ދީނަށް ފުރައްސާރަ ކުރުން

"ޖުހާ" ޕޭޖް ބްލޮކް، އެކަމަކު ވަދެވޭ!

މާތް ވެގެން އިސްލާމްދީނަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް "ޖުހާ" ގެ ނަމުގައި ހިންގަމުންދާ ޕޭޖަށް ނުވަދެވޭ ގޮތް ހަދަން މަސައްކަތް ކުރަމުންދާ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވީ، އެ ޕޭޖް ބްލޮކް ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ. "ޖުހާ" ޕޭޖުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ގިނަ ޕޯސްޓްތަކެއް ކުރަމުން ދެއެވެ. އެކަމާއި ގުޅިގެން އާންމުން ގެންދަނީ އެ ޕޭޖް ބްލޮކް ކުރަން އެދެމުންނެވެ.

ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން މިއަދު ބުނީ އެ ޕޭޖް ބްލޮކްކޮށްފައިވާ ކަމަށެވެ. ނަމަވެސް މިނިސްޓްރީއާ ހަވާލާދީ ނޫސްތަކުގައި ލިޔެފައިވާ އެ ޚަބަރުވެސް ޖުހާ ޕޭޖުގައި ޝެއާކޮށްފައި ވެވެ. ފަހުން އެ މިނިސްޓްރީން ބުނީ "އެ ޕޭޖަށް ނުވަދެވޭ ގޮތް ހަދަން ފުލުހުން މަސައްކަތް ކުރަނީ" ކަމަށެވެ.

އިސްލާމްދީނަށް ވަރަށް ބޮޑަށް ފުރައްސާކޮށް ފޭސްބުކުގައި ދިވެހި ބަހުން ޕޭޖެއް ހިންގަމުންދާ މައްސަލައާ ގުޅިގެން ފިޔަވަޅު އެޅުމުގައި މުއައްސަސާތައް ފަހަތަށް ޖެހިފައިވާ ކަމަށް އާންމުން ދަނީ ބުނަމުންނެވެ. ދީނުގެ ހަރުކަށި ފިކުރު ފަތުރާ ކަމަށް ބުނެ މީގެ ކުރިން އެހެން ބައެއް ޕޭޖްތައް ވަރަށް އަވަހަށް ބްލޮކް ކޮށްފައި ވެއެވެ.

"ޖުހާ" ގެ ނަމުގައި ހިންގަމުންދާ ޕޭޖުން ދިވެހި ބަހުން ގިނަ ޕޯސްޓްތަކެއް ކުރެ އެވެ. އެ ޕޯސްޓްތަކުގައި މާތްﷲ އާއި އެކަނލާންގެ މާތް ރަސޫލަށް ނިސްބަތްކޮށް ވަރަށް ހުތުރު ބަހުރުވައިން އެއްޗެހި ލިޔެފައި ހުރެ އެވެ.

ދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން ރައީސް ވަނީ ޚާއްސަ ކޮމެޓީއެއްވެސް އުފައްދަވާފައެވެ. ޖެނުއަރީ 22، 2019 ގައި އުފެއްދެވި އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ނައިބު ރައީސް ފައިސަލް ނަސީމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނާއި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރާއި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ. ކޮމިޓީގެ މަސައްކަތްތައް ހިނގަނީ ސޯޝަލް ކައުންސިލްގެ ދަށުންނެވެ.