ޗައިނާ

ޗައިނާގެ 70 ވަނަ ގައުމީ ދުވަސް ފާހަގަކޮށްފި

ޗައިނާގެ 70 ވަނަ ގައުމީ ދުވަސް ރާއްޖޭގައިވެސް ފާހަގަކޮށްފި އެވެ.

މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމެވެ.

ޗައިނާގެ ގައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި މި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. ޗައިނާ އެމްބަސީގެ ފަރާތުން މިފިލާ ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސްޓަރ ޖަންގް ލީ ޖޮންގް އެވެ.

ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 14 އޮކްޓޫބަރު 1972 ގައެވެ.

ޗައިނާގެ 70 ވަނަ ގައުމީ ދުވަސް ރާއްޖޭގައި ފާހަގަކޮށްފައިވާއިރު، މިފަހުން ދިވެހިންގެ ތަރައްގީގައި އެންމެ ބޮޑު ހިއްސާއެެއް ވެފައިވަނީ ޗައިނާއެވެ. އެގައުމުގެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާއިރު ރާއްޖެއާއި ޗައިނާގެ ގުޅުން ނިމިދިޔަ ފަސް އަހަރު ވަރަށް ބޮޑަށް ވަނީ ބަދަހިވެފައެވެ.

މި ސަރުކާރުންވެސް ޗައިނާއާ ގުޅުން ބަދަހިކުރަން މަސައްކަތް ކުރަމުންދާއިރު، ފަތުރުވެރިކަމުގެ ދާއިރާ ފަދަ މުހިންމު ދާއިރާތަކުގައި އިންވެސްޓްކުުރުމަށް ޗައިނާއަށް ވަނީ ދައުުވަތު ދީފައެވެ. ދާދިފަހުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

ޗައިނާއާއި ރާއްޖޭގެ ގުޅުން މިފަހުން ހީނަރުވެފައިވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޗައިނާއާ ގުޅޭގޮތުން ދައްކަަވަމުން ގެންދަވާ ވާހަކަތަކުގެ ސަބަބުންކަމަށް އިދިކޮޅު ޕާޓީތަކުން ދަނީ ބުނަމުންނެވެ.