ވިޔަފާރި

އެނބޫދޫ ފަޅު ޓޫރިޒަމް މަޝްރޫއު ހިސްޓްރީ ޗެނަލުން ދައްކަން ފަށައިފި

ރާއްޖޭގެ ޓޫރިޒަމް ތާރީހުގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ އެނބޫދޫ ލެގޫންގެ "ކްރޮސްރޯޑް މޯލްޑިވްސް" ގެ ޑޮކިއުމެންޓްރީ، ހިސްޓްރީ ޗެނަލުން ދައްކަން ފަށައިފި އެވެ.

"މޭކިން އޮފް ކްރޮސްރޯޑް މޯލްޑިވްސް" ގެ ނަމުގައި މި މަޝްރޫއުގެ ޑޮކިއުމެންޓްރީ ހިސްޓްރީ ޗެނަލުން ދައްކަން ފަށާފައިވަނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ. މިއީ ދުނިޔޭގެ "މެގަ ޕްރޮޖެކްޓް" ތަކުގެ މޭކިން ދައްކާ ހިސްޓްރީ ޗެނަލުން ރާއްޖޭގެ މަޝްރޫއެއްގެ ޑޮކިއުމެންޓްރީ ދައްކާ ފުރަތަމަ ފަހަރެވެ.

އެތައް މިލިއަން މީހުން ބަލާ ހިސްޓްރީ ޗެނަލުން ދައްކާ ރާއްޖޭގެ ކްރޮސްރޯޑް މަޝްރޫއުގެ ޑޮކިއުމެންޓްރީގައި މި މަޝްރޫއު ފުރަތަމަ ދުވަހުން ފެށިގެން ހުޅުވުމާ ހަމައަށް ކުރި ހުރިހާ މަސައްކަތް ތަކެއް ފެނިގެންދެ އެވެ.

ތައިލެންޑުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ސިންހަ އެސްޓޭޓް ކުންފުނި ހިންގި މި ބިޔަ މަޝްރޫއުގައި ގިނަ އަދަދެއްގެ ދިވެހި ކުންފުނިތަކުން މަސައްކަތް ކޮށްފައި ވެއެވެ. ޑޮކިއުމެންޓްރީގައި ދިވެހި އިންޖިނޭރުންނާއި ކޮންޓްރެކްޓަރުންގެ އިންޓަވިއުތައް ވެސް ހިމަނާފައި ވެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފަށައި އެނބޫދޫ ފަޅުގައި ހިންގި ޓޫރިޒަމް ބިޔަ މަޝްރޫއުގެ ފުރަތަމަ ބައި ހުޅުވާފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ހުޅުވައި ދެއްވީ މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެނބޫދޫ ފަޅުން ހަތް ކިލޯ މީޓަރުގެ ސަރަހައްދެއް ހިއްކައިގެން 2017 ވަނަ އަހަރު ފެށި، "ކްރޮސްރޯޑް މޯލްޑިވްސް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުވާފައިވަނީ "މިއުޒިކީ ފުށި - ހާޑްރޮކް ހޮޓެލް" އާއި "ހިލްޓަން ކަލެކްޝަންގެ ސައި ލެގޫން މޯލްޑިވްސް" އަދި ރާއްޖޭގައި ހަދާފައިވާ އެންމެ ބޮޑު ޔޮޓް މެރީނާ "ދަ މެރީނާ މޯލްޑިވްސް" އެވެ. މި މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ހިންގި "އިންޓަގްރޭޑެޑް ޓޫރިޒަމް"ގެ ހަމައެކަނި މަޝްރޫ އެވެ.

މި މަޝްރޫއުގެ ދަށުން އެނބޫދޫ ފަޅުގައި ދުނިޔޭގެ އެންމެ މަޝްހޫރު ކެފޭތަކާއި ރެސްޓޯރެންޓްތަކާއި ވިޔަފާރި ކުރުމުގެ ވަސީލަތްތައް ވަނީ ހުޅުވާފަ އެވެ. މިހާރު އެތަނުގައި ހުޅުވާފައިވާ މަޝްރޫއު ތަންތަނުގެ ތެރޭގައި "ހާޑްރޮކް ކެފޭ" އާއި "ކެފޭޑެލްމާ" އަދި "މިނިސްޓްރީ އޮފް ކްރެބް" އަދި "ކަބާކް ކަރީ" އާއި "ޗާޓައިމް" ފަދަ ތަންތަން ހިމެނެ އެވެ. މީގެ އިތުރުން އެތަން ހަދާފައިވަނީ ރާއްޖޭގައި މިހާތަނަށް ހަދާފައިވާ ރާއްޖޭގެ މައުލޫމާތު ބޭރު މީހުންނަށް އެންމެ ރަނގަޅަށް އެނގޭނެ މިއުޒިމް ވެސް ހިމަނައިގެނެވެ. ރާއްޖެއަށް ޒިޔާރަތް ކުރި މީހުންނާއި ރާއްޖޭގެ ބަހާއި ރާއްޖޭގެ ތާރީހު އެންގެން ހުރެ އެވެ.

ފަޅު ހިއްކައިގެން ހިންގާ މި މަޝްރޫއުގެ ދަށުން، ޖުމްލަ ނުވަ ރަށް ހިމެނެ އެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވައްސަށް 311 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ) ހަރަދުވެ އެވެ. އަދި 2021 ވަނަ އަހަރު މުޅި މަޝްރޫއު ނިމޭއިރު މުޅި މަޝްރޫއަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) ހަރަދުވާނެ އެވެ.