ދިވެހިން މިއީ ވަރަށް ތަފާތު ބަޔެކެވެ. އަވިގަދަ ދުވަހެއްގައި ކުޑައެއް ނަގައިފިއްޔާ ފެންނަ ކޮންމެ މީހަކު ބުނާނީ "ލަންކާ މީހެއް ހެން ކުޑަނަގައިގެން ކޮންތާކާށް؟" ހެއްޔޭ އެވެ. ތޮއްޕެއް އަޅައިފިއްޔާ އަހާނީ "މިހާރު ތޮފިވެސް އެޅީ؟" ހެއްޔޭ އެވެ. ތޮފިވެސް އަޅަނީ ވަކި ބަޔެއް ކަމުގައި މި އޮންނަނީ ނިންމާފައެވެ.
ގަދަ އަތްވާއި ހޫނުގައި ބޯ ފިހުނަސް އަވިން ރައްކާތެރިވާން މިއިން ކަމެއް ކޮށްލަން ނުކެރެނީ މި ސަބަބާއި ހެދިއެވެ. ލަދުންނެވެ. މީހުންގެ ސުވާލު ގިނަ ކަމުންނެވެ. މީހަކު ބުނެފާނެ އެއްޗަކާއި ހެދިއެވެ. ކުޑައާއި ތޮފީގެ ވާހަކަ ބާއްވާށެވެ.
މިއޮތީ ވިއްސާރަ ކޯޓުގެ ވާހަކައެވެ. ވާރޭ ވެހޭ ދުވަހެއްގައި ކޯޓެއް ލައިފިއްޔާ ކޯޓާއި ގުޅޭ ނެގެޓިވް ކޮމެންޓްތަކެއް ނާދެ އެވެ.
ފަހަރެއްގައި ވިއްސާރަ ކޯޓަކީ ދިވެހިންނަށް ކަމުދާ އެއްޗެއް ކަމުގައިވެދާނެ އެވެ. ނޫނީ ގިނަ މީހުން ލާތީ "އޮޑް" ކަމަކަށް ނުވަނީ އެވެ. އަވިދޭއިރު ކުޑަ ނަގާ މީހާ ލޮލުގައި އަޅައިގަނެ ވާރޭގައި ވިއްސާރަ ކޯޓެއް ލައިގެން ދާ މީހަކު އަޅައިނުގަންނަނީ އެވެ.
ފަހަކަށް އައިސް އުޑުމަތި ކުޑަކޮށް ބަނަކޮށްލާ އިރަށް ކޯޓު މަހާލައިގެން އުޅޭ މީހުން ވެސް ފެނެއެވެ. ވިއްސާރަ ދުވަސްވަރާ ދިމާކޮށް ފިހާރަތަކުގެ ޑިސްޕްލޭތަކުގައި ކުލަކުލައިގެ ކޯޓު އަޅުވާލަ އެވެ. ވާރެއިން ސަލާމަތްވުމުގެ އިތުރުން އެއްބަޔަކަށް މިއީ ފެޝަން ސްޓޭޓްމަންޓެކެވެ.
ވާރޭ ކޯޓުލާން ލަދުގަންނަ ބައެއްވެސް އުޅެއެވެ. އެއީވެސް މީހަކު ބުނެފާނެ އެއްޗަކާއި ހެދިއެވެ. މާލޭގައި ދިރިއުޅޭނަމަ ކޯޓާއެކު ހޯދަންވީ ގަމްބޫޓެވެ. މިއީވެސް އަނެއްކާ ކުރަން ނުކުރޭ ކަމެކެވެ. އަގު ބޮޑުކޮށް ހޯދާ ބޫޓާއި ފައިވާން މަގުތަކުން ޗަކަފެނުން ފޯވެ އެ ހަލާކުވުމުގެ ކުރިން ކޯޓާއިއެކު ލާންވީ ގަމްބޫޓެވެ. ކުރިން ކުދިން ސްކޫލަށްދާއިރު ގަމްބޫޓާއެކު ދާ ތަން ފެނެއެެވެ.
ކުޑަ އާއި ތޮއްޕާއި އެއްގޮތަށް ކޮންމެ މީހަކު އަތުގައި ކޯޓެއް އޮންނަންވެ އެވެ. ކޯޓެއް ގަންނަ ނަމަ ހޯދަންވީ މުޅި މީހާ ކަވަރު ކުރެވޭވަރު ދިގު ކޯޓެކެވެ. ސައިކަލުގައި ދާއިރު ލައިގެން ހުންނަ ފަޓްލޫނު އެއްކޮށް ތެމުމުގެ ފުރުސަތު މި ފަދަ ކޯޓެއް ހޯދާފިއްޔާ ކުޑައެވެ.
ސައިކަލުގެ މަޑިދަށަށް ރީތިކޮށް ފައްޖަހާލަފާ ލެވޭވަރު ކުޑަ އުރައަކާއިއެކު ވިއްކާ ކޯޓެއް ހޯދާށެވެ. އޭރުން ކޮންމެ ވަގުތަކުވެސް ވާރޭގައި ނުޖެހި މި ކޯޓު ވައްޓާ ލެވިދާނެ އެވެ. މާ ބޯ އެއްޗެެއް ހޯދައިފިނަމަ ގެންގުޅެން އުނދަގޫ ވެއެވެ. ހިއްކަން ވެސް އުނދަގޫ އެވެ.
މާ ތުނި ކޯޓަކަށް ނުވަތަ ޑިސްޕޯސަބަލް އެއްޗަކަށް އިންވެސްޓް ކުރުމަކީ ވެސް ބޭކާރު ކަމެވެ. ހެޔޮ އަގުގައި ލިބުނަސް ގަދަ ވަޔާއެކު ކޯޓު ފަޅައިގެން ގޮސް ބޭނުން ނުކުރެވުމުން ދެން އެ ދަނީ ގޮނޑަށެވެ. ކާބޮން ފުޓް ޕްރިންޓް މަދުކުރަން ބޭނުންނަމަ އިންވެސްޓް ކުރަންވީ ކޮލިޓީ ރަނގަޅު ގިނަ ދުވަހު ބޭނުން ކުރެވޭ ތަކެއްޗަށެވެ.
ރަނގަޅު ކޯޓަކާއި ގަމްބޫޓަކަށް އިންވެސްޓް ކުރަންވީ މިހާރު އެވެ. ގައިމުވެސް ކުޑައެއް ހިފައިގެން ސައިކަލުގައި ދިއުމަށްވުރެ ކޯޓެއް ލައިގެން ދާން ފަސޭހަވާނެ އެވެ. މީހުން އަބަދު ވެސް ވާހަކަ ދައްކާނެ އެވެ. ތިމާ ހުންނަންވާ ގޮތާއި ހެދުން އަޅަންވީ ގޮތެއް ނިންމާނީ އަމިއްލައަށެވެ. މީހަކު ކިޔާނެ އެއްޗަކަށް ބަލައިގެން ދިރިއުޅުން ވޭތު ކުރުމަކީ ބޭކާރު ކަމެކެވެ.