ފުޓްބޯޅާގައި ހުރި މައްސަލަތައް އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރަކަށް ކުރިން ހުރި އިހްސާން އަބްދުލް ގަނީ (ސާންތީ) ގެ ބޮލަށް އެކަނި ކަނޑާލައިގެން ނުނިމެނޭ ކަމަށް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުން، މިދިޔަ ހަފުތާގައި ސާންތީ ވަނީ އިސްތިއުފާ ދީފަ އެވެ. އޭނާ އިސްތިއުފާ ދިނީ އޭނާ މަގާމުން ދުރު ކުރަން އެފްއޭއެމުން އުޅުމުންނެވެ. އެފްއޭއެމުން އެ ފިޔަވަޅު އަޅަން މަސައްކަތް ކުރީ، ސާންތީ މަގާމުން ދުރު ކުރުމަށް އެދި ބައެއް ކުލަބުތަކުން ޕެޓިޝަނެއް ހުށަހެޅި ހިސާބުންނެވެ.
ދާދިފަހުން މީޑިއާގައި ވާހަކަ ދައްކަމުން ކުލަބު ގްރީން ސްޓްރިޓްގެ ކޯޗް އަލީ ސުޒޭން ވަނީ ފުޓްބޯޅަ އާއި ގުޅުންހުރި ގިނަ ކަންކަމެއް ފާހަގަ ކުރުމަށް ފަހު އެ ކަންކަމުގައި ސާންތީގެ މަސައްކަތް ފެނިގެން ނުދާ ކަމަށް ބުނެ ފާޑު ކިޔުން އޮއްސާލާފަ އެވެ. ސާންތީ އާއި ސުޒޭނަކީ މީޑިއާގައި ދޭތެރެ ދޭތެރެއިން އެކަކު އަނެކަކަށް ފާޑު ކިޔުން ބަންޑުންކޮށްލާ ދެ ފަރާތެވެ.
ސުޒޭން ބުނީ ޕްލޭނެއް ނެތި ލީގް ޝެޑިއުލަށް ގެންނަ ބަދަލާ މެދު ޒިންމާވާން ޖެހޭނީ ޓެކްނިކަލް ޑައިރެކްޓަރަކަށް އޭރު ހުރި ސާންތީ ކަމަށެވެ.
"މިކީ އެފްއޭއެމްގެ ރައީސްވެސް ކުރަން ޖެހޭ ކަމެއް ނޫނޭ، ކޮބާތޯ މިތާންގެ ޓެކްނިކަލް މީހުން ކޮބައިތޯ ޓެކްނިކަލް ޑައިރެކްޓަރު،" ލީގްގެ ޝެޑިއުލާ ގުޅިގެން އެކަމަށް ސާންތީއަށް ފާޑު ކިޔަމުން ސުޒޭން ވާހަކަ ދެއްކި އެވެ. "ނަން ބޮޑުކޮށްފަ ނަން ޖެހީމަކަ ނިމުނީކީ ނޫނޭ، ކަންކަންވެސް ކުރަން ޖެހޭނެ، މިތާންގައި ހުރި ޓެކްނިކަލް ޑައިރެކްޓަރު ކޯޗެއްތޯ ވިސްނަނީ ޝެޑިއުލް ހަދާއިރު، ޒިންމާއެއް ނަގައިގެން ވަޒީފާއެއް އަދާކުރާއިރު ކަންކަންވެސް ކުރަން އެބަ އެގެން ޖެހޭ."
ޗައިނާ މެޗުގައި ގައުމީ ޓީމުން ދެއްކި ދަށް ކުޅުމުގެ ޒިންމާއިން ބައެއް ޖެހޭނީ ޓެކްނިކަލް ޑައިރެކްޓަރު ސާންތީވެސް ނަގަން ޖެހޭ ކަމަށް ސުޒޭން ފާހަގަ ކުރި އެވެ. އޭނާ ބުނީ ގައުމީ ޓީމުގެ ކޯޗަކީ އެންމެ ފަރުދެއް ކަމަށާއި ޓެކްނިކަލް ޑިޕާޓެމެންޓެއް އެފްއޭގައި އޮންނަނީ ގައުމީ ޓީމަށް އެހީތެރި ވުމަށް ކަމަށެވެ.
