މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދަން ޝައުގުވެރިވާ ފަރާތްތައް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލާފައިވަނީ މި މަހުގެ ނުވަވަނަ ދުވަހު އެވެ. މި ހުޅުވާލުމަށް ކޮންމެ އަހަރަކުވެސް ހައްޖު ކޯޕަރޭޝަނާއެކު އެ ފުރުސަތަށް އެދި ގިނަ ޖަމާއަތްތަކެއް ހުށައަޅަ އެވެ. ނަމަވެސް ހޮވަނީ މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކަށް ފެތޭ، އެންމެ މަތިން މާކްސް ލިބޭ ހަތަރު ޖަމާއަތެކެވެ. އެއިން ކޮންމެ ޖަމާއަތަށް 90 ނޫނީ 100 މީހުންގެ ކޯޓާއެއް ދޫކުރެ އެވެ. ބާކީ ހުންނަ ޖާގަތައް ހާއްސަ ކުރަނީ ސަރުކާރުގެ ހައްޖާއި، އުމުރާ ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށެވެ. މިއީ އާންމު އޫސޫލެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ހައްޖު ކޯޓާ ދޫކުރާނެ ކުންފުނިތައް ކަނޑައަޅާނެ އުސޫލާއެކު އެކަމަށް އެދުމުގެ ފުރުސަތު މިނިސްޓްރީން ހުޅުވާލާފައިވާއިރު ބައެއް އުސޫލުތައް މިފަހަރު ވަނީ ކޮންމެވެސް ވަރަކަށް ތަފާތުވެފަ އެވެ. ހާއްސަކޮށް ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ވަނީ ބަދަލު ކޮށްފަ އެވެ. އެ ބަދަލާ ގުޅިގެން ހައްޖަށް މީހުން ގެންދާ އަމިއްލަ ބައެއް ކުންފުނިތަކުގެ ވަރަށް ބޮޑު ކަންބޮޑުވުން އެބައޮތެވެ.
ބައެއް ޖަމާއަތްތަކުގެ ނަޒަރުގައި އެއީ ވަކި ބަޔަކަށް ކޯޓާގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން މިނިސްޓްރީން ނުވަތަ ސަރުކާރުން ގެނެސްފައިވާ ބަދަލެކެވެ.
ޖަމާއަތްތަކަށް މާކުސްދޭ އާ މިންގަނޑު
- ހައްޖަށް ގެންދން ހުށައަޅާ އަގު: 10 ޕޮއިންޓް
- ފޯރުކޮށްދޭނެ ހިދުމަތްތާއި ހިދުމަތުގެ ފެންވަރު: 85 ޕޮއިންޓް
- ތަޖުރިބާ: 5 ޕަސެންޓް
މި އަހަރުގެ ގެނެސްފައިވާ ބަދަލަށް ބަލާއިރު، ފޯރުކޮށްދޭނެ ހިދުމަތްތާއި ހިދުމަތުގެ ފެންވަރުގެ ބަޔަކަށް ވަނީ ވަރަށް ބޮޑުތަނުން ޕޮއިންޓް އިތުރުކޮށްފަ އެވެ. ކުރިން އެ ބަޔަކަށް ދެނީ 60 ޕޮއިންޓެވެ. އެކަމަކު މިއަަހަރު މިވަނީ އިތުރު 25 ޕޮއިންޓް ގިނަކޮށް 85 ޕޮއިންޓަށް އިތުރުކޮށްފަ އެވެ.
ހައްޖަށް ގެންދަން ހުށައަޅާ އަގަށް މީގެ ކުރިން 35 ޕޮއިންޓް ދެ އެވެ. މިފަހަރު އެ އަދަދު ވަނީ 25 ޕޮއިންޓް އުނިކޮށް 10 ޕޮއިންޓަށް ތިރިކޮށްފަ އެވެ. ބަދަލު ނާންނަނީ ހަމައެކަނި ތަޖުރިބާގެ ބަޔަށެވެ. މީގެ ކުރިންވެސް އަދި މި އަހަރު ވެސް އެ ބަޔަށް ދޭން އޮންނަނީ ފަސް ޕޮއިންޓެވެ.
