ޕެންޝަން އޮފީސް

ޕެންޝަނުން ހައްޖަށް: ދަތި މުސްކުޅިވާ ދުވަހު

ހައްޖަށް ދާން ޕެންޝަން ފަންޑުން ނެގޭ ފައިސާގެ އަދަދު 80 ޕަސަންޓަށް ބޮޑު ކުރަން ޕެންޝަނާބެހޭ ގާނޫނު އިސްލާހުކޮށްފައިވާއިރު، ޕެންޝަން ފަންޑުން އެ ފައިސާ ނެގުމުގެ އަސަރުކުރާނީ ވަކިވަކި ފަރުދުންނަށްކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

މިދިޔަ ޖުލައި މަހު ފާސްކުރި އިސްލާހުގެ ދަށުން، އުމުރު ދުވަހު ކުރާ މަސައްކަތުން ޕެންޝަން އެކައުންޓަށް ޖަމާވެފައިވާ ހުންނަ ފައިސާގެ ބޮޑުބައެއް ނެގުމުން، ރިޓަޔާ ކުރާއިރު އަސާސީ ޕެންޝަނެއް ދިނުމަށް މީގެ 10 އަހަރު ކުރިން ވުޖޫދުކުރި ގާނޫނޫގެ މަފްހޫމް ގެއްލޭކަމަށް ޕެންޝަން އޮފީހުން މީގެ ކުރިންވެސް ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން އަވަސް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގެ ތެރެއިން މަނިކު ވިދާޅުވި ގޮތުގައި އެ އިސްލާހާއެކު ޖުމްލަ 13 ބިލިއަން ރުފިޔާ ހުރި ޕެންޝަން ފަންޑަށް މާބޮޑު އަސަރެއް ކުރާނެކަމަކަށް ލަފައެއް ނުކުރެވެ އެވެ.

ގާނޫނުގައި މިހާރު އޮތް ގޮތުން، ހައްޖަށްދާން ޕެންޝަން ފައިސާ ބޭނުންކުރެވޭނީ މަދުވެގެން 336،000 ރުފިޔާ ޕެންޝަން އެކައުންޓުގައި ހުރި މީހުންނަށެވެ. ޕެންޝަން އޮފީހުން އަންދާޒާކުރާ ގޮތުގައި އެ އަދަދަށް ޕެންޝަން އެކައުންޓުގައި މިވަގުތު ފައިސާ ހުރީ އެންމެ 6،000 މީހުންނެވެ. ނަމަވެސް، އެ މީހުންނަށްވެސް އިތުރު ޝަރުތުތަކެއް ވަނީ ހިމަނައިފަ އެވެ. ޕެންޝަން ފަންޑުން ފައިސާ ނެގެނީ ފަރުޟު ހައްޖު އަދާކުރަން އެކަންޏެވެ. އަދި މިވަގުތަށް ނަމަވެސް، އެ ފައިސާ ދެވެނީ ހައްޖު ކޯޕަރޭޝަނުން ހައްޖަށް ދާ މީހުންނަށެވެ.

އެހެންކަމުން، މުސްތަގުބަލަށް ވިސްނި ނަމަވެސް، މުޅި ޕެންޝަން ފަންޑަށް މާބޮޑު އަސަރެއް ކުރާނެކަމަށް ލަފާ ނުކުރެވޭކަމަށް މަނިކު ވިދާޅުވި އެވެ. އެގޮތަށް ވިދާޅުވާ ސަބަބުވެސް މަނިކު ވަނީ ތަފްސީލްކޮށްދެއްވައިފަ އެވެ.

އެގޮތުން، 80 ޕަސަންޓަށް ބޮޑުކުރުމުގެ ކުރިން، 50 ޕަސަންޓް ދޭ ގޮތަށް މިއަހަރު ޕެންޝަން ފައިސާއިން ހައްޖަށް ގޮސްފައިވަނީ 14 މީހުންނެވެ. ކޮންމެ އަހަރަކު ރާއްޖެއަށް ދޭ ހައްޖު ކޯޓާ މުސްތަގުބަލުގައި އިތުރުވާނެކަމަށް ނުބެލެވޭއިރު، ހުރިހާ ޝަރުތުތައް ފުރިހަމަވެގެން ޕެންޝަން ފައިސާ އިން ހައްޖަށްދާ މީހުންގެ އަދަދު، މުޅި ޕެންޝަން ފަންޑަށް އަސަރުކުރާފަދަ މިންވަރަށް އިތުރުވެގެންނުދާނެކަމަށް މަނިކު ފާހަގަކުރެއްވި އެވެ.

