ހަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި މީހަކު ފިލައިފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން ހައްޔަރު ކުރި މީހަކު ފިލައިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ، މަސްތުވާތަކެތީގެ މައްސަލައެއްގައި އިއްޔެ މ. ކޮޅުފުށިން 39 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ހައްޔަރު ކުރި މީހާ ފުލުހުންގެ ބަންދުގައި ހުއްޓާ ފިލާފައިވާ ކަމަށް މައުލޫމާތު ލިބިގެން އެމީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ކޮޅުފުށިން މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އެ ރަށު ކައުންސިލްގެ ރައީސް އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.