ބައެއް ޖަމާއަތްތަކުން ބުނި ގޮތުގައި މިފަހަރު ޕޮއިންޓް ދިނުމުގެ އުސޫލު އެކުލަވާލުމުގައި ވަކި ބަޔަކަށް ފުރުސަތު ދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވެ އެވެ. މިހާތަނަށް ވެސް އިސްލާމިކް މިނިސްޓްރީން ޖަމާއަތްތަކުންދޭ ހިދުމަތްތައް އެންމެ ރަނގަޅަށް މޮނީޓަރު ކޮށްފައި ނުވާއިރު، ކުއްލި ގޮތަކަށް ފޯރުކޮށް ދޭނެ ހިދުމަތްތަކާއި ހިދުމަތުގެ ފެންވަރުގެ ބަޔަކަށް ބޮޑު އަދަދަކުން ޕޮއިންޓް އިތުރު ކުރުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް އެ ޖަމާއަތްތަކުން ބުނެ އެވެ.
"މިސާލަކަށް މިދިޔަ އަހަރު ހައްޖަށް ގެންދިޔަ ޖަމާއަތްތަކުން ހައްޖުވެރިންނަށް ދިނީ މިނިސްޓްރީއަށް ހުށައެެޅި ޕްރޮޕޯޒަލްގައި ހުރި ހިދުމަތްތޯ؟ މިނިސްޓްރީން ހަމަ ޔަގީނުން ވެސް ބަލަންޖެހޭ މިންވަރަކަށް ބަލާފައެއް ނެތް، އެކަން ޔަގީން. އެހެންވީއިރު މިފަހަރު މި ބަޔަށް މިހާ ބޮޑުކޮށް މާކުސް މިދޭ ދިނުމާމެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ!" ޖަމާއަތެއް އޮފިޝަލަކު ނަން ޝާއިއު ނުކުރުމަށް އެދި ވަޑައިގެން ވިދާޅުވި އެވެ.
މި ބަދަލުގެ ސަބަބުން ކޯޓާގެ ފުރުސަތު ހޯދަން ބައެއް ޖަމާއަތްތަކުން ހައްޖުވެރިންނަށް ނުދޭ ބައެއް ހިދުމަތްތައް ވެސް ޕްރޮޕޯޒަލްގައި ހިމެނުމުގެ ފުރުސަތު އޮންނާނެ އެވެ. އެކަން ބައެއް ޖަމާއަތްތަކުން ނުކުރަންވީ ސަބަބެއް ވެސް ނެތެވެ. މިދިޔަ އަހަރު މިނިސްޓްރީއަށް ހުށައެޅި ޕްރޮޕޯސަލްތަކުގައި ގިނަ މާކްސް ހޯދަން ކުޑަ އަގު ޖެހި ބައެއް ކުންފުނިތަކުން، ފުރުސަތު ލިބުމުން ބޮޑު އަގުގައި ވަނީ މީހުން ހައްޖަށް ގެންގޮސްފަ އެވެ. އެއީ ސުވާލެއް ވެސް އޮތް ކަމެއް ނޫނެވެ.
އެއިން އެއްވެސް ކަމެއް މިނިސްޓްރީގެ އަމިއްލަ އިސް ނެގުމަށް ބަލާފައެއް ނުވެއެވެ. އެދުނީ އެފަދަ ކަމެއް ހިނގާފައި އޮތް ނަމަ ހުށައެޅުމަށެވެ. ނަމަވެސް ހައްޖުގެ ފުރުސަތު ގެއްލިދާނެ ކަމުގެ ބިރަށް މައްސަލަ ހުށަނާޅާ، 20،000 ފެށިގެން 30،000 ދެމެދުގެ އަދަދަކަށް އިތުރަށް ފައިސާ ދައްކައިގެން މިދިޔަ އަހަރު ހައްޖަށް ދިޔަ މީހުން އެބަ ތިއްބެވެ.
