ހަބަރު

ތިމާވެށްޓާ ގުޅިގެން ޗައިނާއިން ދައްކާ މިސާލަށް ރާއްޖޭގެ ތައުރީފު

Sep 26, 2019

މޫސުމަށް އަންނަ ބަދަލުތަކާއެކު ދުނިޔެއަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ޗައިނާ އިން ގެންގުޅޭ ސިޔާސަތުތަކަށް ތައުރީފް ހައްގުކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެގޮތުން ބައިނަލްއަގުވާމީ މައިދާނުގެ އިތުރުން، ޗައިނާގެ އެތެރޭގައި ވެސް ތިމާވެށްޓާއި ރަށްޓެހި ސިޔާސަތުތަކުގެ ސަބަބުން ގިނަ ހެޔޮ ބަދަލުތަކެއް ފެންނަމުންދާކަމަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ޒިންހުއާ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވި އެވެ.

"އަވިން ހަކަތަ އުފެއްދުމަށް ޗައިނާ ހިފާފައިވާ އަމާޒު ފާހަގަ ކުރަންޖެހޭ. އަށް އަހަރު ދުވަހަށްފަހު ބެއިޖިންގްއަށް އައުމުން ސާފު ވަޔާއި ވެރިރަށުގެ ފެހިކަމާއި މޫސުމަށް އަންނަ ބަދަލުތަކާއެކު ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރާ މަސައްކަތް އެބަ ފެނޭ،" ޝާހިދު ވިދާޅުވި އެވެ.

އެގޮތުން، ތިމާވެށްޓާ ރަށްޓެހި ސިޔާސަތުތަކުގެ ތެރެއިން މުޅި ދުނިޔެއަށް މިސާލު ދައްކަމުންދާކަމަށް ވެސް ޝާހިދު ފާހަގަކުރެއްވި އެވެ. އަދި އެކަމުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި ޗައިނާގެ އަގު އުފުލިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ އެއް ގައުމަކީ ރާއްޖެކަން ފާހަގަކުރައްވަމުން، ޝާހިދު ވަނީ ހުރިހާ ގައުމެއް ގުޅިގެން ކުރިމަތިވެފައިވާ މި ކާރިސާއިން ދުނިޔެ ސަލާމަތްކުރުމަށް އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވައިފަ އެވެ.

ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާބެހޭ ގޮތުން ޗައިނާއާއެކު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނުކަމަށް ޝާހިދު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ފޮރިން މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޗަައިނާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި، އެ ގަައުމުގެ ނައިބު ރައީސް ވަންގް ގިޝަންއާއި ފޮރިން މިނިސްޓަރު ވާންގް ޔީއާ އާ ޝާހިދު ވަނީ ބައްދަލު ކުރައްވައިފަ އެވެ.

އެގޮތުން، ކުރީގެ ސަރުކާރުގައި ހިންގި ބޮޑެތި މަޝްރޫއުތަކަށް ޗައިނާއިން ނެގި ލޯނުތަކާ ގުޅިގެން ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި އެގައުމަށް ކުރެއްވި ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކާ ގުޅޭގޮތުން ޝާހިދު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް އަދިވެސް ޗައިނާ އިން އެހީވާން ތައްޔާރަށް އޮތް ކަމަށެވެ.

ޝާހިދުގެ ދަތުރުފުޅުގައި ޗައިނާ ސަރުކާރާއެކު މުހިންމު ތިން އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވައިފަ އެވެ. އެ އެއްބަސްވުންތަކުގެ ތެރޭގައި ދެގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ކުޅިވަރުގެ އިތުރުން ޓެކްނިކަލް އެހީ އިތުރުކުރުން ހިމެނެ އެވެ.

އޭގެ އިތުރުން، ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ސްޓޭޑިއަމެއް ތަރައްގީ ކުރުމުގެ މަޝްރޫއުއެއްގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.