ލައިފްސްޓައިލް

ސްކޫލް ދޮށަށް ހިނގުން މިއީ ވޭން ހުރި ކަމެއް!

ދަރިފުޅު ބަލާ ސްކޫލް ދޮށަށް ނޫނީ ލާންދަނީ ވަޒީފާގައި އުޅެމުން ކުޑަ ވަގުތު ކޮޅަކަށް ވިޔަސް އޮފީހުން ނިކުމެލައިގެނެވެ. ލިބޭ ކުޑަ ވަގުތުކޮޅުގައި ބޭނުންވަނީ އަވަހަށް ދަރިފުޅު ލާފައި އަވަހާ އޮފީހަށް ވަންނާށެވެ. އެ ނުވަތަ އެހެން ކަމެއްގެ ތެރޭގައި އުޅެމުންނެވެ. ސީދާ ސްކޫލަށް ލާން ނުވަތަ ބަލާ ދިޔައަސް ވީ އަވަހަކަށް އެކަން ނިންމާލާން ބޭނުން ވެއެވެ.

މާލޭގެ މަގުތަކުގައި ސްކޫލް ސެޝަން އޮންނަ ގަޑިތަކުގައި ވަކިން ހާއްސަކޮށް ތޮއްޖެހުން ބޮޑެވެ. މީހުން ގިނައެވެ. ހިނގާ މީހުންނާއި ދުއްވާ އެއްޗެހި ވެސް ގިނައެވެ. ކޮންމެ މީހެެއްގެ ވެސް ބޭނުމަކީ ގަޑިނުޖެހި ދަރިފުޅު ސްކޫލަށް ލާފައި ދުވަހުގައި ދެން ކުރަން އޮތް ކަންކަމައިގެން އުޅޭށެވެ.

ސްކޫލް ދޮށަށް ދާ ބައެއް މީހުން ކަން ކުރާ ގޮތެއް އޮވެ އެވެ. އެހެން މީހަކަށް ނުވަތަ ކުއްޖަކަ ށްވެސް ބެލުމެއް ނޯންނަނީ އެވެ. ސީދާ ސްކޫލް ގޭޓް ކުރިމަތީ ސައިކަލް ޕާކްކޮށްލަނީ އެވެ. ދެން ހަމަޖެހިލައިގެން ދަރިފުޅު ސްކޫލަށް ލާން ވަންނަނީ އެވެ. އެހެން މީހަކު ވެސް ކުއްޖަކު ވެސް ވަންނާނެ ޖާގައެއް ނޯވެ އެވެ. ޕާކްކޮށްފައި ހުންނަ ސައިކަލުގެ ސައިލެންސަރުގައި ފައި ކިރިޔާ ޖެހި ނުޖެހޭ ގޮތަކަށް އެހެން ކުދިން ސްކޫލަށް ވަންނަ މަންޒަރަކީ އުނދަގޫ މަންޒަރެކެވެ. ވަގުތު ކުޑަތަންވެފައި އޮތަސް އެހެން މީހުނަށް ބަލައިލުމުގެ އާދަ އޮންނަންވާނެ އެވެ.

ދެން އޮތީ ޕްރައިވެޓް ކާރުތަކާއި ޓެކްސީތަކެވެ. ސްކޫލް ގަޑި ޖެެހެން ކުޑަތަންވެފައި ވަނިކޮށް ޕްރައިވެޓް ކާރުތަކާއި ޓެކްސީތައް ގޮސް ސްކޫލާއި ކައިރި ކޮށްލަނީ އެވެ. އެންމެ ކުއްޖަކު އެ ކާރުން ފައިބައިގެން ސްކޫލަށް ވަންނަންދެން މުޅި މަގުގެ ޓްރެފިކް ހުއްޓެ އެވެ. ސްކޫލް ކުދިންނާއި ދެން އެ މަގުން ދަތުރުކުރާ އެއްމެން ތާށިވެފައި ތިބެ އެވެ. މިއީވެސް ގެއްލޭ ބައިވަރު ވަގުތެވެ.

