ޕޮލިޓިކްސް

ވެރިކަން ވައްޓައެއް ނުލެވޭނެ، ބަރުލަމާނީއެއްވެސް ނުގެނެވޭނެ: ގާސިމް

ބަޔަކު ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ނުކުރެވޭނެ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ، އެމަނިކުފާނުގެ ޕާޓީއަށް މެންބަރުންތަކެއް ސޮއި ކުރަން މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. -- ޖުމްހޫރީ ޕާޓީގެ ކުނޫޒުގައި އޮތް އެ ރަސްމިއްޔާތުގައި ވެސް ގާސިމް ވަނީ ނުސީދާކޮށް ރައީސް ނަޝީދަށް ފާޑު ވިދާޅުވެފަ އެވެ.

ގާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ދަތިކުރުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށާ އެކަންކަން ކުރަމުންދަނީ ވަކި މީހަކު ބޭނުންވާ މަގުސަދުތަކެއް ހާސިލު ކުރުމަށް ކަމަށެވެ. ކިތަންމެ ބޭނުންވި ނަމަވެސް ސަރުކާރު ވައްޓާ ނުލެވޭނެ ކަމަށާ އަދި ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ވެސް ބަދަލުކުުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"ވަރަށް ސާފުކޮށް މި ދަންނަވަނީ ސަރުކާރު ވެސް ވައްޓައެއް ނުލެވޭނެ، އަދި ބަރުލަމާނީ ނިޒާމަކަށް ވެސް ބަދަލެއް ނުކުރެވޭނެ،" ގާސިމް ވިދާޅުވި އެވެ.

ވަރަށް ސާފުކޮށް މި ދަންނަވަނީ ސަރުކާރު ވެސް ވައްޓައެއް ނުލެވޭނެ، އަދި ބަރުލަމާނީ ނިޒާމަކަށް ވެސް ބަދަލެއް ނުކުރެވޭނެ،
ގާސިމް އިބްރާހިމް | ޖުމްހޫރީ ޕާޓީގެ ލީޑަރު

ގާސިމް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރު ފެންނަނީ ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށާ އެހެންކަމުން ސަރުކާރަށް އެ ޕާޓީގެ ފުރިހަމަ ތާއީދު އެބައޮތް ކަމަށެވެ.

ޖޭޕީއަކީ ސަރުކާރުގެ ތެރޭގައި އޮތް ޕާޓީއެއްކަން ފާހަގަ ކުރައްވާ ވިދާޅުވީ މަޖިލީސްތެރޭގައި ވަކިން މަސައްކަތް ކުރި ނަމަވެސް ސަރުކާރުން އެދޭ ކަމެއްގައި ފުރިހަމަ އެހީތެރިކަން ދޭނެ ކަމަށެވެ.

ޖޭޕީއަކީ ވެސް ވަކި ސިޔާސަތުތަކަކަށް ތަބާވާ ޕާޓީއެއް ކަމަށާ އެހެންކަމުން ވަކި މީހެއްގެ މަސްލަހަތުގައި ނުވަތަ ވަކި ގައުމަކަށް އެކަނި ފައިދާއަށް ކުރާ ކަންކަމާ ދެކޮޅަށް އެ ޕާޓީން ވާހަކަ ދައްކާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. ދެން ވިދާޅުވީ އެގޮތަށް ދައްކާ ވާހަކަތަކަކީ ސަރުކާރާ "ޖައްސާލައިގެން" ދައްކާ ވާހަކަތަކެއް ނޫން ކަމަށެވެ.

ގާސިމް ވިދާޅުވީ ސަރުކާރުގެ އެތެރެ "ފަނި" ކޮށްލަން ބަޔަކު މަސައްކަތް ކުރާ ވާހަކަ އެ މަނިކުފާނު ކުރިން ވިދާޅުވުމުން އެއީ ސަރުކާރަށް ވައި އަޅުވައިގެން ކޮންމެވެސް އެއްޗެއް ހޯދަން ދައްކާ ވާހަކަތަކެއް ކަމަށް ސިފަކޮށް އެމްޑީޕީގެ މެންބަރުން ވާހަކަ ދައްކާ ކަމަށެވެ. އެހެން ވިދާޅުވެފައި ގާސިމް ދެން ވިދާޅުވީ "އެކަން ބޭނުންނުވާ އެއްވެސް އިންސާނެއް ނޫޅޭ." ކަމަށެވެ. އަދި ސަރުކާރުގެ ތެރެއިން އެމަނިކުފާނު ވެސް ބޭނުންފުޅުވެ ވަޑައިގަންނަވާ ކަންކަން އެބަހުރި ކަމަށެވެ.

ގާސިމް ވިދާޅުވީ ދައްކަވާ ވާހަކައާ ދިމާ އިދިކޮޅަށް ބައެއް ބޭފުޅުން އަމަލު ކުރެއްވި ނަމަވެސް އެގޮތަށް އެމަނިކުފާނު އަމަލު ނުކުރައްވާނެ ކަމަށެވެ. އަދި ރައީސް ނަޝީދަށް އިޝާރާތް ކުރައްވާ ވިދާޅުވީ އެމަނިކުފާނަކީ ގައުމުގެ ރައީސްކަން ބޭނުންފުޅު ނުވާކަމަށާ މަޖިލީހުގެ ރައީސްކަން ވެސް ހޯއްދަވަން ނޫޅުއްވާ ކަމަށް ވިދާޅުވި ބޭފުޅެއް ކަމަށެވެ.