ހަބަރު

އެޗްއާރުސީއެމުން މަސައްކަތްކުރީ ހަގީގަތް އޮޅުވާލަން: މުނާޒު

ގައިދީންގެ ހާލަތު ރަނގަޅު ކުުރުމަށާއި، ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން މަސައްކަތް ކުރަނީ ކަމުގެ ހަގީގަތް އޮޅުވާލަން ކަމަށް ވިދާޅުވެ، ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

މުނާޒު ކަންބޮޑުވުން ފާޅު ކުރެއްވީ ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި މާލޭ ޖަލު އެނެކްސް -- ރިމާންޑު ޖަލު ގައި ތިބި ގައިދީންނާއި ބަންދުގައި ތިބި މީހުން ރައްކާތެރި ތަނަކަށް ބަދަލުކޮށް، ޖަލު ބަންދު ކުރަން އެޗްއާރްސީއެމުން އަންގާފައި ވަނިކޮށެވެ.

އެޗްއާރުސީއެމުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރިމާންޑު ޖަލުގެ ހާލަތު އެ ކޮމިޝަނުން ބަލައި މިދިއަ އޭޕްރީލް 11 ގައި އެ ޖަލު ބަންދު ކުރަން އެންގި ކަމަށެވެ. އަދި އޭގެ ފަހުން އޭޕްރީލް 15 ގައި ޖަލު ބަންދުކުރި ކަމަށް ކަރެކްޝަނުން ވެސް އެންގި ކަމަށެވެ. ނަމަވެސް އެޗްއާރުސީއެމުން މިދިއަ ހޯމަ ދުވަހު ރިމާންޑު ޖަލަށް ދިޔައިރު ވެސް އެތަނުގައި 25 ގައިދީ އަކާއި ބަންދު މީހަކު ހުރި ކަމަށެވެ.

އެ ބަޔާނުގައި ބުނަނީ ކުރިން އެ ޖަލަށް ކޮމިޝަނުން ޒިޔާރަތް ކުރިއިރު އެތަނުގެ ހާލަތު ހުރި މިންވަރަށްވުރެ، މިހާރު އެތަނުގެ ހާލަތު ދަށް ކަމަށާއި ޖަލުގެ ތެރޭގައި ބާ ދަގަނޑާއި ހިލަ އާއި ވެލި ގޯނިތައް ހުރި އިރު ގޮޅިތަކުގައި ހިރަފުސް ބޯވެ، ގޮޅިތައް ސާފުތާހިރުކަން ގެއްލިފައިވާ ކަމަށެވެ.

އަދި ބުނީ ކޮމިޝަނަށް ލިބިދޭ ބާރުގެ ދަށުން ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގާ އެންގުމަކަށް އަމަލު ކުރުމަކީ ރައްޔިތުންގެ މައްޗަށާއި ގާނުނު އަސާސީގެ ބާރު ހިނގާ ސަރަހައްދުގައިވާ މީހުންގެ މައްޗަށް ލާޒިމު ކުރާކަމެއް ކަމަށް ކޮމިޝަންގެ ގާނޫނުގައި ބަޔާން ކޮށްފައިވާތީ، އެ ޖަލު ބަންދު ކުރަން އަންގާ ކަމަށެވެ.

އެޗްއާރުސީއެމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން މުނާޒު ވިދާޅުވީ ގައިދީންގެ ހާލަތު ރަނގަޅު ކުުރުމަށާއި، ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި އެޗްއާރުސީއެމުން މަސައްކަތް ކުރަމުންދަނީ ކަމުގެ ހަގީގަތް އޮޅުވާލަން ކަމަށެވެ. އަދި އެޗްއާރުސީއެމްގެ ނިޔަތާމެދު ވެސް ވަނީ ސުވާލު އުފައްދާފަ އެވެ.

މުނާޒު ވިދާޅުވީ އެޗްއާރުސީއެމުން ފާހަގަ ކޮށްފައިވާ ތާރީޚުގައި، ބައެއް ގައިދީން މާލޭޖަލު އެނެކްސް -- ރިމާންޑު ޖަލު ގައި ބައިތިއްބާފައި ވަނީ ކަނޑުގަދަވުމުގެ ސަބަބުން ދަތުރުފަތުރު ނުކުރެވިގެން ކަމަށެވެ. އެ ގައިދީންނަކީ މާފުށީ ޖަލުގައި ތިބޭ ގައިދީން ކަމަށާ އެ ދުވަހު މާލެ ގެނައީ ޑޮކްޓަރަށް ދައްކަން ކަމަށެވެ.

އަދި ކަން ހިނގާދިޔަގޮތް ޖަލަށް ޒިޔާރަތްކުރި އެޗްއާރުސީއެމްގެ މުވައްޒިފުންނަށް ސާފު ކޮށްދީފައިވާނެ ކަމަށެވެ.

މުނާޒު ވިދާޅުވީ މާލޭޖަލު އެނެކްސް -- ރިމާންޑު ޖަލަކީ ގައިދީން ބޭއްތިބުމަށް ގާނޫނީގޮތުން ހުރަހެއް އޮތް ތަނެއް ނޫނެވެ. ނަމަވެސް އެތަނުގައި މިހާރު މީހުން ބަންދުކޮށްފައި ނުބައިތިއްބާ ކަމަށެވެ. އަދި ދާޅުވީ ޑޮކްޓަރަށް ދައްކަން މާލެ ގެންނަ ގައިދީން ފުރުވާލެވެންދެން އެ ޖަލުގައި ބައިތިއްބާކަން ކުރިންވެސް އެެޗްއާރުސީއެމަށް އަންގާފައިވާނެ ކަމަށެވެ.