"މުޅި ޕެންޝަން ފަނޑަށް ނުކަތާވަރުގެ އަސަރެއް ކުރާނެކަމަށް ލަފައެއް ނުކުރެވޭ. އެއީ ހައްޖު ކޯޓާވެސް ބޮޑުވެގެންދާނެކަމަށް ނުބެލެވޭތީ. އެހެންވީމަ އެ އަދަދުތައް ޕެންޝަން ފަންޑަން ހިފެހެއްޓޭނެކަމަށް މި ބަލަނީ،" މަނިކު ތަފްސީލްކޮށްދެއްވި އެވެ.

ޕެންޝަން ފައިސާ އިން ހައްޖަށް ގޮސްގެން މުޅި ފަންޑަށް އަސަރު ނުކުރި ކަމުގައި ވީ ނަމަވެސް، އެފަދަ މީހުން ރިޓަޔާ ކުރާއިރު ޕެންޝަންގެ ފައިސާގެ ގޮތުގައި ލިބޭ އަދަދު ނިސްބަތުން މަދުވާނެކަމަށް މަނިކު ވިދާޅުވި އެވެ.

އަޅުގަނޑުމެން ބަލާއިރު 50 ޕަސަންޓް ނެގީމަވެސް އެވަރެޖުކޮށް 340 އެއްހާ ރުފިޔާ އެބަ އުނިވޭ މަހަކު ލިބޭ ޕެންޝަނުން. އަދި 80 ޕަސަންޓް ނެގުމުން އެ އަދަދު އެއަށްވުރެ އިތުރުވާނެ. އަނެއްކާ އަޅުގަނޑުމެން މި ބަހާލަނީ 14 އަހަރަށް. އެހެންވީމާ، 14 އަހަރު ވަންދެން ކޮންމެ މަހަކު އެ އަދަދު ކެނޑެމުންދާނީ،" އޭނާ ފާހަގަކުރެއްވި އެވެ.

ޕެންޝަނާބެހޭ ގާނޫނު ވުޖޫދު ކުރުމުގެ ބޭނުމަކީ އަސާސީ މުސާރައިގެ ގޮތުގައި ލިބޭ އެއްޗެއްގެ މަދުވެގެން ދެ ބައިކުޅަ އެއްބައި މުސްކުޅިވާ ދުވަހު އެމީހަކަށް ދިނުމެވެ. ރާއްޖޭގައި މުސާރައިގެ ނިސްބަތުން ބަލާއިރު، ރިޓަޔާމަންޓް ޕެންޝަން ސްކީމްގެ ދަށުން އެވަރެޖުކޮށް މީހަކަށް ލިބޭ ޕެންޝަން 5،000 ރުފިޔާއަށް ވުރެ މަދެވެ.

އެ ނިސްބަތުން ބަލާނަމަ، ހައްޖަށް ދާން 80 ޕަސަންޓް ފައިސާ ނަގައިފިނަމަ، ރިޓާޔާކޮށްގެން މަހަކު ލިބޭ މަދު ލާރިކޮޅުން 500 އެއްހާ ރުފިޔާ 14 އަހަރު ވަންދެން އުނިވެގެންދާނެ އެވެ.

ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާބެހޭ ގާނޫނު ބަދަލު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ ފުރަތަމަ ދައުރު ތެރޭގައި ވަނީ އެ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފަ އެވެ. އޭރު ޕެންޝަން ފަންޑުން ދޫކުރާނީ އެ އަހަރަކު ހައްޖަށް ދިއުމުގެ އަގު ކަމުގައި ސަރުކާރުން ކަނޑައަޅާ އަގުގެ 50 ޕަސަންޓެވެ. ނަމަވެސް ފަހުން ވަނީ އެ އަދަދު 80 ޕަސަންޓަށް ބޮޑުކޮށްފަ އެވެ.