މަރުކަޒީ ބޭންކުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން މާލޭގައި ބޭރު ފައިސާ މާރު ކުރުމާއި ބޭރަށް ފައިސާ ފޮނުވާ ކުންފުންޏެއްގެ ލައިސަންސް ވަގުތީ ގޮތުން ހިފަހައްޓައިފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރި އިއުލާނެއްގައި ބުނީ ބަނޑަހަ ފައިނޭންޝަލްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ރެމިޓަންސް ވިޔަފާރި ލައިސަންސާއި އެ ކުންފުންޏާ ގުޅުން އޮންނަ ބަނޑަހަ ކެފޭ އަށް ދޫކޮށްފައިވާ މަނީ ޗޭންޖާ ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ.
އެމްއެމްއޭ އިން ބުނީ އެ ވިޔަފާރި އަށް ދޫކޮށްފައިވާ ލައިސަންސް ސަސްޕެންޑް ކުރީ އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުގެ ސަބަބުން އެކަމާ ގުޅޭ ތަހުގީގެއް ކުރާތީ ކަމަށެވެ.
ރެމިޓަންސް ވިޔަފާރި ލައިސަންސް ދޫކޮށްފައިވާ ބަނޑަހަ ފައިނޭންޝަލްސް ޕްރައިވެޓް ލިމިޓެޑް އިން މާލޭގައި ދެ ތަނެއްގައި ވިޔަފާރި ކުރެ އެވެ. އެއީ ޗާންދަނީ މަގު އެމްއެފް ބިލްޑިންގެ ގްރައުންޑް ފްލޯ އަދި ހ. ގަލަދުންގޭގެ ގްރައުންޑް ފްލޯގަ އެވެ.
މީގެ އިތުރުން، އެ ކުންފުންޏަށް ދޫކޮށްފައިވާ މަނީ ޗޭންޖާ ލައިސަންސުގެ ދަށުން، ޗާންދަނީ މަގު އެމްއެފް ބިލްޑިންގެ ގްރައުންޑް ފްލޯގައި އެ ކުންފުނިން ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތް ދެމުންދާ ކަމަށް ވެސް އެމްއެމްއޭއިން ބުނެފައިވެ އެވެ.