ހުކުރު ދުވަހުގެ ރޭ ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އިމާރާތްތައް އިސްޕެކްޓް ކުރުމުގެ މަސައްކަތުގައި ކުރަމުންދާކަމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވޮލެޕްމަންޓުން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ މާލޭގައި މިފަހުން ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އިމާރާތްތައް އިސްޕެކްޓް ކުރުމުގެ މަސައްކަތުގައި އެ މިނިސްޓްރީގެ މުވައްޒަފުން ދަނީ ހަރަކާތްރެރިވަމުން ކަމަށެވެ.
އެގޮތުން އަލިފާނުގެ ހާދިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު އިމާރާތްތަކާއި، އަލިފާނުގެ ހާދިސާގައި އެކި ގޮތްގޮތުން އަސަރުކޮށްފައިވާ އިމާރާތްތަކުގެ ހާލަތު ބަލަމުންދާކަމަށެވެ.
ހުކުރު ދުވަހުގެ ހާދިސާގައި ތިން ގުދަނެއް ވަނީ މުދަލާއެކު އަދާ އަޅިއަށްވެފައެވެ. އަދި ހަތް އިމާރާތެއްވެސް ވަނީ ވަރަށް ބޮޑަށް އަދާފައެވެ. މީގެ އިތުރުން ކައިރީގައި ހުރި އިމާރާތްތަކަށް އެކި ގޮތްގޮތުން ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.
އަލިފާނުގެ ހާދިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު އިމާރާތް ރޭ ވަނީ އަރިއަޅާލާފައެވެ. އިމާރާތް އަރިއަޅާލާފައިވަނީ އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ސިފައިން ކުރަމުންދަނިކޮށެވެ. އެ މަސައްކަތް މިހާރުވެސް ސިފައިން ދަނީ ކުރަމުންނެވެ.
އަބަދަށްފެހި މަގުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި، އަލިފާނުގެ އަސަރު ކޮށްފައިވާ ހުރިހާ އިމާރާތެއްގެ ރައްކާތެރިކަމާބެހޭ ރަނގަޅު ދިރާސާއެއް ހަދަންޖެހޭނެ ކަމަށް ތަޖުރިބާކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ. ހަ ގަޑިއިރު ވަންދެން އިމާރާތްތަކުގައި ވަރުގަދައަށް އަލިފާން ހިފާފައިހުރިއިރު އެ އިމާރާތްތައް ބޭނުން ކުރުން ރައްކާތެރި ނޫންކަމަށްވެސް އެ ފަދަ ބޭފުޅުން ވިދާޅުވެއެވެ.
ކޮންކްރީޓުން ހަދާފައިވާ ތަންތަނަށް އެފަދަ ގަދަ ހޫނުގެ އަސަރު ކޮށްފިނަމަ ވަރަށް ތަފާތު ހާލަތެއް އެ އިމާރާތްތަކަށް މެދުވެރިވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށްވެސް ވިދާޅުވެއެވެ.