ލަގްޒަރީ މޯބައިލް ފޯނެއްގެ ގޮތުގައި އާންމުންގެ މެދުގައި މަޝްހޫރުވެފައިވާ އައިފޯނު ލައިންއަޕްގެ ފަހުގެ ފޯންތައް މި މަހު އެޕަލް ކުންފުނިން ވަނީ ލޯންޗުކޮށްފަ އެވެ. އައިފޯން 11 ލޯންޗު ކުރުމާއެކު ގިނަ ބައެއްގެ މެދުގައި އެ ފޯނު މަގްބޫލުވިޔަސް، އަދި ވިކިފައިވަނީ ކިތަށް ފޯނު ކަމެއް އެޕަލްއިން ހާމައެއް ނުކުރެ އެވެ.
އެއީ ބައެއް ގައުމުތަކަށް ފޯނު ފޯރުކޮށްދިނުމުގެ މަސައްކަތް އެޕަލް ކުންފުންޏަށް ފެށޭވަރު ވަނީ މިމަހު 27 ވަނަ ދުވަހުގައި ކަމަށް ވުމުންނެވެ. ނަމަވެސް މިހާރު ގިނަ ބަޔަކު ދަނީ އައިފޯން 11 ގައި ހިމެނޭ ތިން ފޯނުވެސް ބޭނުން ކުރަމުންނެވެ. އެއާއެކު އެޕަލްއިން ވަނީ ފޯނުތަކަށް އަޕްޑޭޓަށް ފޮނުވާފަ އެވެ. މި އަޕްޑޭޓުގައި ފޮރުވިފައިވާ ބައެއް ފީޗަސްތައް ހިމެނެ އެވެ. މި ފީޗާސް ތަކުގެ ވާހަކަ ފޯނު ލޯންޗު ކުރި ރޭ އެޕަލްއަކުން ނުބުނެ އެވެ. އޭގެ ތެރެއިން ހަތަރު ފީޗާއެއްގެ ވައިގައި ހިފާފައި ވެއެވެ.
ނުދަންނަ ނަމްބަރުތަކުގެ ކޯލްތަކަށް އޮޓޯ ސައިލެންސް
އާ އަޕްޑޭޓް އައުމުގެ ކުރިން ފޯނުތައް ލައުޑަށް ލާފައިވާނަމަ ނުދަންނަ ނަމްބަރަކުން ގުޅިޔަސް ފޯނު ބާރަށް ރިންގުވާނެ އެވެ. އެކަމަކު މިހާރު ނުދަންނަ ނުވަތަ ފޯނުގައި ސޭވް ނުކޮށް އޮތް ނަމްބަރަކުން ގުޅައިފިނަމަ ފޯނު އޮޓޯއިން ސައިލެންޓް މޯޑަށް ދާނެ އެވެ. އެކަމަކު ވައިބްރޭޓްވާނެ އެވެ. އެޕަލް އިން މި ފީޗާ ތައާރަފް ކުރި ބޭނުމެއް ނޭގެ އެވެ.
އައި މެސެޖުން އަވަސްކޮށް ސާޗު ކުރެވޭ
ވަރަށް ގިނައިން ދިމާވާ ކަމެކެވެ. ހަފުތާއެއް ނުވަތަ މަހެއްހާ ދުވަސް ކުރިން މީހަކަށް ކޮށްފައިވާ މެސެޖެއް ހޯދާލުމަކީ ދަތި އުނދަގޫ ކަމަކެވެ. ސަބަބަކީ މީހުނަށް ކުރާ މެސެޖްތަކަށްވުރެ ގިނައިން މުވާސަލަތީ ހިދުމަތްދޭ ކުންފުނިން ފޮނުވާ މެސެޖް ގިނަވާތީ އެވެ. އެކަމަކު ދެން އެހެނެއް ނުވާނެ އެވެ.
