ހަބަރު

މިނިސްޓަރު ނަހުލާ ކެނެޑާއަށް

ކެނެޑާގެ މޮންޓްރިއޯލްގައި ބާއްވާ ބައިނަލް އަގުވާމީ ވައިގެ ދަތުރު ފަތުރުގެ ޖަމިއްޔާ، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އީކާއޯ) ގެ އާންމު ޖަލްސާއަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ފުރާ ވަޑައިގަންނަވައިފި އެވެ.

މިއަދުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އޮންނަ އެ ޖަލްސާގައި ރާއްޖެ ތަމްސީލު ކުރާ ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުގައި ނަހުލާ ވަޑައިގަންނަވާ އިރު، އެ ވަފުދުގައި ޓްރާންސްޕޯޓް މިނިސްޓްރީއާ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސް ބައެެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

އިކާއޯހެ އާންމު މަޖިލީހަކީ އެ ޖަމުއިއްޔާގެ ހުރިހާ މެމްބަރު ގައުމުތަކަށާއި، ވައިގެ ދަތުރުފަތުރާއިބެހޭ ބައިނަލް އަގުވާމީ އެހެނިހެން ޖަމިއްޔާ ތަކަށް ދައުވަތުދީގެން ކޮންމެ ތިން އަހަރުން ބާއްވާ ބައްދަލުވުމެކެވެ. މިފަހަރު 192 މެމްބަރު ގައުމުތަކުގެ ތެރެއިން 172 ގައުމަކާއި، ވައިގެ ދަތުރުފަތުރާއި ގުޅުން ހުރި 61 ބައިނަލް އަގުވާމީ ޖަމުއިއްޔާއަކުން ބައިވެރިވާނެ އެވެ.