ހަބަރު

މާފުށި ޖަލުގައި ހަމަނުޖެހުން ހިންގި މައްސަލަ ދަނީ ބަލަމުން: އެޗްއާރުސީއެމް

މާފުށި ޖަލުގައި އިއްޔެ އޮފިސަރުންނާއި ގައިދީންނާ ދެމެދު ހަމަނުޖެހުން ހިނގި ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން ގެންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.

ޖަލު ބަންދުގައި ތިބޭ ގައިދީންނަށް ދޭ ބޭސްފަރުވާގެ ހިދުމަތާ މެދު ހިތްހަމަނުޖެހިގެން ގައިދީންތަކެއް އިއްޔެ އިހުތިޖާޖުކޮށް، އެ ތަނަށް ދިނަ އޮފިސަރުންގެ ގަޔަށް ފެން ޖަހައި ގޯނާކޮށް ހެދި ކަމަށް މައުލޫމާތު ލިބެ އެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މީހަކު އޮފިސަރެއްގެ ގަޔަށް ހަމަލާ ދިނުމުން ދެ މީހުންގެ މެދުގައި ހަމަނުޖެހުމެއް ހިންގި ކަމަށް ވެ އެވެ.

މި މައްސަލައާ ގުޅޭ ގޮތުން އެޗްއާރުސީއެމްއާ ސުވާލު ކުރުމުން އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް ކޮމިޝަނަށް ރިޕޯޓް ކުރެވިފައިވާ ކަމަށާއި އެ ކޮމިޝަނުން މައްސަލަ ބަލަމުންދާ ކަމަށެވެ. އެއީ ބަލަމުންދާ މައްސަލައަކަށްވާތީވެ އިތުރު ތަފުސީލެއް އެޗްއާރުސީއެމް އިން ނުދެ އެވެ.

މާފުށި ޖަލުގައި ހަމަނުޖެހުމެއް ހިނގި ކަމުގެ އަޑު ފެތުރިފައި ވަނިކޮށް، ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ޓްވީޓެއް ކުރައްވައި ވިދާޅުވީ ގައިދީން ވެސް ޖަލު އޮފިސަރުންނަށް ގޯނާ ކުރުމަކީ ހިނގާ ކަމެއް ކަމަށެވެ. ކަރެކްޝަންގެ އަމާޒަކީ އެފަދަ ގައިދީން އިސްލާހު ކުރުމާއި އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށް ވެސް މުނާޒް ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

އެކަމަކު މާފުށި ޖަލުގަ އިއްޔެ އެފަދަ ހަމަނުޖެހުމެއް ހިނގި ކަމެއް އަދި އެއްވެސް އޮފިސަރަކަށް ނޫނީ ގައިދީއަކަށް އަނިޔާ ލިބިފައިވާ ކަމެއް މުނާޒު ވިދާޅެއް ނުވެ އެވެ. މި މައްސަލައާ ގުޅިގެން މުނާޒާއި ކަރެކްޝަންސްގެ އިތުރު ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.