ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު އުފައްދާ ކުންފުނިކަމަށްވާ ޔާޝް ރާޖް ފިލްމްސްގެ "ދޫމް" ސިލްސިލާގެ މިހާރު ތިން ފިލްމެއް ނިކުމެ، މިތިން ފިލްމުވެސް ބްލޮކްބާސްޓާ އަކަށް ވެފައިވާއިރު މިހާރު ތައްޔާރުވަމުން އަންނަނީ މިސިލްސިލާގެ ހަތަރު ވަނަ ފިލްމު އުފެއްދުމަށް ތައްޔާރުވަމުންނެވެ.
އެގޮތުން "ދޫމް 4"ގެ ލީޑްރޯލުން ފެނިގެންދާ ތަރިން މިހާރު ހަމަޖެއްސުމުގެ މަސައްކަތް މިފިލްމުގެ ޕްރޮޑިއުސަރު ކުރަމުން އަންނަ ކަމުގެ ވާހަކަތަކެއް ދެކެވެމުން އަންނައިރު، މިރޯލުތައް ކުޅެން މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން އާއި ބަތަލާ ދިޕިކާ ޕަދުކޯން ހަމަޖައްސާފައިވާ ކަމުގެ އަޑުތަކެއްވެސް ވަނީ އަރާފަ އެވެ.
ކޮންމެ އަކަސް މިދެތަރިން "ދޫމް 4"ގެ ލީޑްރޯލަށް ހަމަޖެއްސިކަމުގެ އަޑުތަކެއް އެރިނަމަވެސް ބައެއް ފަރާތްތަކުން ވަނީ މިދެތަރިން ހަމަޖައްސާފައިވަނީ "ދޫމް 3" ގެ ޑައިރެކްޓަރު ކްރިޝްނާ އަޗާރިޔާ ޑައިރެކްކުރުމަށް ހަމަޖެހިފައިވާ ޔާޝް ރާޖްސް އިން އުފައްދާ އެހެން ފިލްމަކަށް ކަމަށްވެސް ބުނެފަ އެވެ.
މިހުރިހާ ވާހަކަތަކެއް ދެކެވުމުން ދަނިކޮށް ދިޕިކާ ވަނީ ރިތިކް އާއިއެކު ފިލްމެއް ކުޅެން ޔާޝް ރާޖް އިން ހުށަހަޅާފައިނުވާ ކަމަށް ބުނެފަ އެވެ.
އިތުރަށް ރިތިކް އާއިއެކު ފިލްމެއް ކުޅެން ހުށަހަޅާފައިނުވާ ކަމަށް ބުނަމުން ދިޕިކާ ވަނީ އޭނާއަށް ޔާޝް ރާޖްއިން ހުށަހެޅި ފިލްމު ކުޅެން އެއްބަސްނުވި ވާހަކަތަކެއްވެސް ފެތުރިފައިވާ ކަމަށާއި އޭނާ އަށް ހުށަނާޅާ ފިލްމެއް ކުޅެން އެއްބަސް ވަނީ ކިހިނެއް ކަމަށް ބުނެފަ އެވެ.
"ޔާޝް ރާޖްސް އިން އަހަންނަށް ފިލްމެއް އޮފާއެއް ނުކުރޭ" ދިޕިކާ ބައިވެރިވި އިވެންޓެއްގައި ރިތިކް އާއިއެކު ފިލްމެއް ކުޅެންތޯ އެހުމުން ބުންޏެވެ.
ރިތިކް މީގެކުރިން "ދޫމް 2" ގެ ލީޑްރޯލުން ފެނިގެން ގޮސްފައިވާއިރު، މިސިލްސިލާގެ ފުރަތަމަ ބައިގެ ލީޑްރީލުން ފެނިގެން ގޮސްފައިވަނީ ޖޯން އަބްރަހަމް އެވެ. އަދި އެންމެފަހުން ރިލީޒްކުރި ތިންވަނަ ބައިގައި ލީޑްރޯލުން ފެނިގެން ގޮސްފައިވަނީ އާމިރް ޚާން އެވެ. މިސިލްސިލާގެ ކޮންމެ ބައެއްގެ ބަތަލު އަދި ބަތަލާ ކޮންމެ ފަހަރަކު ބަދަލުވެފައިވާއިރު، މުހިންމު ރޯލުން ފެނިގެންދާ އަބީޝެކް ބައްޗަން އާއި އުދޭ ޗޯޕްޅާ އަންނަނީ އެންމެފުރަތަމަ ފިލްމުން ފެށިގެންވެސް މިސިލްސިލާގެ ފިލްމުތަކުގައި ހަރަކާތްތެރިވަމުންނެވެ.
"ޕީކޫ" އިން އެންމެފަހުން ފެނިގެންގޮސްފައިވާ ދިޕިކާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ބާޖީރާއޯ މަސްތާނީ" އިން އެކްޓަރު ރަންވީރު ސިންގް އާއި ޕްރިޔަންކާ ޗޯޕްޅާ އެކުގަ އެވެ. ދާދިފަހުން ދިޕިކާ ވަނީ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރު އާއިއެކު ފެނިގެންދާ ޑައިރެކްޓަރު އިމްތިޔާޒް އަލީގެ "ތަމާޝާ"ގެ ޝޫޓިން ނިންމާލާފަ އެވެ.