ޓްރާންސްޕޯޓް އޮތޯރިޓީ

ޓްރާންސްޕޯޓްގެ މުވައްޒިފުންތަކެއް ވަކިކުރާ ކަމަށް ބުނެ ރައީސަށް ސިޓީއެއް

ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒިފުންތަކެއް ވަޒީފާއިން ކަނޑާލުމުގެ ނިޔަތުގައި ކަންތައްތަކެއް ކުރާ ކަމަށް ތުހުމަތުކޮށް އެ އޮތޯރިޓީގެ ގިނަ އަދަދެއްގެ މުވައްޒިފުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރަން އެދި ޕެޓިޝަނަކާއެކު ސިޓީއެއް ފޮނުވައިފި އެވެ.

އަވަސްއަށް ކޮޕީ ލިބިފައިވާ އެ ސިޓީގައި ޓްރާންސްޕޯޓް އޮތޯރިޓީގެ މައްސަލަތަކެއްގެ ގޮތުގައި ބައެއް ކަންކަން ފާހަގަ ކޮށްފައި ވެއެވެ. އަދި އެ އޮތޯރިޓީން ގިނަ މުވައްޒިފުންތަކެއް ވަކި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައި ވެއެވެ.

ސިޓީގައި ބުނެފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީން މުވައްޒަފުންތަކެއް ވަކި ކުރަން ނިންމާ ލިސްޓެއް ވެސް ތައްޔާރު ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ސާފު ކުރަން މިހާތަނަށް އެ އޮތޯރިޓީގެ އެކި ލެވެލްގެ ބޭފުޅުންނާ ބައްދަލުކޮށް ވާހަކަ ދެކެވުނު ނަމަވެސް، އެކަމާ ގުޅޭގޮތުން މުވައްޒިފުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒިފުން އެ ސިޓީގައި ބުނަނީ އެ އޮތޯރިޓީން ގިނަ މުވައްޒަފުންތަކެއް ވަކިކުރަން އުޅެނީ ހާޒިރީގެ މައްސަލަތަކެއް ފެންމަތި ކުރުމަށްފަހު ކަމަށެވެ. އެކަން އެެހެން ދިމާވާ ސަބަބުތައް ވެސް ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.

އެގޮތުން އިތުރު އިނާޔަތެއް ނުލިބޭ އިރު، އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހުމާއި، މުވައްޒިފުން މަދުވުމުން ޗުއްޓީއާއި ސަލާމްގައި ހުންނަ ދުވަސްތަކުގައި ވެސް އޮފީހަށް ނުކުންނަންޖެހުން ފާހަގަ ކޮށްފައި ވެއެވެ.

އަދި އެ މުވައްޒިފުން މިހާތަނަށް ކުރަން ޖެހުނު ބުރަ މަސައްކަތްވެސް ބަޔާންކޮށް ހާޒިރީގައި މައްސަލަ އުޅޭކަމަށް ބުނެ އިސްލާހު ކުރަން ފުރުސަތެއް ނުދީ ވަޒީފާއިން ވަކިކުރުމަކީ ހިތާމަކުރާ ކަމެއްކަމަށް ވެސް ބުނެފައި ވެއެވެ.

މުވައްޒިފުން ސޮއި ކޮށްފައިވާ ސިޓީގައި ބުނެފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، ސިންގަޕޫރަށް ފުރާވަޑައިގަތުމުގެ ކުރިން އެ މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ ބައްދަލު ކުރައްވާ، އޮތޯރިޓީގެ މަސައްކަތްތަކަށް ދަތިވި ނަމަވެސް އަދި މަސައްކަތްތައް ހުއްޓުމަކަށް އައި ނަމަވެސް މުވައްޒިފުންނަށް ފިޔަވަޅު އަޅަން ރައީސުލްޖުމްހޫރިއްޔާ ލަފާ ދެއްވާފައިވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

އެ އޮތޯރިޓީގައި މަސައްކަތް ކުރާ 48 މުވައްޒިފަކު ސޮއިކޮށްފައިވާ ޕެޓިޝަނަކާއެކު ހިމެނޭ ސިޓީގައި ވަނީ މުވައްޒިފުންތަކެއް އެގޮތަށް ކަނޑާލުމަށް ފުރުސަތު ނުދެއްވުމަށް އެދި ޝަކުވާތަކުގެ އަޑުއެއްސެވުމަށް ރައީސަށް ދަންނަވާ ކަމަށް ލިޔެފައި ވެއެވެ.

މި ކަމާ ގުޅިގެން ޓްރާންސްޕޯޓާއި ރައީސް އޮފީހުގެ ބަހެއް ނުލިބެ އެ އެވެ.