ހަބަރު

މެންބަރު މުއިއްޒު ވާހަކައިގެ ހަގީގަތް ބަލަން ޖެހޭ: އިދިކޮޅު

މަޖިލިސް މެމްބަރު އިބްރާހިމް މުއިއްޒު ދެއްކެވި ވާހަކައިގެ ހަގީގަތް ބަލަން ޖެހޭނެ ކަމަށް އިިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.

އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ކޮންގްރެސްގެ ޕީޖީ އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން ގޮތް ނޭނގޭ ކަންތައްތަކެއް ހިނގި ކަމަށެވެ. އެ ގޮތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ފޭސްބުކްގައި ލިޔުއްވި ނުރައްކާތެރި ވާހަކަތަކުގެ ހަގީގަތް ހޯދާ ބަލަން ޖެހޭ ކަމަށެވެ.

މެމްބަރު މުއިއްޒު އިއްޔެ ވިދާޅުވީ މާލޭގައި ހިނގާ މިދިޔަ އަލިފާނުގެ ހާދިސާއަކީ ރޭވި އިންތިޒާމް ވެގެން ދީފައިވާ ޓެރަރިސްޓް ހަމަލާ އެއް ކަމަށެވެ.

"ސްޓޭޓަސްގައި ލިޔެފައި އެބޮތް މިއީ ބަޔަކު ރާވައިގެން ދީފައިވާ ޓެރަރިޒަމްގެ ހަމަލާ އެއް ކަމަށް. އަޅުގަނޑުމެންނަށް މަޖިލިސްގެ ތެރެއިން ފާހަގަ ކުރެވެނީ މެމްބަރު މުއިއްޒަކީ ބަސްމަދު ބޭފުޅެއްގެ ގޮތުގައި. އެހެންވީމާ އެމަނިކުފާނުގެ ފޭސްބުކް ސްޓޭޓަސްގައި އެވަރުގެ ނުރައްކާތެރި ވާހަކަ ފުޅެއް ވިދާޅުވާނީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެމަނިކުފާނު ޒިންމާދާރު ގޮތެއްގައި ކަމާ ބެހޭ ހުރިހާ މުއައްސަސާ އަކަށް އެ މައުލޫމާތު ހިއްސާ ކުރެއްވުމަށްފަހުގައި" އާދަމް ޝަރީފް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެ ސްޓޭޓަސް އަކީ ރައްޔިތުންގެ ސަމާލުކަމަށް އެކަން ގެންނަން ޖެހޭ ހާލަތަށް އެކަން ގޮސްފި ކަމަށް އެމަނިކުފާނަށް ގަބޫލު ކުރެއްވިގެން މެމްބަރު މުއިއްޒު ޖެއްސެވި ސްޓޭޓަސް އެއް ކަމަށެވެ. އަދި އެމްޑިޕީގެ މެމްބަރަކަށސް ވެ ހުރެ ޖެއްސެވި ސްޓޭޓަސް އަށް މިހާރުވެސް އެއްވެސް ބަދަލެއް ގެނެސްފައި ނެތުމުން މުޅި ގައުމު މި ކަމުގެ ސަމާލުކަމަށް ގެންނަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ މިހާ ހިސާބަށް އައިއިރު އެ މަނިކުފާނުގެ ސްޓޭޓަސް އެހެން އޮވެ އެއްވެސް ފަރާތަކުން މިކަމާ ގުޅޭ ގޮތުން އެއްވެސް ބަސްފުޅެއް ވިދާޅުނުވެ އޮތީމަ. މިއީ އަޅުގަނޑުމެން ދެކޭ ގޮތުގައި ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް"

ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން މިއަދު ފުލުހުން ދިން ޕްރެސް ކޮންފަރެންސްގައި އެ ހާދިސާއަކީ ރޭވިގެން ހިންގި ޓެރަރިޒަމްގެ އަމަލެއް ކަން ސާބިތުވާނެ ހެއްކެއް އަދި ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން އެ އަލިފާން ރޯވީ ޓެރަރިޒަމްގެ އަމަލަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ތުހުމަތު ކުރައްވާފައި ވާތީ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުގައި ސީރިއަސް އެންޑް އޮގަނައިޒްގެ ކުރައިމް ޑިޕާޓްމަންޓްގެ ވެރިޔާ ސުޕުރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން އެ ހާދިސާ ހިނގާފައި ވަނީ ޓެރަރިޒަމްގެ އަމަލަކުން ކަމަށް ބެލެވޭ ހެއްކެއް ލިބިފައިނުވާ ކަމަށެވެ.