އަލަށް ގެނައި އަޕްޑޭޓާއެކު އައިމެސެޖުން ކުރިން ކޮށްފައިވާ މެސެޖެއް ހޯދަން ހުޅުވާލާއިރަށް މީގެ ކުރިން ކޮށްފައިވާ މެސްޖްތަކާއި އެ މެސެޖްތަކުގައި ހިމެނޭ ފޮޓޯތައް ސްކްރީނުން ފެންނަން ހުންނާނެ އެވެ. ކުޑަކޮށް ސްކްރޯލް ކޮށްލުމުން ހޯދަން ބޭނުންވާ މެސެޖް ފެންނަން އިންނާނެ އެވެ. ވަގުތު ސަލާމަތްވާނެ އެވެ. އެޕަލް އިން މި ފީޗާސް ތައާރަފުކުރީ އެޕަލް ކުންފުނިން އަބަދުވެސް ބުނާ ގޮތަށް ޓެކްނެލޮޖީގެ އެހީގައި ފަސޭހަތަށް ހޯދައި ދޭށެވެ.
އިމޯޖީސް ފޮނުވަން ފަސޭހަ
ކޮންމެ މީހަކާ ވާހަކަ ދެއްކިޔަސް އިމޯޖީސްއާ ނުލައި ކޮންވަޒޭޝަން ފުރިހަމައެއް ނުވާނެ އެވެ. އާންމު ގޮތެއްގައި އިމޯޖީ ސަފުގެ ކުރީގައި އުޅެނީ އެމީހަކު އެންމެ ގިނައިން ބޭނުންކުރާ އިމޯޖީސްތަކެވެ. އެހެން އިމޯޖީސަތައް ސާޗު ކޮށްލައިގެން ހޯދާނަމަ ކުޑަ ވަގުތު ކޮޅެއް ނަގާނެ އެވެ. އަޕްޑޭޓަށް ވުރެ ކުރިން އިމޯޖީސް ބަޔަށް ދެވޭ ފިތް ހުންނަނީ ސްޕޭސް ބާ ކައިރީގަ އެވެ. އަދި އިމޯޖީ ބަޔަށް ވަދެ ބައެއް ފަހަރު އިމޯޖީ ސާޗު ކުރަން ޖެހެ އެވެ. އަނެއް ބައި ފަހަރު ސްލައިޑް ކުރަން ޖެހެ އެވެ. އެކަމަކު މިހާރު އިމޯޖީ ބަޔަށް ދާއިރު ހުރިހާ އިމޯޖީ އެއް ތަނަކުން ހޯދާލަން ފަސޭހައިން ފެންނަން ހުނާނެ އެވެ.
ޕްލޭ ސްޓޭޝަނާ ކަނެކެޓް ކޮށްލެވޭ
އައިފޯން 11 ލޯންޗުކުރި ރޭ ވެސް އާކޭޑް ގޭމް ފޯނުގައި ހިމަނާފައިވާ ކަމަށް ބުންޏެވެ. ނަމަވެސް ފޯނު ޕްލޭ ސްޓޭޝަން 4 އަދި އެކްސްބޮކްސް ޕެއާ ކުރާނެ ވާހަކަ ސިއްރު ކުރި އެވެ.
އާ އަޕްޑޭޓަކާއެކު އާކެޑް ގޭމްސްއިން ބޭނުންވާ ގޭމެއް އޮންލައިންކޮށް ޑައުންލޯޑް ކޮށްގެން އެކްސްބޮކްސް ނުވަތަ ޕްލޭ ސްޓޭޝަން 4 އާ ޕެއާ ކޮށްގެން ބޮޑު ސްކީރުނުގައި ގޭމް ކުޅެންވީ އެވެ. އައިފޯނު 11 އަށް ފޮނުވި އަޕްޑޭޓްގައި ބްލޫޓޫތް ޑިވައިސްތަކާ ކަނެކެޓް ކުރެވެން ހުންނާނެ އެވެ. މިއީ އެޕަލްއިން މުޅިން އަލަށް ތައާރަފްކުރި ފީޗާ އެކެވެ. ސަބަބަކީ ގިނަ ގޭމަރުން ގޭމް ކުޅެން އައިފޯން ބޭނުންކުރާތީ އިތުރު ފަސޭހަތަކެއް ހޯދައި ދިނުމެވެ.