ޖުލައި 3، 2007 ވަނަ އަހަރު ގަލޮޅު މޯރީ ގަރާޖުގައި ވަރަށް ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގި އެވެ. ތަފާތު ގޭހާއި ކެމިކަލް ބޭނުން ކުރާ އެ ގަރާޖާއި ބޮޑު އަލިފާންގަނޑެއް ރޯވެ، އެތަނުގެ ވަށައިގެން ހުރި އެތައް ގެއެއް އަނދައި ހުލިވި އެވެ. އޭޕްރިލް 18، 2016 ގައި ވެސް ދިމާވީ އެކަހަލަ ހާދިސާއެކެވެ. ގިނަ އަދަދަކަށް ކެމިކަލް ރައްކާކޮށްފައި ހުންނަ ކޯސްޓްލައިންގައި ރޯވެ ބޮޑެތި ގެއްލުންތައް ވިއެވެ. އެންމެ ފަހުން މިދިޔަ ހުކުރު ދުވަހު ރޭ ހަމަ އެފަދަ ހާދިސާއެއް ހިނގައި ދިވެހި އަންހެނަކު މަރުވެ، 200 އެއްހާ މީހުންގެ ގެދޮރު ގެއްލި މަގުމަތިވީ އެވެ.
މިދިޔަ 12 ވަރަކަށް އަހަރު ތެރޭގައި މާލޭގައި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގާފައި ވަނީ ގަރާޖުތަކާއި ކެމިކަލް ރައްކާކޮށްފައި ހުންނަ ގުދަންތަކުގައި ރޯވެގެނެވެ. މާލޭގެ އާބާދީ ބައި މިލިއަނާ ގާތް ކުރާއިރު އެންމެން ތޮއްޖެހިގެން އުޅެން ޖެހޭ ތަނުގައި ކޮންމެ "ކަންމައްޗެއްގައި" ކެމިކަލް ފަދަ ނުރައްކާތެރި ބާާވަތްތައް ހުރެ އެވެ. ޑިފެންސް މިނިސްޓްރީގެ ހިސާބުތަކުން މާލޭގައި އެކަނިވެސް 126 ކެމިކަލް ގުދަން އެބަހުއްޓެވެ. އޭގެ ތެރެއިން 82 ގުދަނަކީ މީހުން ދިރިއުޅޭ ގެތަކާ އިންވެގެން ހުންނަ ގުދަންތަކެވެ.
އެއިން ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ނިއްވާލެވޭނެ ގޮތެއް އަދި އަލިފާން ނިއްވާ އުޅަނދަކަށް ހާދިސާ ހިނގި މަގަކަށް ވަދެވޭކަށް ވެސް ނެތެވެ. އަނެއްހެން ބުނާނަމަ މާލެ މި އޮތީ ފާޑެއްގެ "ޓައިމް ބޮމަކަށް" ވެފަ އެވެ.
މި މައްސަލަ ހައްލު ކުރުމުގެ ރޭވުންތަކަކާއި އަމަލީ މަސައްކަތްތަކެއް މިހާތަނަށް ފެނިފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ވެރިކަމުގަ އެވެ. ދެ ސަރުކާރަށް ވެސް އެއްބަސްވެވުނު އެއް ކަމަކީ ގަރާޖުތަކާއި ގުދަންތައް މީހުން ދިރިއުޅޭ ހިސާބުން ދުރަށް ޖައްސަން ވެއްޖެ އެވެ.
