މީގެ އެތައް މިލިއަން އަހަރު ކުރިން ޔޫރަޕްގެ ސަރަހައްދަށް ގެއްލިފައިވާ ކޮންޓިނެންޓެއް ނުވަތަ ބައްރެއް ސައިންސްވެރިން ހޯދައިފި އެވެ. މި ކޮންޓިނެންޓް ފެނިފައި ވަނީ ސްޕެއިނުން ފެށިގެން އިރާނާއި ހަމައަށް އުފެދިފައިވާ ފަރުބަދަ ތަކާއި ފެން ކޯރުތަކުގެ ގިއޮލޮޖިކަލް ސިފަތައް ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ސައިންސްވެރިންނަށެވެ.
މި ކޮންޓިނެޓުގެ ބޮޑު މިނަކީ 2.166 ކިލޯ މީޓަރެވެ. އެއީ ގާތްގަނޑަކަށް ޔޫރަޕުގެ ގައުމެއް ކަމަށްވާ ގްރީންލޭންޑުގެ ބޮޑު މިނެވެ. އަލަށް ފެނުނު މި ކޮންޓިނެޓަށް ކިޔަނީ ގްރޭޓާ އެޑްރިއާ އެވެ.
ފަރުބަދަ ސަރަހައްދުގެ ޖިއޮލޮޖިކަލް ސިފަތަށް ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ގްލޯބަލް ޓެކްޓޮނިކްސް އެންޑް ޕަލިއޮގްރަފީ ޔުނިވާސިޓީގެ ޕްރެފެސަރެއް ކަމަށްވާ ޑޫވީވެން ހިންސްބާގެން މި ކޮންޓިނެޓުގެ މައުލޫމާތު އާންމު ކުރަމުން ވިދާޅުވީ، ގްރޭޓާ އެޑްރިއާއަކީ މީގެ 140 މިލިއަން އަހަރު ކުރިން އުތުރު އެފްރިކާއިން ވަކިވި ބައެއް ކަމަށެވެ. ވަކިވި އެ ބަޔަކީ މިހާރު ސްޕެއިނުން އިރާނާ ހަމައަށް ހުރި ފަރުބަދަތަކުގެ ތެރެއިން ބައެއް ކަމަށެވެ. ގްރޭޓާ އެޑްރިއާއަކީ ޓޫރިސްޓު ޑެސްޓިނޭޝަކަށް މަޝްހޫރުވެފައިވާ ތަނަކެވެެ. އޭރު އެއީ ކޮންޓިނެޓެއް ކަމެއް ނޭނގެ އެވެ.
ހިންސްބާގެން ވިދާޅުވީ، ފަރުބަދަތައް ދިރާސާކޮށް ސާމްޕަލްތައް ނަގައި ޓެސްޓް ކުރުމުން އެއީ އެތަކެއް މިލިއަން އަހަރުތަކެއް ކުރިން އުތުރު އެފްރިކާގެ ބައްރުން ވަކިވެގެން އައި ބައިކަން އެނގެ އެވެ. އަދި އުތުރު އެފްރިކާގެ ފަރުބަދަތަކާއި ގްރޭޓާ އެޑްރިއާގެ ފަރުބަދަތަކަށް ލިބިގެންވާ ސިފަތައް ޖިއްގްރަފީ ގޮތުން އެއްގޮތް ކަމަށްވެސް ހިންސްބާގެން ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ އުތުރު އެފްރިކާއިން ވަކިވި ގްރޭޓާ އެޑްރިއާ ސަރަހައްދު މިހާރު ކުޑަ ނަމަވެސް އެއީ ހަގީގަތުގައި ވަރަށް ބޮޑު ބައެއް ކަމަށާއި އިޓަލީ އުފެދިފައިވަނީ ވެސް ގްރޭޓާ އެޑްރިއާގެ ބައިން ކަމަށް ޖިއްގްރަފިކް ހެކި ލިބޭ ކަމަށެވެ.
ގްރޭޓާ އެޑްރިއާ ބޮޑު ބައި މީގެ އެތަކެއް މިލިއަން އަހަރު ކުރިން ވަނީ ކަނޑު އަޑީގައި ކަމަށް ދިރާސާއިން ދައްކަ އެވެ. ކުރިން ދުނިޔެ އޮންނަނީ އެއް ކޮންޓިނެންޓެއްގެ ގޮތުގަ އެވެ. ވަކި ކޮންޓިނެންޓްތައް އުފެދުނީ ބާރު ގަދަ އަލިފާން ފަރުބަދަތަކެއް ކައިރި ކައިރީގައި ގޮވައި ދުނިޔެއަށް އައި ބިން ހެލުމާއި ސުނާމީތަކުގެ ސަބަބުންނެވެ. މި ގުދުރަތީ ކާރިސާގެ ސަބަބުން އެއް ކޮންޓިނެންޓަކަށް އޮތް ދުނިޔެ ބައިބަޔަކަށް ބެހުނެވެ. އެއާއެކު ގްރޭޑް އެޑްރިއާ ވެސް ބައިބައިވެ އެކި ސަރަހައްދުތަކެއް ބެހިގެން ދިޔައީ އެވެ. ދިރާސާގައި އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުގައި ޔޫރަޕުގެ 30 ގައުމަކުން ވަނީ ގްރޭޓް އެޑްރިއާ އާ ޖިއްގްރަފީގޮތުން އެއްކަހަލަ ސިފަތަކެއް ފެނިފަ އެވެ.
އެ ދިރާސާގައި އިތުރަށް ވާގޮތުގައި ގްރޭޓް އެޑްރިއާގެ ކޮންޓިނެންޓެއްގެ ގޮތުގައި އުފެދެން ފެށީ މީގެ 240 މިލިއަން އަހަރު ކުރިންނެވެ. އޭރު ގްރޭޓާ އެޑްރިއާއަކީ އުތުރު އެފްރިކާގެ ބައެކެވެ. މިއީ ގެއްލިފައިވާ ކޮންޓިނެންޓެއް ފެނުނު ދެވަނަ ފަހަރު އެވެ. މީގެ ކުރިން 2017 ވަނަ އަހަރު ޒިލޭންޑިއާ ނަމަކަށް ކިޔާ ކޮންޓިނެންޓެއް ސައިންސްވެރިން ވަނީ ހޯދާފަ އެވެ. އެ ކޮންޓިނެޓް ހޯދާފައިވަނީ ނިއުޒިލޭންޑާ ބޭރުން ކަނޑުގެ އަޑިންނެވެ.