ހަބަރު

ފައިސާ ހަދިޔާކުުރުމަށް އެދި ފޯނެއް ނުކުރާނެ: އެންޑީއެމްއޭ

ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި، ގެއްލުން ލިބުނު މީހުންނަށް ފައިސާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުުުރުސަތު ހުޅުވާލާފައިވީނަމަވެސް، ފައިސާ ހަދިޔާކުރުމަށް އެދި އެންޑީއެމްއޭ އިން އެއްވެސް މީހަކަށް ނުގުޅާނެކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

އަލިފާނުގެ ހާދިސާގައި، ގެއްލުން ލިބުނު މީހުންނަށް ފައިސާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުުުރުސަތު އެންޑީއެމްއޭ އިން ހުޅުވާލީ އިއްޔެގެ ވަގުތެއްގައެވެ. އެގޮތުން އެކަމަށް ޚާއްސަކޮށް ބޭންކު އޮފް މޯލްޑިވްސްގައި ވަނީ ޚާއްސަ އެކައުންޓެއް ހުޅުވާފައެވެ.

އެންޑީއެމްއޭއިން ބުނީ ފައިސާ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން އަމިއްލައަށް ރިލީފް އެކައުންޓަށް ފައިސާ ޖަމާކުރުމަށް އިލްތިމާސް ކުރާކަމަށެވެ. އަދި ފައިސާ ހަދިޔާކުރުމަށް އެދި އެންޑީއެމް އިން އެއްވެސް މީހަކަށް ނުގުޅާނެކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

އެންޑީއެމްއޭ އިން އެކަން ހާމަކޮށްފައި މިވަނީ މިފަދަ ފުރުސަތުތަކުގެ ބޭނުންކޮށްގެން ބައެއް ފަރާތްތަކުން އޮޅުވާލައިގެން ފައިސާ ހޯދަމުންދާތީއެވެ.

ހުކުރު ދުވަހުގެ ހާދިސާ ހިނގިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައިވެސް ބަޔަކު ވަނީ އެ ހާދިސާގައި ގެއްލުން ލިބުނު ގެއަކުން ވައްކަން ކޮށްފައެވެ. އަދި ހާދިސާގައި ގެއްލުން ލިބުނުކަމަށް ބުނެ އެކި މީހުންނަށް ފޯނުކޮށްގެން ފައިސާ ހޯދުމަށްވެސް ބަޔަކު ވަނީ މަސައްކަތްކޮށްފައެވެ.

ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގައި ކެމިކަލް ރައްކާ ކޮށްފައިވާ ހުރި ގުދަންތަކެއް ވަނީ އަނދާ ހުލިވެފަ އެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ ބައެއް އިމާރާތްތައް ވެސް ހިމެނެ އެވެ. އެ ހާދިސާގައި އުމުރުން 46 އަހަރުގެ އަންހެނަކު ވެސް ވަނީ މަރުވެފަ އެވެ. އަދި 400ވުރެ ގިނަ މީހުންނަށް ސަރުކާރުން ވަނީ ވަގުތީ ހިޔާ ވަހިކަން ހޯދާދީފައެވެ.

އަލިފާނުގެ ހާދިސާގައި ބައެއް ވިޔަފާރިވެރިންނާ، އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. ބައެއް މީހުން މުޅި އުމުރުގައި ހޯދި މުދަލާއި، ފައިސާ ވަނީ އަދައިގެންގޮސްފައެވެ.