ހަބަރު

މާބަނޑު މީހާވެސް ދައުލަތުގެ އެހީ ބޭނުމެއް ނުވި

ބާޒާރުމަތީ ސަރަހައްދުގައި އުޅެމުންދާ މާބަނޑު މީހާ ދައުލަތުގެ އެއްވެސް އެހީއެއް ބޭނުން ނުވާ ކަމަށް ބުނެފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

އެހީތެރިކަން ބޭނުންވާ މާބަނޑު މީހަކު ބާޒާރުމަތީ ސަރަހައްދުގައި އުޅެމުންދާ ކަމަށް ބުނެ އާންމުންގެ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެކަން ޖެންޑާ މިނިސްޓްރީގެ ސަމާލު ކަމަށް ގެނެސްފަ އެވެ.

އެއާއެކު އޭނާ ހޯދަން ޖެންޑާ މިނިސްޓްރީން ވަނީ އާންމުންގެ އެހީތެރި ކަމަށް އެދިފަ އެވެ. އެ މިނިސްޓްރީން ބުނީ އެ އަންހެން މީހާ ހޯދުމަށް ފަހު އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް ހުށަހެޅި އެއްވެސް އެހީތެރިކަމެއް އޭނާ ގަބޫލު ކޮށްފައި ނުވާ ކަމަށެވެ.

ނަމަވެސް އެ އަންހެން މީހާ އިއްޔެގެ ވަގުތެއްގައި ފުލުހުންގެ އެހީތެރި ކަމާއެކު ހޮސްޕިޓަލަށް ގެންދެވި އޭނާގެ ހާލަތު ބަލާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

މާބަނޑު މީހާ، ސަރުކާރުގެ އެއްވެސް އެހީތެރި ކަމެއް ބޭނުންނުވާ ކަމަށް ބުނެފައިވާއިރު، އެމްޑީޕީގެ މުޒަހާރާތަކުގެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންދިޔަ މީހަކުވެސް ބާޒާރުމަތީ ސަރަހައްދުގައި ވަރަށް ނިކަމެތި ހާލަތެއްގައި އުޅެމުންދާ ކަމަށް ބުނެ އޭނާގެ ހާލަތުވެސް އާންމުންގެ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެކަން ހިއްސާކޮށްފަ އެވެ.

"ފްލެގް މޭން" ގެ ނަމުން މަޝްހޫރުވެފައިވާ އެމީހާ ވެސް ވަނީ ދައުލަތުގެ އެއްވެސް އެހީއެއް ބޭނުންނުވާ ކަމަށް ބުނެފައެވެ.