"މިނިސްޓްރީގެ މި ފުރުސަތަކީ އޮޅުވާލައިގެން ޕްރޮޕޯޒަލް ހުށައެެޅުމަށް ހުޅުވޭނެ މަގެއް. ހައްޖަށް ގެންދާ އަގުގެ ގޮތުގައި 69،000 ރުފިޔާ ޖަހައިގެން ގިނަ މާކްސް ހޯދުމަށްފަހު ހައްޖުވެރިންގެ އަތުން 95،000 ނޫނީ 100،000 ރުފިޔާ ނެގި ކުންފުނިތައް މިދިޔަ އަހަރުވެސް އެބަހުރި. ވީމާ ފޯރުކޮށް ދޭނެ ހިދުމަތްތައް ލިސްޓް ކުރާއިެރު އޮޅުވާ ނުލާނެތޯ. އަނެއްކޮޅުން ހައްޖުވެރިންނަށް ނޭންގޭ ހުއްދަ ލިބޭ ޖަމާއަތްތަކުން މިނިސްޓްރީއަށް ހުށައެޅީ ކޮންކޮން ހިދުމަތްތަކެއް ޖަހާފައިވާ ޕްރޮޕޯޒަލެއް ކަމެއްވެސް،" އެހެން ބޭފުޅަކު ވިދާޅުވި އެވެ.
ވަކި ވަކި ބައިބަޔަށް ޕޮއިންޓްދޭ ގޮތާމެދު ވެސް ބައެއް ކުންފުނިތަކުން ސުވާލު އުފައްދަ އެވެ. އެގޮތުން "ދީނީ މުރުޝިދުން" ގެންދާ މިންވަރަށް ބަލައި ޕޮއިންޓް އިތުރު ކުރުމާއި، އަރަބިބަސް ދަންނަ އެހީތެރިން ގެންދާ މިންވަރަށް ބަލައިގެން ޕޮއިންޓް އިތުުރު ކުރުމާއި، ޑޮކްޓަރުންނާއި ސިއްހީ އެހީތެރިން ގެންދާ މިންވަރަށް ބަލައިގެން ޕޮއިންޓް އިތުރު ކުރެވޭނެ ކަމަށް ބުނެފައިވާތީ އެއީވެސް ވަކި ބަޔަކަށް ފުރުސަތު ފަހިކޮށް ދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ބައެއް ޖަމާއަތްތައް ދެކެވެ.
ހައްޖު ކޯޓާ ލިބޭ ޖަމާއަތްތަކުން ދީނީ މުރުޝިދުންނާއި، އަރަބިބަސް ދަންނަ އެހީތެރިންނާއި، ޑޮކްޓަރުން ނުވަތަ ސިއްހީ އެހީތެރިން ގެންދަން ޖެހޭނެ އެވެ. ނަމަވެސް އެއީ މިންވަރު އިތުރުވެގެން މާކްސް ގިނަވާ ސަބަބަކަށްވުން އެއީ ގޯހެކެވެ. އޭގެ ބަދަލުގައި ޖަމާއަތްތަކަށް ދޫކުރާ ކޯޓްގެ އަދަދަކީ 90 ކަމަށްވީއިރު ކޮންމެ ދާއިރާއަކުން ތިނެއް ނުވަތަ ފަސް މީހުން ކަނޑައެޅުން ފަދަ ކަމެއް ކުރުން މާ ރަނގަޅުވާނެ އެވެ.
"މިހާރު ބައެއް ޖަމާއަތްތަކުގައި އެބަތިބޭ ވަރަށް ގިނަ އަދަދަކަށް އިލްމުވެރިން، އަދި އަރަބި ބަސް ދަންނަ މީހުން، އަނެއްކޮޅުން ހައްޖަށް ފުރުސަތު ހުޅުވާލާއިރު ބައެއް މީހުން މި ތިބެނީ ނަންނޯޓް ވެސް ކޮށްގެން. އެހެންވީމަ އޭގެ ތެރޭގައި ސިއްހީ އެހީތެރިންނާ މި ދެންނެވި ދާއިރާތަކުގެ މީހުން ތިބިނަމަ އެ މީހުންނާއެކު މި ޖަހާލަނީ. އަޅުގަނޑުމެން މި ދަންނަވަނީ އެއީ ހަމަޖެހޭ އަދި އިންސާފުވެރި ވެސް ގޮތެއް ނޫނޭ. މިނިސްޓްރީން އެބަޖެހޭ ކޮންމެ ދިހަ މީހަކަށް ނުވަތަ އެ ނޫންވެސް އަދަދަކަށް މި ދާއިރާތަކުން މީހުން ތިބޭ ގޮތަކަށް ކަނޑައަޅަން. އޭރުން އެންމެންނަށް ވެސް އެ ދެވެނީ ހަމަހަމަ ފުރުސަތެއް."
