ހަބަރު

ކެމިކަލް ގުދަންތައް އަޅަން ހަވާލުކުރީ 1.7 މިލިއަން އިތުރަށް

ކ. ތިލަފުށީގައި ކެމިކަލް ރައްކާކުރުމަށް ގުދަންތައް ހެދުމުގެ މަސައްކަތް ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) އިން ހަވާލުކޮށްފައިވާ އެކަމަށް ކަނޑައެޅި ބަޖެޓަށް ވުރެ 1.7 މިލިއަން ރުފިޔާ ބޮޑު ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ތިލަފުށީ ގޮނޑުދޮށުގައި އޮތް ބޯޓެއް ނެގުމަށާއި ތިލަފުށިގައި ކެމިކަލް ރައްކާކުރުމަށް ގުދަންތައް ހެދުމަށް ޖީއެމްއައިޒެޑް އިން ކުރިއަށް ގެންދިއަ މަޝްރޫއުތަކާ ގުޅޭ ހާއްސަ އޮޑިޓު ރިޕޯޓެއް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ އާއްމުކޮށްފައި އެވެ.

މިދިއަ އަހަރުގެ ސެޕްޓެންބަރުު މަހުގެ ތެރޭގައި މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާ އާ ގުޅިގެން، މާލޭގައި ހުރި ނުރައްކާތެރި ކެމިކަލް ރައްކާކޮށްފައިވާ ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީ ނިންމި ނިންމުމުގެ މައްޗަށް ޖީއެމްއައިޒެޑްއިން ކުރިއަށް ގެންދިއަ މަޝްރޫއު އެކެވެ.

މި މަޝްރޫއުގެ ދަށުން މާލޭގައި ހުރި 26 ގުދަނެއް ތިލަފުށިން ކަނޑައެޅުނު ސަރަހައްދަކަށް ބަދަލުކުރުމަށް ނިންމުނެވެ.

މިގޮތުން، 7.7 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިގެން، އެ ކުންފުނިން ކުރި އިއުލާނާ ގުޅިގެން ހަ ކުންފުންޏަކަށް ބިޑް ހުށަހެޅިކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެ ރިޕޯޓުގައި ބުނީ ބިޑު ހުށަހެޅި ކުންފުނިތަކުގެ ތެރެއިން، މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަށް ވުރެ އެއް ދުވަސް މަދުން މުއްދަތު ހުށަހެޅި ކުންފުންޏަކަށް އެބަޔަށް ބިޑް އިވޭލުއޭޝަން ކޮމިޓީން ޕޮއިންޓު ދީފައިނުވާ ކަމަށެވެ.

އެގޮތަށް އަމަލުކޮށްފައިވަނީ މައުލޫމާތު ކަރުދާހާ ހިލާފުކަމަށް ބުނެ ނަމަވެސް، އަވަހަށް ނިންމަންޖެހޭ މަސައްކަތެއް ބަޔާންކޮށްފައިވާއިރު، އެ ކުންފުންޏަށް މުއްދަތުގެ ބައިން ޕޮއިންޓު ނުދޭން ނިންމާނެ އެކަށީގެންވާ ސަބަބެއްނެތް ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

"އެ ކުންފުނިން ހުށަހެޅި މަސައްކަތުގެ މުއްދަތަށް ޕޮއިންޓް ދީގެން ބީލަންތައް ވަޒަންކުރުން ކުރިއަށް ގެންދިއަނަމަ ބިޑް އިވެލުއޭޝަނުން އެންމެ ގިނަ ޕޮއިންޓް ލިބުމުގެ ފުރުސަތުު އޮތީ އެ ކުންފުންޏަށްކަން ފާހަގަކުރެވޭ،" އޮޑިޓް އޮފީހުން ބުންޏެވެ.

އެ މަޝްރޫއު ހަވާލުކުރުމުގައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވާ ރިޕޯޓުގައި އިތުރަށް ބުނީ އެ ކުންފުނިން ހުށަހެޅި މަސައްކަތުގެ މުއްދަތަށް ޕޮއިންޓް ނުދީ ބީލަން ވަޒަންކުރުމުން އެންމެ ގިނަ ޕޮއިންޓް ލިބުނު ކުންފުންޏަށް ޖީއެމްއައިޒެޑް އިން މަސައްކަތް ހަވާލުކޮށްފައިވާއިރު، އެކުންފުންޏަކީ ބީލަން ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ހަތަރު ވަނައަށް އެންމެކުޑަ އަގުހުށަހެޅި ކުންފުނިކަންވެސް ފާހަގަކުރެވޭ ކަމަށެވެ.

