ބިދޭސީންގެ މައްސަލަ ހައްލު ކުރަން ފެށި މަސައްކަތުގައި އޮތީ ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް ފިލަން ފުރުސަތު ދިނުމާއި ދެން ތިބި މީހުންނަކީ ފައިސާ ހޯދަން ހުޅުވާލާ ދޮރަކަށް ހެދުންތޯ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސުވާލު ކުރައްވައިފި އެވެ.
ޖަމީލް މި ސުވާލު ކުރައްވާފައި ވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންގެ ތެރެއިން ގާނޫނާ ހިލާފަށް މަސައްކަތްކުރާ މީހުން ގާނޫނުގެ ތެރެއަށް ވައްދަން އިކޮނޮމިކް މިނިސްޓްރީން ފުރުސަތު ހުޅުވާލާފައި ވަނިކޮށެވެ. މިނިސްޓްރީގެ އެ ހުޅުވާލުމާއެކު އެތައް ބިދޭސީނެއް އިއްޔެއިން ފެށިގެން ވެހެމުންދިޔަ ވާރޭގައި މިނިސްޓްރީ ކުރިމަތީ ވަނީ ކިއު ހަދަން ފަށާފަ އެވެ.
މިނިސްޓްރީގެ މަސައްކަތްތަކާ ގުޅުވައި ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ފެށި މަސައްކަތުގައި އޮތީ ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް ފިލަން ފުރުސަތު ދިނުމާއި ދެން ތިބި މީހުންނަކީ ފައިސާ ހޯދަން ހުޅުވާލާ ދޮރަކަށް ހެދުންތޯ ޖަމީލް ވަނީ ސުވާލު ކުރައްވާފަ އެވެ. އަދި މިނިސްޓްރީގެ އެ ނިންމުމާއެކު ބިދޭސީން ގެންނަ އެޖެންސީތައް އޮތީ އުފަލުން ފޮޅިފައި ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
"ކިތައް ބިދޭސީން މަދުވާނެބާ؟ އެންމެން ލީގަލައިޒް ކުރާނީބާ؟" ޖަމީލް އިތުރު ދެ ސުވާލު ކުރެއްވި އެވެ.
ބިދޭސީންގެ މައްސަލަ ހައްލު ކުރަން ފެށި މަސައްކަތުގައި އޮތީ ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް ފިލަން ފުރުސަތު ދިނުމާއި ދެން ތިބި މީހުންނަކީ ފައިސާ ހޯދަން ހުޅުވާލާ ދޮރަކަށް ހެދުންތޯ؟ އެޖެންސީތައް އުފަލުން ފޮޅިފައި... ކިތައް ބިދޭސީން މަދުވާނެބާ؟ އެންމެން ލީގަލައިޒް ކުރާނީބާ؟މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބު ރައީސް
ޖަމީލްގެ އެ ވާހަކަތަކަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ކޮމެންޓްކޮށްފައިވާ ފަރާތްތަކުން ބުނީ އެއީ ބަޔަކު ހިންގާ ވަރަށް ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި އެއީ އިކޮނޮމިކް މިނިސްޓްރީއާ، ބިދޭސީން ގެންނަ އެޖެންސީތަކާ ގުޅި ރޭވިގެން ހިންގާ ކަމެއް ކަމަށެވެ.
ފުރަތަމަ ރާއްޖޭގައި އުޅޭ ގާނޫނާ ޚިލާފު ބިދޭސީން ފުގައުމަށް ފޮނުވާލައި ގާނޫނީ އިމުގެ ތެރެއިން އެތެރެވުމަށް ނުއެންގީ ކީއްވެގެންތޯވެސް ބައެއް މީހުން ސުވާލު ކޮށްފައި ވެއެވެ.
"މި ހުޅުވާލި ފުރުސަތުގެ ސަބަބުން އަނެއްކާވެސް މި ބިދޭސީންގެ އަތުން ފައިދާ ހޯދާނީ އެޖެންސީތަކުން. ހުރިހާ ގެއްލުމެއް ދައުލަތާއި ރައްޔިތުންނަށް،" އާންމުންގެ މީހަކު ޚިޔާލުފާޅުކޮށްފައި ވެއެވެ.
ބައެއް މީހުން ބުނެފައި ވަނީ ކުރިއަށް އޮތް ހައެއްކަ މަސް ދުވަހަށް ބިދޭސީން އެޖެންސީތަކަށް ފައިސާ ދީގެން ރަޖިސްޓްރީވާނެ ކަމަށެވެ. އަދި އޭގެ ފަހުން ރަށުތެރޭގައި ކުރިން ވެސް އުޅެމުން އައި ގޮތަށް އުޅެން ފަށާނެ ކަމަށެވެ.
މި ސަރުކާރުން ވަނީ ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް ވަރުގަދަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ބުނެފަ އެވެ. އެ މަސައްކަތުން ނަތީޖާ ފެންނާނެ ކަމަށާއި ނަތީޖާ ނުފެންނަ ނަމަ މަގާމުގައި ދެމި ނުހުންނަވާނެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވެސް ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގައި ރިކޯޑް އަދަދަކަށް ގަވާއިދާ ޚިލާފު ބިދޭސީން އުޅެމުންދާއިރު އެ މީހުން ރާއްޖޭގައި ވިޔަފާރި ކުރުމާ، ގަވައިދާ ހިލާފަށް މީހުން ރެކްރޫޓް ކުރުމާއި މީހުނާ އިނދެ އާއިލާ އުފައްދަމުން ވެސް ދެއެވެ. އަދި އެފަދަ ބައެއް މީހުން ހޯދާ ޑީޕޯޓް ކުރަމުންދާއިރު މިހާތަނަށް ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ފާހަގަ ކޮށްލެވޭ ވަރުގެ ބޮޑު މަސައްކަތެއް ހިނގާފައެއް ނުވެއެވެ.