ދުނިޔޭގެ އެންމެ ބޮޑު އެއް ޓްއާ އޮޕަރޭޓަރު ތޯމަސް ކުކް ބަނގުރޫޓުވުމާއި ގުޅިގެން، އެ ކުންފުނި މެދުވެރިކޮށް ރާއްޖެ އައިސްފައިވާ ފަތުރުވެރިން އަނބުރާ އެ މީހުންގެ ގައުމުތަކަށް ގެންދިއުމުގައި އެހީތެރި ވެދޭން ޓްއަރިޒަމް މިނިސްޓްރީ ތައްޔާރުވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ތޯމަސް ކުކްގެ ބޭންކްރަޕްސީ އިއުލާނު ކޮށްފައިވާއިރު އެކަން ރާއްޖޭގެ ރިސޯޓު ތަކަށް ވެސް ވަނީ އަންގާފަ އެވެ. އަދި އެ ކުންފުނި މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޗުއްޓީ ހޭދަ ކުރަން ގޮސް ތިބި އެތައް ހާސް ބަޔަކު ވަނީ ނުފުރި އެއާޕޯޓްތަކުގައި ތާށިވެފަ އެވެ. ޗުއްޓީއަށްފަހު، އެނބުރި ގައުމަށް ދެވޭނެ ކަމުގެ އުންމީދު ގެއްލިފައިވާ އެތައް ބަޔަކު ވެސް އެބަތިއްބެވެ.
ޓުއަރިޒަމުން މިރޭ އިނގިރޭސި ބަހުން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ތޯމަސް ކުކް މެދުވެރިކޮށް ރާއްޖެ އައިސްފައިވާ ފަތުރުވެރިން މިނިސްޓްރީއާ އެމްއެމްޕީއާރްސީ ގުޅިގެން އެ މީހުންގެ ގައުމުތަކަށް އަނބުރާ ދެވޭނެ އިންތިޒާމު ހަމަޖައްސަން ކަމާގުޅޭ ފަރާތްތަކާއެކު ކައިރިން މަސައްކަތް ކުރާނެ ކަމަށެވެ.
އަދި ރާއްޖޭގެ ކަމާގުޅޭ އިދާރާތަކުން މިހާރު ގެންދަނީ ތޯމަސް ކުކް މެދުވެރިކޮށް ރާއްޖޭގެ ރިސޯޓްތަކަށް އައިސް ތިބި ފަތުރުވެރިންގެ އަދަދާއި އެ މީހުންގެ މައުލޫމާތާއި އަނބުރާ ގައުމަށް ދާން ހަމަޖައްސާފައިވާ ދުވަސްތަކާއި ގުޅޭ މައުލޫމާތު ހޯދަމުންނެވެ.
އަދި އެފަދަ ފަތުރުވެރިންނަށް ވީއައިއޭގައި ހާއްސަ ހެލްޕް ޑެސްކެއް މިހާރު ވަނީ ބަހައްޓާފަ އެވެ. އަދި އެފަދަ އެއްވެސް ފަތުރުވެރިއަކަށް ނުފުރިފައި ތިބެން ނުޖެހޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގެ ރިސޯޓްތަކުގައި ވެސް ތޯމަސް ކުކް މެދުވެރިކޮށް އައިސްފައިވާ ގިނަ އަދަދެއްގެ ފަތުރުވެރިން އެބަތިއްބެވެ. އަދި ތޯމަސް ކުކް މެދުވެރިކޮށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ފަހު ގުރޫޕު ފުރަން ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު އެވެ.
ތޯމަސް ކުކަކީ ރާއްޖެއަށް އެންމެ ގިނަ އިން މީހުން ގެންނަ އެއް އޮޕަރޭޓަރަށް ވުމުން އެ ކުންފުނި ބަނގުރޫޓްވުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ.
ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދާއި، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދު ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އެ ދެ ބޭފުޅުން ވިދާޅުވީ ރާއްޖެ އަންނަ ފަތުުރުވެރިންނަށް ފުރިހަމަ ޚިދުމަތެއް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ. އެގޮތުން ތޯމަސް ކުކް މެދުވެރިކޮށް ރާއްޖެ އައިސްފައިވާ ފަތުރުވެެރިން އަނބުރާ ގައުމަށް ފޮނުވައި ދިނުމުގައި އެހީވެ ދެއްވާނެ ކަމަށެވެ.