ދިވެހި ޕްރެމިއާ ލީގް

އެކަކު މަދުކޮށް ކުޅެ ގުރާންޑޭއިން އީގަލްސް ހިފަހައްޓައިފި

އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެ 2-2 ން އެއްވަރުކޮށް ދަ ގުރާންޑޭއިން، ކުލަބު އީގަލްސް މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.

ގުރާންޑާއިން މެޗުގެ ފަހު 15 ވަރަކަށް މިނެޓް އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނީ އެ ޓީމުގެ އަހްމަދު ހަސަން (ކުޑަ އަންމަޑޭ) އަށް މެޗުގެ 78 ވަނަ މިނެޓްގައި ދެއްކި ރަތް ކާޑާ ގުޅިގެންނެވެ. އޭނާއަށް ރަތް ކާޑު ދެއްކި އީގަލްސްގެ ކުޅުންތެރިޔެއްގެ ފައިގައި ފަހަތުން ދަތިއަޅުވުމުންނެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީ ދަ ގުރާންޑޭއިންނެވެ. އެ ޓީމުގެ ލަނޑު މެޗުގެ 20 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޔަޝްފާދު ހަބީބު (މުލަކޭ) އެވެ. ގުރާންޑޭގެ ފަހަތުން އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން ކީޕަރު މުހައްމަދު ފައިސަލް އީގަލްސްގެ ހާފުގެ ތެރެއަށް ފޮނުވާލުމުން ގުރާންޑޭގެ ކުޅުންތެރިން އީގަލްސްގެ އޭރިއާ ދިމާލަށް ބޮލުން ކޮށްޕާލުމުން ބޯޅައަށް އެރީ މުލަކޭ އެވެ. އީގަލްސްގެ ކީޕަރު ސޫޖަން ޕެރޭރާ ކުރިއަށް ނުކުމެ ބޯޅަ ދިފާއު ކުރުމުގެ ކުރިން މުލަކޭ ވަނީ ތިރިތިރިން އެބޯޅަ ގޯލްގެ މެދުތެރެއަށް ފޮނުވާލާފަ އެވެ.

އީގަލްސްއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 28 ވަނަ މިނެޓްގައި އަހްމަދު ރިޒްވާން (ރިޒޭ) ކާމިޔާބު ކުރި ލަނޑުންނެވެ. ރިޒޭ ގޯލްގެ ތެރެއަށް ބޮޅަ ފޮނުވާލީ އޭނާ ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ގުރާންޑޭގެ އޭރިއާގެ ރިނުގުމަތީގައި ހުރި އީގަލްސްގެ ކުޅުންތެރިޔާއަށް ބޯޅަ ދިނުމަށް ފަހު ދެން ކުޅުންތެރިން އުފެއްދި ވަންޓޫ ޕާހެއްގައި ރިޒޭއަށް އަލުން ދިން ބޯޅަ އޭރިއާ ތެރެއަށް ވަދެ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

އީގަލްސްއަށް މެޗުގެ ލީޑް ނަގައިދިނީ ހަސަން ރާއިފް އަހްމަދު (ހަންނަ) އެވެ. މެޗުގެ 34 ވަނަ މިނެޓްގައި އީގަލްސްގެ ހާފުގެ ތެރޭގައި ހުރެފައި އެ ޓީމުގެ ޑިފެންޑަރުން ގުރާންޑޭގެ އޭރިއާ ދިމާލަށް ނެގި ބޯޅަ ހަންނަ ކުރިއަށް އެރީ ހުސްކޮށެވެ. ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވެދެ ގުރާންޑޭގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށް ފަހު އޭނާ ބޯޅަ ވައްދާލީ ގޯލްގެ ދުރު ކަނަށެވެ.