އެހެން ނަމަވެސް އެކަން އަމަލީ ގޮތުން ކުރުމުގައި ދެ ސަރުކާރުގެ ސިޔާސަތާއި ވިސްނުން ވަރަށް ތަފާތެވެ. ރައީސް ޔާމީންގެ ސަރުކާރުން މާލޭގެ ހުޅަނގު ދެކުނު ފަރާތުން ބޮޑު ބިމެއް ހިއްކާ، ހުރިހާ ގަރާޖަކާއި ގުދަންތަކާއި އެހެން ވެސް ނުރައްކާތެރި މަސައްކަތް ކުރާ ތަންތަން އެ ސަރަހައްދަށް ބަދަލު ކުރަން ނިންމި އެވެ. އެ މަސައްކަތް ވަކި ހިސާބަކަށް ގޮސްފައި އޮއްވާ މި ސަރުކާރުން ވެރިކަމާ ހަވާލުވެ ނިންމީ ނުރައްކާތެރި އެފަދަ ހުރިހާ ގުދަނެއް މާލެއިން ނެރެ ތިލަފުއްޓަށް ގެންދާށެވެ. ކެމިކަލް ފަދަ ތަކެތި ދެނެއް މާލެއަކު އޮޕަރޭޓެއް ނުކުރެވޭނެ އެވެ.
މިހާރު ގިނަ ބަޔަކު އުފައްދާ ސުވާލަކީ މި ދެ ގޮތުން ކުރެ އެންމެ ރަނގަޅީ ކޮން ގޮތެއް ހެއްޔެވެ. އެގޮތުން ވީހާވެސް އަވަހަށް ހައްލެއް ލިބޭނެ އަދި ދައުލަތުގެ ބަޖެޓަށް އެހާ ބޮޑު ބުރައެއް އުފުލަން ނުޖެހޭ ގޮތަކަށް އެ މަސައްކަތް ކުރެވޭނީ ކިހިނެތް ހެއްޔެވެ؟ ކެމިކަލްތައް ގެންގުޅޭ ވިޔަފާރިތަކަށް ވެސް އަދި ރައްޔިތުންނަށް ވެސް ރައްކާތެރި އަދި ފަސޭހަ މާހައުލެއް ގާއިމް ކުރެވެން އޮތީ ކޮން ޕްލޭނެއްގައި ހެއްޔެވެ؟ އެ ސުވާލުތަކުގެ ޖަވާބު ހޯދަން ޕްލޭންތަކުގެ ތަފްސީލަށް ބަލައިލަން ޖެހެ އެވެ.
އިންޑަސްޓްރިއަލް ވިލެޖުގެ ތަރައްގީ
ކުރީ ސަރުކާރު 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭ ފެށި އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތަކީ ލަކުޑި ގުދަންތަކާއި ކެމިކަލް ގުދަންތަކުގެ އިތުރު މާލޭގައި ހުރި ޕެޓްރޯލް ޝެޑުތަކާއި ބޮޑެތި ގަރާޖުތައް އެއް ތަނަކަށް ބަދަލު ކުރުމުގެ ބޭނުމުގައި ފެށި މަސައްކަތެކެވެ. އެހެން ނަމަވެސް މިހާރު އެތަން އެއޮތީ ބޭނުން ނުކޮށް އޮތް "ޖަންކްޔާޑަކަށް" ވެފަ އެވެ.
އެ މަޝްރޫއާ ބެހޭ ގޮތުން "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އިންޑަސްޓްރިއަލް ވިލެޖު ތަރައްގީ ކުރަން ނިންމީ ކެމިކަލް ގުދަންތައް އެކަހެރި ކުރިޔަސް ވިޔަފާރިވެރިންނަށް އެތަކެއްޗަށް ފަސޭހައިން އެކްސެސް ލިބޭނެ ގޮތަކަށެވެ. އަދި މާލޭގެ ސިނާއީ ހުރިހާ މައްސަލައައް އެއްތަނަކުން ހައްލު ކުރެވޭނެ ގޮތުގެ ބޮޑު ދިރާސާއެއް ކުރުމަށް ފަހުގަ އެވެ.
އެގޮތުން އިންޑަސްޓްރިއަލް ވިލެޖުން އިގްތިސޯދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ފައިދާވެ، މާލޭގެ ތޮއްޖެހުމަށް ވެސް ބޮޑު ލުއިއެއް ލިބިގެެން ދާނެ ކަމަށް މުއިއްޒު ވިދާޅުވެ އެވެ. ކުރީ ސަރުކާރުން ވާނީ މާލޭގައި ހުރި ސަރުކާރު ކުންފުނިތަކުގެ ބޮޑެތި ބިންތައް ނަގައި އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރަން އެގްރީމަންޓެއް ހަދާފައި ވެއެވެ. އޭގެ ސަބަބުން މާލެ ތެރެއިން އެތައް ހުސް ޖާގަތައް އުފެދި، ބޮޑެތި އުޅަނދުތައް މާލެ ތެރޭ ދުއްވުން ހުއްޓޭނެ އެވެ.