ސްކޫލެއް ކައިރީ ހިމަ ގޯޅިތަކުގައި ސައިކަލް ބަހައްޓާއިރު ހިނގާ ބިނގާ އުޅޭ މީހުންނަށް ޖާގައެއް ނޯވެއެވެ. ދުވާރަށް އަރައިފިއްޔާ ފޭބެނެ ގޮތެއް ވެސް ނޯވެ އެވެ. ޕާކްކޮށްފައި ހުންނަ ސައިކަލްތަކާއި ހެދި ކުރިއަށް ނުދެވި މަގު ބެދެ އެވެ. ދެކޮޅަށް ދުއްވާ މަގެއްވެއްޖެއްޔާ ތާށިވެ އެތައް ވަގުތެއް ގެއްލެ އެވެ.

ސްކޫލް ދޮށަށް ދާ ބަޔަކު ކަންކުރާ އެހެން ގޮތެއް ވެސް އޮވެއެވެ. ދަރިފުޅު އަތުގައި ހިފައިގެން ހިނގާއިރު ދުވާރު މަތިން ދިއުން ނޯންނަނީ އެވެ. ދެވުނު ގޮތަކަށް ދަނީ އެވެ. ފަހަތުން އަންނަ ސައިކަލުތައް އޭނާއަށް ސަމާލުވާނެ ކަމަށް ބަލައިގެން ދަނީ އެވެ.

ސްކޫލް ގަޑިތަކުގައި މަގުމައްޗަށް އަރާ ބާރުގަނޑު ކުޑަ ކުރަން ޓްރެފިކް ޕޮލިސް ހަރަކާތްތެރިވެ އެވެ. ބޮޑެތި ސްކޫލް ދޮށުގައި ސެޝަންތަށް ފަށާއިރު އަދި ނިމޭއިރު މަގުބަންދުކޮށް ޓްރެފިކް ޑައިވާޓް ކުރާ މަންޒަރު ފެންނާނެ އެވެ. އެކަމު އެއީ ހުރިހާ ސްކޫލެއްގެ ކައިރިޔަކު ނޫނެވެ.

ސުކޫލް ދޮށަށް އަޅާ ދަތުރަކީ ދުވާލަކު އެއްފަހަރަށް ވުރެ ގިނައިން ދާންޖެހޭ ދަތުރުކެވެ. ސައިކަލްތަކުގައި އަވީލެވި، ތޮއްޖެހި ޓްރެފިކުން ސަލާމަތް ނުވެގެން އުޅުމަށް ވުރެ ހިނގާފައި ދާނަމަ އެތައް ގުނައެއް ފަސޭހަ ކޮށްދޭނެ އެވެ.

"ވޯކް ޓް ސްކޫލް" ފަދަ ކެމްޕެއިންތަކަކީ ދުނިޔޭގެ ތަރައްގީ ވެފައިވާ ގައުމުތަކުގައި ކުރާ ކަމެކެވެ. މިއީ ތިމާވެެއްޓާއި ރައްޓެހި އަދި ކުދިންގެ ސިއްހަތަށް ވެސް ފައިދާ ކުރާނެ ކަމެކެވެ. ހިނގާފައި ދާނަމަ ކުދިންގެ ހަރަކާތްތެރިވުން އިތުރުވާނެ އެވެ. ހިނގުމުން ލިބޭ ފައިދާގެ އިތުރުން އިޖުތިމާއީ ގުޅުން ބަދަހިވާނެ ކަމެކެވެ. ކުރިން އެއް އުމުރެއްގެ އަވަށްޓެރި ކުދިން ސްކޫލަށް ގޮސް އުޅުނު ވެސް މެއެވެ. މޮނިޓަރު ފޮތްބަރި ހިފާލައިގެން ގާތް ރަހުމަތްތެރިންނާއެކު ކުދިން ސްކޫލަށް އެކީގައި ގޮސް އުޅުނު މަންޒަރު މާލެއިން ވެސް އަހަރުތަކެއް ކުރިން ފެނުނެވެ. ބައިސްކަލުގައި ދިޔަ ދުވަސްވަރެއް ވެސް ދިޔައެވެ. މިހާރުވެސް މިގޮތަށް ނުދެވޭނެ ސަބަބެއް ނެތެވެ.

ސްކޫލް ދޮށު ތަޖުރިބާއަކީ ވޭނެއް ކަމުގައި ސްކޫލް ދޮށަށް ދާ ކޮންމެ މީހަކުވެސް އެއްބަސްވާނެ އެވެ.