އަނެއް ކަމަކީ ހޮޓަލާއި ހަރަމާ ދެމެދުގެ ދުރުމިނާއި، ވީއައިޕީ ބަހުގައި ދަތުރުކުރުމާއި، ވީހާވެސް ގިނަ ދުވަހެއްގައި ދިވެހި ކެއުން ލިބެން ހުރުމާއި، ތިބޭ ހޮޓަލުގައި ލިފްޓް ހުންނަ މިންވަރާއި، ބުފޭ އޮންނަ ގޮތާއި، މޭވާއާއި ތަރުކާރީ ހައްޖުވެރިންނަށް ދޭ މިންވަރެވެ، އަދި އެއަށް މާކްސް އިތުރުވާ ގޮތެވެ. ސައުވީސް ގަޑިއިރު، ކޮފީއާއި ޖޫހާއި ބިސްކޯދު ލިބެން ހުރުމާއި ހަތަރު ގަޑީގައި ކެއުން ދިނުމާއި، ކާންދޭ ވަގުތަށް ބަލާ ޕޮއިންޓް އިތުރުވާނެ ކަމަށް ވެސްޕޮއިންޓް ދިނުމުގެ އާ އުސޫލުގައިޗވެއެވެ.
ސުވާލަކީ ހައްޖަށް މީހުން ގެންދިއުމުގެ ކުރިން މިކަންކަން އިސްލާމިިކް މިނިސްޓްރީން ޔަގީން ކުރާނެ ގޮތެވެ. ހައްޖަށްދާ މީހުނަށް ރަނގަޅު އިންތިޒާމްތަކެއް ހަމަޖެއްސުމަކީ މުހިންމު ކަމެކެވެ. ނަމަވެސް މި ކަންކަން ކުރެވޭނެ ކަން އެކަންކަން ކުރުމުގެ ކުރިން އެ މިނިސްޓްރީން ޔަގީންކުރާނެ ގޮތެއް ސާފުވާން ޖެހޭނެއެވެ.
"ނޫނީ އޮންނާނީ އެބަޔަކު ވީހާވެސް މޮޅަށް ލިޔެގެން ހުށައެޅުން. މި ދެންނެވީ މީގެ ކުރިންވެސް ކެއުމާއި، ބުއިމާއި ކަންކަން އެއީ ރަނގަޅު އިންތިޒާމެއްގެ ދަށުން މިނިސްޓްރީއަށް ބެލޭ ކަންކަމެއް ނޫން. އެހެނެއް ނޫން، ގޮސް ތިބޭ ހޮޓާ ބަސް ދަތުރުތައް ބަލާލެވިދާނެ. އެކަމަކު މީގަ އެބަ އޮވޭ ވީއައިޕީ ބަސް އަދި އޭސީ ބަސް، މީގަ ހުރި ތަފާތަކީ ކޮބައިކަމެއްވެސް ނޭންގޭ. އެހެންވީމަ ވަރަށް ބޮޑަށް އޮޅުން ބޮޅުން ބޮޑު މިފަހަރު ޕޮއިންޓްދޭ ގޮތާމެދު."
ހައްޖަށްދެވޭ އަގު ކުޑަކުރަން ވިސްނަންޖެހޭ
އާ އުސޫލުން ފެންނަ ގޮތަށް ބަލާއިރު ސަރުކާރުން އަމާޒު ހިފާފައި ވަނީ ދިވެހިންގެ ތެރެއިން ހައްޖަށް ދާ މީހުންނަށް ވަރަށް ފެންވަރު މަތީ ހިދުމަތްތައް ދޭަށެވެ. ނަމަވެސް ސުވާލަކީ މިއީ އާންމު ދިވެހިންގެ ދިރިއުޅުން ހުރި ފެންވަރު ހެއްޔެވެ؟. ހައްޖަށް ދާން ލައްކައެއްހާ ރުފިޔާގެ ބޮޑު ހޭދައެއް ކުރަންޖެހޭއިރު އެ އަދަދު އެއަށްވުރެ އިތުރުވުމަކީ ވެސް ވެދާނެ ކަމެކެވެ.
