ހަބަރު

ދުނިޔޭގެ ފުރަތަމަ "ޕާލޭ ފިއުޗާ އައިލެންޑް ނޭޝަން" އަކަށް ރާއްޖެ

ދުނިޔޭގެ އެންމެ ފުރަތަމަ "ޕާލޭ ފިއުޗާ އައިލެންޑް ނޭޝަން" އަކީ ރާއްޖެ ކަމުގައި އިއުލާނު ކޮށްފި އެވެ. އެކަން އިއުލާނު ކޮށްފައި ވަނީ އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށްދިޔަ ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތަކާބެހޭ ވިޔަފާރި ފޯރަމުގަ އެވެ.

މިއަދު ބޭއްވި އެ ފޯރަމްގައި ކުދި ޖަޒީރާ ގައުމެއްގެ ގޮތުގައި ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ކުރިމަތި ކުރި ސުވާލުތަކަށް އެމަނިކުފާނު ވަނީ ޖަވާބު ދެއްވާފަ އެވެ. މީގެ އިތުރުން ޕާލޭ ފޯ ދަ އޯޝަންސް އާއި ރާއްޖެއާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާ ބެހޭގޮތުން ވެސް ރައީސްވަނީ އެ ފޯރަމްގައި މައުލޫމާތު ދެއްވާފަ އެވެ. -- ޕާލޭ ފޮ ދަ އޯޝަންސްއަކީ ކަނޑުތަކުގެ ދިރުންތަކާއި، ރީތި ކަމާއި، ސަލާމަތަށް މަސައްކަތް ކުރާ ފަރާތްތަކެއް ހިމެނޭ ނެޓްވޯކެކެވެ.

ރައީސް ސޯލިހާ ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ މައްސަލަތަކާއި ގާނޫނާއި، ގަވައިދާ ހިލާފަށް ދެމެހެއްޓެނިވި ނޫން ގޮތްގޮތަށް މަސްވެރިކަން ކުރުމުން މަހުގެ އާބާދީ މަދުވަމުން ދިއުމާއި، ޕްލާސްޓިކު ކުނިބުނި ގިނަވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ރާއްޖެއިން ޕާލޭ ފޯ ދަ އޯޝަންސް އާއި ގުޅިގެން މަސައްކަތް ކުރަން ނިންމި ސަބަބުގެ މައްޗަށްވެސް ވަނީ އަލިއަޅުއްވާލާފަ އެވެ.

މީގެއިތުރުން ރައީސްގެ ވާހަކަފުޅުގައި ޕާލޭ އޭއައިއާރް ސްޓްރެޓެޖީއަށް ތައުރީފުކުރައްވައި އެ ސްޓެރެޓެޖީގައި ހިމެނޭ ޕްލާސްޓިކާ ދުރުހެލިވުމާއި ޕްލާސްޓިކު ނައްތާލުމާއި ޕްލާސްޓިކު ނޫން އައު ގޮތްތަކެއް ހޯދުމުގެ ވިސްނުމަށް ތައުރީފު ކުރެއްވިއެވެ.

އެގޮތުން އާންމު ދިރިއުޅުމުގައި ބޭނުންކުރަންޖެހޭ ތަކެއްޗަކީ ތިމާވެއްޓާ ރަހުމަތްތެރިގޮތަށް ފަރުމާކުރެވޭ ތަކެއްޗަށް ހެދިއްޖެނަމަ، އެއީ ރާއްޖެއަށް ދިމާވެފައިވާ ޕްލާސްޓިކު ކުނިބުނީގެ މައްސަލައަށް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމެއް ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.

މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ކުޑަކުރުމަށް މަސައްކަތްކުރާ ގައުމުތަކުގެ އެންމެ ކުރީގައި ހިމެނޭ ގައުމެއްގެ ގޮތުގައި އޮތުމަށް ރާއްޖެއިން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ، 2023 ވަނަ އަހަރުގެ ނިޔަލަށް "ސިންގަލް ޔޫސް ޕްލާސްޓިކް" ނުވަތަ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލަން ރާއްޖެއިން ނިންމާފައިވާ ނިންމުމަށް އަލިއަޅުއްވާލައްވާފަ އެވެ.

މިއީ، މިފަދަ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ގައުމަކުން މިހާތަނަށް ކަނޑައަޅާފައިވާ އެންމެ ވަރުގަދަ އަޒުމުކަން ފާހަގަކުރައްވާ އެމަނިކުފާނުވަނީ މިއީ ރާއްޖޭގެ، "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލްގެ ވަރަށް މުހިއްމު އަސާސެއް ކަމަށެވެ. އަދި އެ މޮޑެލަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަތިލުމަށް ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް، (ސިޑްސް) ނުވަތަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ހާސިލުކުރެވޭނެ ފަދަ ވަށާޖެހޭ ފިޔަވަޅުތަކެއްގެ މައްޗަށް ބިނާވެފައިވާ މޮޑެލެއް ކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

"ޕްލާސްޓިކާ ދުރު ޖަޒީރާ ގައުމަކަށް" ރާއްޖެއިން އަމާޒުހިފުމުގެ މައިގަނޑު ބޭނުމާމެދު ހުށަހެޅި ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ހަދާ އެއްބަސްވުމެއްގެ ދަށުން ރާއްޖެއިން އަމާޒު ހިފާފައިވަނީ ނޫ އިގުތިސާދުގެ ވިސްނުމާއި އަދި ކަނޑުގެ ދިރުންތަކާއި ވެށި ހިމާޔަތްކުރެވޭ ގޮތަށް ތަރައްގީގެ ކަންކަން ކުރިޔަށްގެންދިއުމަށް ކަމުގައެވެ. ދުނިޔޭގެ އެންމެ ފުރަތަމަ "ޕާލޭ ފިއުޗަރ އައިލެންޑް ނޭޝަން" ގެ މަގާމާއިމެދު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، އެ މަގާމަކީ ކަނޑުތަކުގެ ހިމާޔަތަށް މަސައްކަތް ކުރާ ނޫ އިގުތިސާދެއް ބިނާ ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހާމަކޮށްދޭ ޝަރަފެއް ކަމަށެވެ.