"ބައިވަރު ގުދަންތަކާއި ވޯކްޝޮޕްތަކާއި ވެއާ ހައުސްތަކާއި މި ހުރިހާ ތަކެތި ހުރުމުން ޓްރެފިކަށް އޭގެން ގެއްލުންވުމާއި، މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުންނަން ނުޖެހޭނެ ތަންތަން އެއްކައިރިޔަށް ގެންދިޔުން ޕްލޭނަކީ، ގިނައިން މި ހުންނަނީ ކޮންމެ ދުވަހެއްގެ ޑެއިލީ އޮޕަރޭޝަނަށް ބޭނުންވާ ތަކެތި. އެހެންވީމަ ވަކި ޕްލޭންއެއްގެ ތެރެއިން އެތަކެއްޗަށް ކޮންމެ ދުވަހަކު ވެސް އެކްސެސް ވެވޭ ގޮތަށް އެހެން ނަމަވެސް އާންމުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ތަނެއް ހެދުން. އަދި ބިންތައް ހުސްކޮށް މާލެ ތެރެއިން ބޮޑު ޖާގައެއް ހެދިގެން ދާނެ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ގޮތުގައި އިމާރާތްތައް ސިނާއީ އަވަށުން ކުއްޔަށް ދޭ ބިމުގެ ފައިސާ އިންނާއި ވެއާ ހައުސްތަކުން ލިބޭ ފައިސާ އިން އިންޑަސްޓްރިއަލް ވިލެޖު ތަރައްގީ ކުރަން ދިޔަ ހުރިހާ ހަރަދެއް ފަސް އަހަރު ތެރޭގައި ރިކަވާ ވާނެ އެވެ. އަދި އެއަށް ފަހު އިންޑަސްޓްރިއަަލް ވިލެޖުން ސަރުކާރަށް ބޮޑު އާމްދަނީއެއް ލިބެން ފަށާނެ އެވެ.
"މި ކިޔަނީ ދައުލަތަށް އާމްދަނީ ލިބޭ ތަނަކަށް އެތަން ބަދަލުވާނޭ، އެހެންވެ ކޮން ކަހަލަ ވާހަކައެއްތޯ މި ބޭފުޅުން [މި ސަރުކާރުން] މިދައްކަަނީ. އެތައް ގޮތަކުން ފައިދާ މި ވަނީ އިގްތިސޯދީ ފައިދާ ވޭ! ދައުލަތަށް އާމްދަނީ ލިބޭން ފެށީމަ އިޖްތިމާއީ ފައިދާ ވޭ! މާލެ ތެރޭ ހުންނަން ނުޖެހޭ ތަންތަން އެއްކައިރިޔަށް ގެންދިޔައީމަ، އަދި މާލޭ ތޮއްޖެހުން ކުޑަ ކުރެވޭ .ބޮޑެތި ބިންތައް ހުސް ކުރުމުން... އަދި އެތަނުގައި ބޮޑު ޕާކިން ސިސްޓަމެއް ގާއިމް ކުރަން ވެސް އޮތީ ނިންމާފައި،" މުއިއްޒު ވިދާޅުވި އެވެ.
