ސަލްމާން ހާން

ބާންސާލީ އާ އޮތް ގުޅުމަށް ބުރުލެއް ނާރާ: ސަލްމާން

ސަލްމާން ޚާނާއި ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ އެކުގައި ޕްރޮޑިއުސްކޮށް އަދި ސަލްމާން ބަތަލުގެ ރޯލު ކުޅެން ހަމަޖެހި އިއުލާން ކުރި ފިލްމު "އިންޝާﷲ" ނުކުޅެން ސަލްމާން މިހާރު ވަނީ ނިންމާފަ އެވެ. އަދި ފިލްމު އުފެއްދުމުގެ މަސައްކަތް ވެސް ވަނީ ހުއްޓިފަ އެވެ. ނަމަވެސް މި ފިލްމު އުފެއްދުމުގައި ޖެހުނު މައްސަލައިގެ ސަބަބުން އޭނާ އާއި ބާންސާލީގެ ގުޅުމަށް އެއްވެސް ހީނަރުކަމެއް ނާންނަ ކަމަށް ސަލްމާން ޚާން ބުނެފި އެވެ.

މިއަހަރު ކުރީކޮޅު ފިލްމު އިއުލާން ކުރީ ވެސް ސަލްމާނެވެ. އާލިއާ ބަޓް ބަތަލާގެ ރޯލު ކުޅެން ހަމަޖެހިފައި އޮތް މި ފިލްމު އަންނަ އަހަރުގެ ކުޑަ އީދުގައި ރިލިޒްކުރާނެ ކަން ވެސް ސަލްމާން ވަނީ އިއުލާން ކޮށްފަ އެވެ. ނަމަވެސް ކުއްލިއަކަށް ސަލްމާން ވަނީ އީދުގައި އެ ފިލްމު ރިލިޒް ނުކުރާނެ ކަމާއި އޭނާ އެ ފިލްމު ނުކުޅެން ނިންމާފައި ވާކަން އިއުލާން ކޮށްފަ އެވެ.

މި ޚަބަރާއެކު ސަލްމާނާއި ބާންސާލީގެ ގުޅުން ގޯސްވެފައިވާ ކަމުގެ ޚަބަރުތައް ފެތުރުނު ނަމަވެސް މިއީ އެއްވެސް ހަގީގަތެއް ހުރި ވާހަކައެއް ނޫންކަމަށް ސަލްމާން ބުންޏެވެ.

ކުރިމަގުގައި ބާންސާލީގެ ފިލްމެއްގައި މަސައްކަތް ކޮށްފާނެތޯ އިންޑިއާގެ ނޫހަކުން ސަލްމާނާ ކުރި ސުވާލެއްގެ ޖަވާބުގައި އޭނާ ބުނީ ސަންޖޭ ލީލާ ބާންސާލީ އަކީ އޭނާގެ ވަރަށް ގާތް އެކުވެރިއެއް ކަމަށާއި އަދި އަބަދުވެސް އެ އެކުވެރިކަން ދެމިއޮންނާނެ ކަމަށެވެ. އަދި އިންޝާﷲ ގެ މާނައަކީ ﷲ އިރާދަ ކުރެއްވިއްޔާ ކަމަށާއި މިވަގުތު އަދި އެ ދެ މީހުން އެކުގައި މަސައްކަތް ކުރަން އިރާދައިގައި ނެތީ ކަމަށެވެ.

މި ފިލްމު ސަލްމާން ނުކުޅުމުން ރިތިކް ރޯޝަން އަށް ފިލްމު ދޭން ބާންސާލީ އުޅޭ ކަމުގެ ޚަބަރުތައް ވެސް ފެތުރިފައި ވެއެވެ. ނަމަވެސް ރަސްމީކޮށް މިކަން އަދި އިއުލާން ކޮށްފައެއް ނުވެ އެވެ.

މި ފިލްމު ހުއްޓާލުމުން އާލިއާ އަށް ވަރަށް ބޮޑު ގެއްލުމަކާ ވަނީ ކުރިމަތި ވެފަ އެވެ. އޭނާ މި ފިލްމު ގަބޫލުކުރީ ވަރަށް ބޮޑެތި ގިނަ ޕްރޮޖެކްޓްތަކަކަށް ނޫނެކޭ ބުނެފައި ކަމުންނެވެ. އެހެންވެ އާލިއާ އަށް ގެއްލުންވިޔަ ނުދިނުމަށް ބާންސާލީ މިހާރު ވަނީ "ގަންގޫބާއީ" ކިޔާ ފިލްމެއް އާލިއާ ލައްވާ ކުޅުވަން ނިންމާފައި ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ. ނަމަވެސް މި ފިލްމު ވެސް ރަސްމީކޮށް އިއުލާން ކޮށްފައެއް ނުވެ އެވެ.

ބާންސާލީ ޑައިރެކްޓަރެއްގެ ގޮތުގައި ފުރަތަމަ ނުކުތީ 1996 ގައި އޭނާ އުފެއްދި "ޚާމޯޝީ – ދަ މިއުޒިކަލް" މި ފިލްމުގެ ބަތަލަކީ ސަލްމާނެވެ. އޭގެ ފަހުން ބާންސާލީ ވަނީ ސަލްމާން ލައިގެން "ހަމް ދިލް ދޭ ޗުކޭ ސަނަމް" އުފައްދާފަ އެވެ. އަދި ރަންބީރު ކަޕޫރާއި ސޯނަމް ކަޕޫރު ފިލްމީ ދުނިޔެއަށް ތައާރަފް ކުރުމަށް ބާންސާލީ އުފެއްދި "ސާވަރިޔާ" ގައި ވެސް ސަލްމާން ވަނީ ބައިވެރި ވެފަ އެވެ. ނަމަވެސް އޭގެ ފަހުން ބާންސާލީ އާއި ސަލްމާންގެ ގުޅުން ގޯސްވެ ދެ މީހުން ވާހަކަ ނުދައްކާ ވެސް ވަރަށް ގިނަ ދުވަސްތަކެއްގައި ތިއްބެވެ. ފަހުން ދެ މީހުން އަލުން އެކުވެރިވިޔަސް ފިލްމެއްގެ މަސައްކަތް އެކުގައި ކުރެވޭ ގޮތެއް ނުވެ އެވެ.