ހަތެއް

ރެކޯޑް އިވެންޓްގައި ރައީސް ބައިވެރިވަޑައި ގަންނަވާނެ

އެންމެ ގިނަ މީހުން އެއް ވަގުތެއްގައި ފީނައިގެން ރާއްޖޭން ހަދާ ދުނިޔޭގެ ރެކޯޑްގެ އިވެންޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ދުނިޔޭގެ ރެކޯޑު ހަދަން ރާއްޖޭން ބާއްވާ އިވެންޓުގައި ރައީސް ސޯލިހު ބައިވެރިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އެ އިވެންޓްގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާ ގޮތް ހާމައެއް ނުކުރެ އެވެ.

"ނޭވާ" ގެ ނަމުގައި ބާއްވާ މި ރިކޯޑް އިވެންޓުގައި 500 މީހުން ބައިވެރި ކުރަން ނިންމާފައިވެ އެވެ.

"ވޯލްޑް ރެކޯޑުގައި ބައިވެރިވާން އާއްމުކޮށް ހުޅުވާލުމުން މިހާތަނަށް 850 މީހުން ވަނީ ބައިވެރިވެފައި. މީގެ ތެރެއިން ބަލައި މިކަން ކުރެވޭ ވަރުގެ މީހުން ނަގާނީ،" އަލީ ވިދާޅުވި އެވެ.

ދުނިޔޭގެ ރެކޯޑު ހަދަން ބާއްވާ އިވެންޓު އޮންނާނީ އަންނަ މަހުގެ އެއްވަަނަ ދުވަހު ބަރޮސް މޯލްޑިވްސް ރިސޯޓުގެ ފަޅު ތެރޭ އެވެ. މި އިވެންޓު ފްރީޑައިވް ވޯލްޑް ޗެމްޕިއަން، ވިލިއަން ޓްރޫ ބްރިޖް ވެސް ބައިވެރިވާނެ އެވެ.

ބައިވެރިވާ މީހުންގެ ފުރިހަމަވާން ޖެހޭ ކަންކަން

  • 18 އަހަރުވެފައިވުން
  • ސިއްހީ ގޮތުން ފިޓު މީހަކަށް ވުން
  • 3 މީޓަރު (9.10 ފޫޓު ފުނަށް) ފީނުމުގެ ގާބިލްކަން ހުރުން
  • 13 ސިކުންތަށް ވުރެ ގިނައިރު އަޑީގައި ހުރުމުގެ ގާބިލްކަން ހުރުން
  • 50 މީޓަރު (164.042 ފޫޓަށް) ފެތުމުގެ ކުޅަދާނަކަން ހުރުން

އެންމެ ގިނަ މީހުން އެއް ވަގުތެއްގައި ފީނުމުގެ ރެކޯޑު މިހާރު އޮތީ 280 މީހުންނާއެކު އިޓަލީގެ ވެރޯނާގަ އެވެ. ވެރޯނާ އިން ރެކޯޑް ހަދާފައިވަނީ އޮކްޓޫބަރު 11، 2009 ގަ އެވެ.