އިގްތިސާދީ އިޖްތިމާއީ ބޮޑު އިންވެސްޓްމަންޓެއް ކުރެވޭ... ހުރިހާ ގޮތަކުން ވަރަށް ބޮޑަށް ރިސާޗްކޮށްފައި ވަރަށް ބޮޑަށް ޕްލޭން ކުރެވިފައި އޮތް ކަމެއް އެއީ. އެހެން ނަމަވެސް އެއީ ރައީސް ޔާމީން ކުރެއްވި ކަމެއްވީމަ އެކަން ކުރިޔަށް ގެންދަން މިހާރުގެ ބޭފުޅުން ބޭނުން ނުވަނީޑރ. މުއިއްޒު | ކުރީގެ މިނިސްޓަރު
އިންޑަަސްޓްރިއަލް ވިލެޖު ތަރައްގީ ކުރަން ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. އެ ފައިސާ އަނބުރާ ލިބޭ ގޮތަށް އެކަން ކުރެވެން އޮތް އިރު ތިލަފުއްޓަށް، އެ ބޭނުން ބަދަލު ކުރާތީ އެންމެ ބޮޑަށް ފާޑު ވިދާޅުވަނީ ވެސް މުއިއްޒެވެ.
"ގުޅިފަޅަށާއި ތިލަފުއްޓަށް ގެންދާ ވާހަކަ ބުނީމަ އަޅުގަނޑުގެ ސުވާލަކީ އެކަން ކިހިނެތްތޯ. ތިބޭފުޅުން އައްސަވާ ފިހާރަތަކުގެ ވެރިން ކައިރީ ކޮންމެ ދުވަހު އެ މީހުންނަށް ބޭނުންވާ ތަކެތި ހޯދަން ތިލަފުއްޓަށް ގޮސް އެ ބަލާ ދެވޭނެތޯ އެއީ ފަސޭހަ ކަމެއްތޯ؟ ކޮބާތޯ ތިލަަފުއްޓަށް ބްރިޖެއް ގުޅުވިފައި. ބްރިޖު ނާޅާ އެކަން ކުރީމަ ކޮން ކަަހަލަ އުނދަގުލެއްތޯ ވާނީ ރައްޔިތުންނަށް! އިންޑަސްޓްރިއަަލް ވިލެޖުގައި ޕާކު ނާޅާ މާލެ ތެރެއިން ބިން އެތަނަށް ބަދަލުކޮށް ހުސްވާ ބިންތަކުގައި ޕާކު އެޅުން މާ ރަނގަޅެއް ނޫންތޯ،" މުއިއްޒު ވިދާޅުވި އެވެ.
ތިލަފުއްޓަށް އަނެއްކާ 200 މިލިއަން ރުފިޔާ
މި ސަރުކާާރުގެ ވިސްނުމަކީ ގުދަންތައް މާލެއިން ބޭރުކޮށް ސިނާއީ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ތިލަފުއްޓަށް ގެންދާށެވެ. އެގޮތުން އިއްޔެ ވަނީ ތިލަފުށީގައި ހަދާ ވެއާ ހައުސްތައް ކުއްޔަށް ނެގުމުގެ ފުރުސަތު ހުޅުވަލައިފަ އެވެ.
އެކަމާ ބެހޭ އިތުރު ތަފްސީލް ދެއްވަމުން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯންގެ މެނޭޖިން ޑިރެކްޓަރަކަށް އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ތިލަފުށީގައި ކެމިކަލް ގުދަންތައް ރައްކާ ކުރަން ވަކިން ހާއްސަ ސަރަހައްދެއް ތަރައްގީ ކުރަން ވަނީ ނިންމާފަ އެވެ. އެ މަޝްރޫއަށް 200 މިލިއަނެއްހާ ރުފިޔާ ހަރަދު ވާނެ އެވެ.
އެ ޕްރޮޖެކްޓްގައި ތިލަފުށީގެ ވަކި ސަރަހައްދެއްގައި ބިންތައް ކަނޑައަޅައި މަގުތައް ތަރައްގީ ކުރާނެ އެވެ. އަދި ގުދަންތައް ހަދަން ކުންފުނިތަކަށް ދިނުމުގެ ބަދަލުގައި ސީދާ ސަރުކާރުން އެތަންތަން ތަރައްގީކޮށް ވެއާ ހައުސްތައް ކުއްޔަށް ދޭނެ އެވެ. އެ މަސައްކަތް ދެތިން މަހެއް ތެރޭ ކުރާނެ އެވެ.
