލަފުއްޓަށް ބަދަލު ކުރަން ނިންމައި ގުދަން ކުއްޔަށް ހިފުމުގެ ފުުރުސަތު ހުޅުވާލައިފި އެވެ.

މިދިޔަ ހުކުރު ދުވަހު މާލޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ބޮޑު ހާދިސާ ގުޅިގެން ސަރުކާރުން ނިންމާފައި ވަނީ މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލު ކުރާށެވެ.

ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓަޑް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ސަރުކާރުގެ އެ ނިންމުން ތަންފީޒު ކުރުމުގެ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކެމިކަލް ރައްކާ ކުރުމަށްޓަކައި ތިލަފުށީގައި ވަކި ސަރަހައްދެއް ކަނޑައަޅައި، ވެއާ ހައުސް ޔުނިޓްތަކެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އިއުލާންގައި ވެއެވެ.

އެ ތަނުން ގުދަން / ވެއާ ހައުސް ކުއްޔަށް ދޭން ނިންމާފައިވާ ކަމަށާއި މިއަދުން ފެށިގެން އެ ވެއާ ހައުސްތައް ކުއްޔަށް ހިފަން އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަދި ވެއާހައުސް ޔުނިޓްތައް ކުއްޔަށް ދޫކުރުމުގައި މިވަގުތު ކެމިކަލް ގުދަންކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި މުދާ ގުދަން ކޮށްފައިވާ ފަރާތަކަށް އިސްކަން ދޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ކުއްލި ގޮތަކަށް ގުދަންތައް ތިލަފުއްޓަށް ބަދަލު ކުރަން ނިންމީ މާލޭގައި މިދިއަ ހުކުރު ދުވަހު އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގުމާ ގުޅިގެން ބޭއްވި ކެބިނެޓްގެ ކުއްލި ބައްދަލުވުމަކުންނެވެ.

ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައި ވަނީ މާލޭ ސިނާއީ ސަރަހައްދަށް އެ ގުދަންތައް ބަދަލު ކުރާށެވެ. ނަމަވެސް މި ސަރުކާރުގައި އެ ސަރަހައްދަށް އޮތީ އެހެން ޕްލޭނެއް ހަދާފަ އެވެ.