"އެ ރޭ [ޗައިނާ އާ ދެކޮޅަށް ކުޅުނު މެޗު] ގައި ކިހިނެއްތޯވީ، އެކަށީގެންވާ ވަރަށް ބުރޭކުވެސް ލިބުނު، އެކަމަކު ރަނގަޅަކަށް ތައްޔާރެއް ނުވެވުނު،" ސުޒޭން ބުނެ ފައި ވެއެވެ. "ރަނގަޅަށް ތައްޔާރު ވެވޭނެ އޮތީ އެންމެ ގޮތެއް، ރާއްޖޭގައި ހުންނަ ގައުމީ ކޯޗަކީ އެންމެ މީހެއް، އެއްވެސް ކޯޗަކަށް ހުރިހާ އެއްޗެއް ނޭންގޭނެތީ ބޮޑު ޓެކްނިކަލް ޓީމެއް ހަދާފައި އޮންނަނީ، އެންމެންގެ މަޝްވަރާއާ އެކީ ކަންކަން ކުރެވޭނެ އިންތިޒާމެއް ހަމަޖައްސާފައި އޮންނާނީ، އެހެން ނަމަވެސް އެހާ ތަޖުރިބާ ހުރި މީހުންތޯ އަޅުގަނޑުމެންގެ ޓެކްނިކަލް ޑިޕާޓްމެންޓްގައި މިތިބީ."
ސުޒޭންގެ ވާހަކަތަކަށް ރިއާޔަތްކޮށް މޯހަން ބުނީ، ލީގް ޝެޑިއުލްއާ ގުޅިގެން ޓެކްނިކަލް ޑިޕާޓްމެންޓް ފެއިލްވި ވާހަކަ ދައްކާއިރު އެ މަސައްކަތައް ހާއްސަ ކޮށްފައިވާ ޑިޕާޓްމެންޓަކީ ކޮމްޕެޓީޝަން ޑިޕާޓެމެންޓްކަން މީޑިއާއަށް ވެސް އެނގެން ޖެހޭ ކަމަށެވެ.
"ފެއިލް ވަންޏާ އެންމެން އެކީގައި ކަންނޭންގެ ފެއިލް ވަނީ، ކޮންމެހެން ހަސަނާ މުހައްމަދަކާ ހުރެގެން [ޓެކްނިކަލް ޑިޕާޓްމެންޓްގައި] ފެއިލް ވަންޏާ އައްޔަ އެއް ހުރެގެން ވެސް ފެއިލް ވެގެންދާނީ،" ސުޒޭންގެ ވާހަކަތަކަށް ނުސީދާކޮށް ފާޑު ކިޔަމުން މޯހަން ބުންޏެވެ.
"ހަމަ ހުރިހާ ދިވެހިން ފެއިލްވެގެން ދާނީ، [ޓެކްނިކަލް ޑިޕާޓްމެންޓަށް] ބޭރު މީހުން ގެނައުމަކީ އެންމެ ރަނގަޅު ހައްލު ކަމަށް ނުވެދާނެ، ބޭރު މީހުން ވެސް ގެންނަންޏާ ރަނގަޅު މީހުން ގެންނަންވީ، އަޅުގަނޑު ގަބޫލެއް ނުކުރަން 3000 ނުވަތަ 5000 ޑޮލަރަށް، މިހާރު އަޅުގަނޑުމެންގެ ތެރޭގައި ފުޓްބޯޅަ ދަސްކޮށްފައި ތިބި މީހުންނަށްވުރެ މާ މޮޅު (ބޭރު) މީހެއް ލިބޭނެ ހެނެއް."
އޭނާ ބުނީ ފުޓްބޯޅައިގެ މަސައްކަތް ކުރާއިރު އަބަދުވެސް ރަނގަޅު ކުރަންޖެހޭ ކަންކަން ހުރިހާ ދިމާއެއްގައި ވެސް ހުންނާނެ ކަމަށާއި އެންމެ މީހެއްގެ ބޮލަށް ކަނޑާލައިގެން އެކަން ނުނިމެނޭ ކަމަށެވެ.
"ފުޓްބޯޅައިގެ އެންމެން އެއްވެގެން އެބަޖެހޭ ވާހަކަތައް ދައްކައިގެން މަސައްކަތްތަކެއް ކުރަން، ވަކި މީހެއްގެ ބޮލަށް ކަނޑާނުލައި އެންމެންވެގެން މީގެ މަސައްކަތް ކުރުމޭ މީގަ ހަމަ އެންމެ ބުއްދިވެރި ގޮތަކީ." އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ހޯދިއިރު ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުންގެ ގޮތުގައި ސާންތީ އާއެކު މަސައްކަތް ކުރި މޯހަން ބުންޏެވެ.
"އެއްވެސް މީހެއްގެ ބޮލަށް ކަނޑާލުމަކީ މީގެ ހައްލެއް ނޫން، ފުޓްބޯޅާއިގެ އެންމެން ވާހަކަ ދައްކައިގެން މީގެ ހައްލަކީ ގުނަވަނެއް ކަނޑާލައިގެން ކަމަށް ފެންނަންޏާ އެ ގުނަވަނެއް ކަނޑާލަން ޖެހޭނީ. އެގުނަވަން ވެސް އެތާންގައި އިށީނދެ ތިބެގެން ފުޓްބޯޅައިގެ ކަންކަމަށް ހައްލު ގެންނަން ވާހަކަ ދައްކަން ޖެހޭނީ."