ބޮރިސް ޖޯންސަން

ސުޕްރިމް ކޯޓްގެ ހުކުމް ގޯސް: ބޮރިސް

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީސް ސަސްޕެންޑް ކުރީ ގަވާއިދާ ހިލާފަށް ކަމަށް ނިންމައި ސުޕްރީމް ކޯޓުން ހުކުމް ކުރުމުން އެ ހުކުމާ ބޮރިސް ދެކޮޅު ހައްދަވައިފި އެވެ.

ކޯޓުގެ ހުކުމާ ދެކޮޅު ހަދާ ބޮރިސް ގާނޫނު ހަދާ މެމްބަރުންގެ ގާތު ވިދާޅުވީ، އިނގިރޭސިވިލާތް ސިޔާސީ ގޮތުން ބޮޑު ހަމަނުޖެހުމަކަށް ގޮސްފައިވާއިރު، އެކަން އިތުރަށް ގޯސްވިޔަ ނުދިނުމުގެ ގޮތުން މަޖިލިސް ސަސްޕެންޑް ކުރެއްވީ ގަވާއިދާ ހިލާފަށް ކަމަށް ކޯޓުން ކަނޑައެޅުމުން ދޭހަވަނީ ކޯޓުން މިހާރު އުފެދިފައިވާ މައްސަލަތައް ހައްލު ކުރަން ބޭނުން ނުވާ ކަމަށެވެ.

އެގައުމުގެ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ ކުރި ހުކުމުގައި ވިދާޅުވެފައި ވަނީ ގާނޫނު ހަދާ މަޖިލިސް ސަސްޕެންޑު ކުރަން ބޮރިސް ނިންމެވީ ގާނޫނާ ޙިލާފަށް ކަމަށެވެ. ކޯޓުގެ އަމުރަށް ފަހު ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލިސް މިއަދު ފައްޓަވާނެ ކަމަށެވެ.

މިއަދު ގާނޫނު ހަދާ މަޖިލީހުގެ މައިނޯރިޓީ ޕާޓީތަކުގެ މެމްބަރުންނާ ފޯނުން ގުޅުއްވައިގެން ބޮރިސް ވަނީ އަވަސް އިންތިހާބެއް ބޭއްވުމުށް އެދި މަސައްކަތް ކޮށްދެއްވުމަށް މެމްބަރުން ކިބައިން އެދި ވަޑައިގެންފަ އެވެ. ނަމަވެސް ޕާޓީތަކުން ވަނީ މިކަމާ ދެކޮޅު ހަދާފަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅޭގޮތުން ބޮރިސް އިތުރަށް ވިދާޅުވީ، ގާނޫނު ހަދާ މަޖިލިސް ސަސްޕެންޑް ކުރުމުން، ރާނީގެ ވިސްނުންފުޅު އެކަމުގައި އޮތް ގޮތް މިވަގުތު މުހިންމު ކަމަށެވެ.

ގާނޫނު ހަދާ މަޖިލިސް ސަސްޕެންޑް ކުރަން ބޮރިސް ނިންމެވީ، އަވަސް އިންތިހާބެއް ބާއްވަން އެދި ބޮރިސް ހުށަހެޅުމުން، އެ ހުށަހެޅުމުން ފާސް ނުވުމުންނެވެ. އަވަސް އިންތިހާބަކަަށް ބޮރިސް ދާން ބޭނުންފުޅު ވަނީ އޭނާއަށް މިހާރު މަޖިލީހުގެ މެޖޯރިޓީ ގެއްލިފައިވުމާއެކު އަދި އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެއްބަސްވުމަކާ ނުލާ ވަކިކުރަން ބޭނުންވާތީ އެވެ.