"މިހާރު މާލޭގައި 126 ގުދަން ހުރި ކަމަށްވާނަމަ އެ ގުދަންތަކަށް އިސްކަން ދީގެން އަޅުގަނޑުމެން މި މަސައްކަތް ކުރާނީ. ކުންފުނިތަކަށް ބިންތައް ދޫކުރަން ފަށައިފިއްޔާ އެންމެ ރަނގަޅަށް އެ މަސައްކޮށް ނުކޮށްފާނެތީ ރައީސް ސޯލިހު ލަފާ ދެއްވީ ކުންފުނިން ވެއާ ހައުސްތަކެއް އެޅުމަށް ފަހު ވަކިވަކި ގުދަންތަކާ ހަވާލު ކުރަން. އެ މަސައްކަތަށް ޖުމުލަ 150 ނުވަތަ 200 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތިލަފުށީގައި ކެމިކަލް ގުދަންތައް އޮޕަރޭޓު ކުރަން އެ ކުންފުނިން އެހީވެދޭނެ އެވެ. އެގޮތުން މާލެއިން ތިލަފުއްޓާ ދެމެދު ކާގޯގައި ކެމިކަލްތައް އުފުލައިދޭނެ އެވެ.
ބޮޑު މަޝްރޫއު ޖަންކް ޔާޑަކަށް: ސިޔާސީ ކަމެއް
މިސާލަކަށް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގުޅިފަޅުގައި ޕާކާއި ގެދޮރާއި ފްލެޓު ވަރަށް ރަނގަޅަށް ތަރައްގީ ކުރުމަށް ފަހު މީހުން އެތަނަށް ބަދަލުވުމުގެ ކުރިން ސަރުކާރު ބަދަލުވި އެވެ. އަދި އެއަށް ފަހު ރައީސް ވަހީދުގެ ސަރުކާރުން ނިންމީ އެއީ މީހުން ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫނެވެ.
ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެއީ އެފަދަ ބޮޑު މަޝްރޫއަކުން ގިނަ ބަޔަކަށް ފައިދާ ވެއްޖެ ނަމަ އެއީ ސިޔާސީ ގޮތުން ރައީސް ނަޝީދަށް ލިބޭނެ ފައިދާ އެކެވެ. އެ ވާހަކަ ދެއްކެން އަބަދުވެސް އޮންނާނެ އެވެ. އެހެންވެ ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދު ކޮށްފައިވާ ބޮޑު މަޝްރޫއު ބޭނުން ނުކޮށް ހަމަ "ޖަންކް ޔާޑްއަކަށް" ހަދާލީ އެވެ.
މިހާރު ވެސް ދިމާވެގެން މި އުޅޭ ކަންތަކުގައި މާ ބޮޑު ފަރަގެއް ނެތެވެ. ރައީސް ޔާމީންގެ ސަރުކާރުން އިންޑަސްޓްރިއަލް ވިލެޖު ތަރައްގީ ކުރީ މާލެއިން ބޮޑު ޖާގައެއް ހުސްކޮށް ވަރަށް ފަސޭހަ ކަމާއެކީ ދައުލަތަށް އާމްދަނީ ވެސް ލިބޭ ރަނގަޅު ގޮތަކަށެވެ. ނަމަވެސް ހަމަ އެއް ގޮތަކަށް އެތަނަކީ އެއްގޮތަކަށް ވެސް ބޭނުން ހިފޭ ތަނަކަށް ނުވީ އެވެ. ހަމަ ބަދަލުވީ ޖަންކް ޔާޑަކަށެވެ. އަނެއްކާ ވެސް އިންޑަސްޓްރިއަލް ވިލެޖަށް ހަރަދުވި 200 މިލިއަން ރުފިޔާ އަލުން ތިލަފުއްޓަށް ހަރަދުކޮށްގެން އާ ތަނެއް ހަދަނީ އެވެ. މިއީ ސިޔާސީ ކަމެއް އަދި އިސްރާފެއް ނޫން އެހެން ކޮން އެއްޗެއް ހެއްޔެވެ؟