ދެ ވަނަ ހާފު މުޅިން ކަހަލަގޮތަކަށް ޑޮމިނޭޓް ކުރީ ގުރާންޑޭއިންނެވެ. އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ބުނީ ގުރާންޑޭ ކުޅުންތެރިން ފަހު ހާފުގައި ދެއްކި ކުޅުމުން އެ ޓީމަށް ޕޮއިންޓެއް ހައްގު ކަމަށެވެ. ކުޑަ އަންމަޑޭއަށް ރަތް ކާޑު ދެއްކުމަށް ފަހު ވެސް ގުރާންޑޭގެ ކުޅުންތެރިން ވަނީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްފަ އެވެ. ގުރާންޑޭގެ އަޔާޒު އަހްމަދު (އަޔާ) ވަނީ އެ ޓީމަށް ހަމަލާ އުފެއްދުމުގައި މުހިންމު ދައުރެއް އަދާ ކޮށް ދީފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ އޭނާ އެވެ.

ޓީމުގެ ވިންގުން އޭނާ އަށް ތަނަވަސްކޮށްދޭ ބޯޅަތައް ސްޕީޑު ބޭނުންކޮށްގެ އީގަލްސްގެ ޕެނަލްޓީ އޭރިއާ ތެރެއަށް އަރައި އޭރިއާ ތެރެއަށް ހުރަސްކޮށް ނުރައްކާތެރި ބޯޅަތަކެއް އޭނާ ތަނަވަސް ކޮށްދިނެވެ. ގުރާންޑޭއިން ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 88 ވަނަ މިނެޓްގައި ގާނާގެ ޓޯސޫ ކްރިސްޓިއަން ޑޮޑްޒީ އެވެ. އޭރިއާގެ ބޭރުން ލިބުނު ހިލޭޖެހުން މުލަކޭ އޭރިއާތެރެއަށް ނަގައިދިނުމުން ކްރިސްޓިއަން އެ ބޯޅަ ގޯލްތެރެއަށް ވައްދާލީ ބޯލުން ފޮނުވާލައިގެންނެވެ.

އެ ލަނޑަށް ފަހުވެސް ގުރާންޑޭގެ އިރާގްގެ ސްޓައިކަރު އުބައިދާ ޚަދޫމް އަހްމަދު އަށް ވަނީ ަލޏޑު ޖަހާނެ ފުރުސަތެއް ލިބިފަ އެވެ. އަޔާ ނެގި ހުރަސް އުބައިދާ އަރައި ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭގެ ފަހުން ހުސްކޮށް އަރައި ތިރިތިރިން ފޮނުވާލި ބޯޅަ އީގަލްސްގެ ކީޕަރު ސޫޖަން ދިފާއު ކުރީ އެވެ. ސޫޖަން ގައިގައި ޖެހިފައި ރީބައުންސްވި ބޯޅައަނެއްކާވެސް ގުރާންޑޭ ފޮނުވާލުމުން އެ ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

އީގަލްސްއަށް މެޗުން މޮޅު ނުވެވުމުން ތާވަލުގެ ދެ ވަނައަށް ދިއުމުގެ ފުރުސަތު އެ ޓީމަށް ވަނީ ގެއްލިފަ އެވެ. މި މެޗާއެކު ފުރަތަމަ ބުރުގެ ކުޅުން ނިމުނުއިރު ފުރަތަމަ ބުރުން އެއް ވަނައިގައި ނިންމާލީ ފަސް ޕޮއިންޓްގެ ލީޑަކާއެކު މާޒިޔާ އެވެ. ކުލަބު ގްރީންސްރީޓް ދެ ވަނަ ހޯދީ 15 ޕޮންޓާއެކު އެވެ. މިރޭގެ މެޗުން ހޯދި ޕޮއިންޓާއެކު އީގަލްސް ތިން ވަނައިގައި އޮތީ 14 ޕޮއިންޓް ހަމަ ކޮށްގެންނެވެ. ހަތަރު ވަނަ ދަ ގުރާންޑޭ އަށް ލިބެނީ އީގަލްސްއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފަހުގެ ޗެމްޕިއަން ޓީސީ އޮތީ ފަސް ވަނައިގަ އެވެ.