އެދެނީ މާތް ބިމަށް ދަތުރުކޮށް ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރާށެވެ. ސައުވީސް ގަޑިއިރު ކޮފީ އާއި ސައި ބޮއި، ބިސްކޯދު ހަފާކަށް ނޫނެވެ. އަދި ބޭންކް ކާޑް ބޭނުންކޮށް ބެލެން ބަލާކަށްވެސް ނޫނެވެ. އެކަމަކު ކުންފުނިތަކަށް ފުރުސަތު މި ދެނީ އެ ޝަރުތައް ހަމަވާ ކުންފުނިތަކަށް އިސްކަން ދީގެނެވެ. އެކަންކަން ކުރަން އިތުރު ހަރަދު ބޭނުން ވެއެވެ. އެހެންވީމަ ހައްޖަށް ގެންދެވެނީ ބޮޑު އަގު ދީގެން އިތުރަށް ފައިސާ ނަގައިގެނެވެ.
އަނެއްކޮޅުން ފުރުސަތު ހޯދަން އަސްލު އަގުގެ ބަދަލުގައި މި ޖަހާލަނީ ކުޑަ އަގެކެވެ. ފުރުސަތު ލިބުމުން ފަހުން ގުޅާފައި މިނިސްޓްރީން އެދިގެން ހަތަރު އިރުގެ ކެއުމާއި، 24 ގަޑިއިރު ކޮފީއާއި ސައި ބޮއި، ބިސްކޯދު އަދި އެހެނިހެން ކަންކަން ހަމަޖައްސަންޖެހޭ ކަމަށް ބުނެ އިތުރު 30،000 ރުފިޔާ ނަގަނީ އެވެ. ނަމަވެސް އާންމު ދިވެއްސަކަށް މިއީ އިތުރަށް ދެއްކޭނެ އަދަދެއް ނޫނެވެ.
ހަރަދު ބޮޑު ދިރިއުޅުމުން 69،000 ރުފިޔާ ރައްކާކުރެވެނީ ވެސް އެތައް އަހަރަކުންނެވެ. އެހެން ކަމުން ހަމަ އަންގާލާ އިރަށް އިތުރަށް 30،000 ރުފިޔާ ދައްކާނީ ކިހިނެތް ހެއްޔެވެ؟
އެހެން ނަމަވެސް ކަންކަން ރޭވި އިންތިޒާމްވަމުން މިދަނީ އެމަގަށް ފަހިވާ ގޮތަށެވެ. ކުރިންވެސް ކަން ހިނގާފައި އޮތީ މިހެނެވެ.
ގިނަ ޖަމާއަތްތަކަކަށް ފުރުސަތު ދިނުން
ކޮންމެ އަހަރަކުވެސް ރަސްމީ ކޯޓާގެ ގޮތުގައި ރާއްޖެއަށް ލިބެނީ 1،000 ކޯޓާ އެވެ. ނަމަވެސް މިފަހުން ކޮންމެ އަހަރަކުވެސް އިތުރު 1،000 ކޯޓާ ލިބެ އެވެ. ސަރުކާރުން އެކަމަށް ކޮންމެ އަހަރަކު ސައުދީ ސަރުކާރުގައި އެދެއެވެ.
ރަސްމީ ކޯޓާގެ ތެރެއިން ހަތަރު ގުރޫޕަށް މި ދެނީ 360 ކޯޓާ އެވެ. ބާކީ 640 ޖާގަ ހައްޖު ކޯރަޕޭޝަނަށެވެ. ފަހުން ނުރަސްމީކޮށް ލިބޭ ކޯޓާއަށް މީހުން ހައްޖަށް ގެންދަނީ ވެސް ހައްޖު ކޯޕަރޭޝަނުންނެވެ. އެހެން ކަމުން ބައެއް ފަހަރު ލިބޭ އަދަދަކަށް މީހުން ނުގެންދެވިފައި ވެސް އެބަ ހުއްޓެވެ. އެއީ ޖާގަ ޔަގީންވާލެއް ލަސްވާތީ އެވެ.
ނަމަވެސް ނުރަސްމީކޮށް ލިބޭ 1،000 ކޯޓާއަށް އިތުރު އަމިއްލަ ކުންފުނިތަކަށް ޖާގަ ދިނުމަކީ މުހިންމު ކަމެއް ކަމަށް ބައެއް ގުރޫޕްތަކުން ދެކެއެވެ. އޭރުން މިހާރު އޮތް ވާދަވެރިކަން ކުޑަވެ، ރަނގަޅު ހިދުމަތާއެކު އަގަށް ވެސް ކުޑަ ލުޔެއް ލިބުމުގެ ފުރުސަތު އޮންނާނެ އެވެ.