މިގޮތުން، މިމަޝްރޫއުގެ މަސައްކަތް 24 ދުވަހުގެ ތެރޭގައި ނިންމުމަށް ދިނުމަށް ބީލަން ހުށަހެޅި ކުންފުނިން 6.96 މިލިއަން ރުފިޔާގެ އަގެއް ހުށަހެޅިއިރު، ޖީއެމްއައިޒެޑްއިން މިމަސައްކަތް ކުރުވާފައިވާނީ އެ އަގަށްވުރެ 2.53 މިލިއަން ރުފިޔާ ބޮޑުކޮށް ކަމަށް ބުނެފައިވެ އެވެ.

އޮޑިޓު ރިޕޯޓުގައި އިތުރަށް ބުނީ ބިޑް އިވަލުއޭޝަނުން އެންމެ ގިނަ ޕޮއިންޓް ލިބުނު ކުންފުނިން 11.26 މިލިއަން ރުފިޔާގެ އަގެއް ހުށަހަޅާފައިވާއިރު، ދެވަނަ އަށް އެންމެ ގިނަ ޕޮއިންޓު ލިބުނު ކުންފުނިން 6.89 މިލިއަން ރުފިޔާގެ އަގެއް ހުށަހަޅާފައިވާތީ، ދެވަނަ އަށް އެންމެ ގިނަ ޕޮއިންޓު ލިބުނު ކުންފުންޏާ މަސައްކަތް ހަވާލުކުރަން ބިޑު ކޮމިޓީން ލަފާދިން ކަމަށެވެ.

"ނަމަވެސް، ޖީއެމްއައިޒެޑްގެ ބޯޑުން ނިންމާފައިވަނީ ބިޑް އިވެލުއޭޝަނުން އެންމެ ގިނަ ޕޮއިންޓް ލިބުނުު ކުންފުންޏާ ވާހަކަ ދައްކައިގެން އަގުު ކުޑަކުރުމަށްފަހުު އެކުންފުންޏާ މަސައްކަތް ހަވާލުކުރުމަށް،" އޮޑިޓު އޮފީހުން ބުންޏެވެ.

އެގޮތުން، އެ ކުންފުންޏާ މަޝްރޫއު ހަވާލުކޮށްފައިވަނީ ވާހަކަ ދައްކައިގެން އެ ކުންފުނިން ފުރަތަމަ ހުށަހެޅި އަގު 9.5 މިލިއަން ރުފިޔާއަށް ކުޑަކުރުމަށްފަހު އެވެ.

ނަމަވެސް، އެ އަގަކީ މަޝްރޫއުގެ ބަޖެޓަށް ވުރެ 1.72 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނީ އެ މަޝްރޫއު ހަވާލުކުރާނެ ފަރާތެއް ހޯދަން ހަމައެކަނި ޖީއެމްއައިޒެޑްގެ ވެބްސައިޓްގައި އިއުލާނުކޮށްފައިވަނީ އެ ކުންފުނީގެ ޕްރޮކިޔުމަންޓް އުސޫލާ ހިލާފަށް ކަމަށެވެ.

މިގޮތުން، ތިން މިލިއަން ރުފިޔާއަށް އިތުރަށް ހަރަދުވާ މަޝްރޫއުތައް ސަރުކާރުގެ ގެޒެޓާއި ޓީވީ އާއި ރޭޑިއޯ މެދުވެރިކޮށް އިއުލާނުކުރަންޖެހޭނެ ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވީ ނަމަވެސް، އެކަން އެގޮތަށް ކޮށްފައިނުވާ ކަމަށެވެ.

އެހެންކަމުން މުސްތަގުބަލުގައި މަޝްރޫއުތައް ހަވާލު ކުރުމުގައި ޕްރޮކިޔުމަންޓް އުސޫލާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް އޮޑިޓު އޮފީހުން ވަނީ ލަފާދީފައި އެވެ.