ސައުދީ އަަރަބިއްޔާ

ހާޝުގްޖީގެ މަރުގެ ޒިންމާ ނަގަން: ޕްރިންސް މުހައްމަދު

އެމެރިކާގެ ވޮޝިޓަން ފޯސްޓް ނޫހުގައި މަސައްކަތް ކުރަމުންދިޔަ ނޫސްވެރިއެއް ކަމަށްވާ ޖަމާލު ހާޝުގްޖީ ސައުދީއަރަބިއްޔާގެ އޮފިޝަލުންތަކެއް މަރާލި މައްސަލައިގެ ޒިންމާ ނަގާ ކަމަށް ސައުދީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ޕަބްލިކް ބްރޯޑްކާސްޓިން ސާވިސް (ޕީބީއެސް) އިން ހާޝުގްޖީގެ މަރާއި ބެހޭގޮތުން ގެނެސްދިން ޑޮކިއުމެންޓްރީއަކަށް ދެއްވި އިންޓަވިއެއްގައި މުހައްމަދު ވިދާޅުވީ، ހާޝުގްޖީގެ މަރުގެ ޒިންމާ ނަންގަވަން ޖެހެނީ، އޭނާގެ ބެލުމުގެ ދަށުގައި ހުރި އިދާރާތަކެއްގެ މުވައްޒަފުން ހާޝުގްޖީ މަރުގެ މައްސަލައިގައި ޝާމިލްވާތީ ކަމަށެވެ.

މިއީ ހާޝުގްޖީ މަރުގެ މައްސަލައިގައި މުހައްމަދު އާންމުކޮށް ހުޅުވާލެވިގެން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. އެމެރިކާގެ ސީއައިއޭ އާއި ޔޫރަޕްގެ ބައެއް ގައުުމުތަކުން ހާޝުގްޖީ މަރާލުމުގައި މުހައްމަދުގެ އަތެއްވާ ކަމަށް ދިޔައީ ބުނަމުންނެވެ. މިއާއެކު މުހައްމަދުއަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމުން އޭނާ ވަނީ އެމެރިކާ އަށާއި ޔޫރަޕްގެ ގައުމުތަކަށް ދަތުރު ކުރުން ހުއްޓާލައްވާފަ އެވެ. ހާޝުގްޖީއަކީ ސައުދީގެ ރަސްކަމުގެ ނިޒާމަށް ފާޑު ކިޔައި ލިޔަމުންދާ މީހަކަށްވާތީ، އެ މަރުގެ އެންމެ ފުރަތަމަ ތުހުމަތުގެ އިނގިލި ދިއްކުރެވުނީ ވެސް މުހައްމަދު އަށެވެ.

"އަހަރެންގެ ބެލުމުގައި ދަށުގައި ހުރި އިދާރާތަކެއްގެ މީހުން އެކަން ކުރީ، އެހެންވުމުން އަހަރެން ޒިންމާ ނަގަން" ޕްރިންސް މުހައްމަދު ވިދާޅުވި އެވެ.

ހާޝުގްޖީގެ މަރުގެ މައްސަލަ ފެންމަތިވުމާއެކު، ގައުމުތަކުން ބުނަމުން ދިޔައީ މުހައްމަދަށް ނޭނގި އޭނާގެ ބެލުމުގެ ދަށުގައި ހުރި އިދާރާތަކުގެ މުވައްޒަފުންނަށް އެވަރަށް ރާވައިގެން ހާޝުގްޖީ މަރާ ނުލެވޭނެ ކަމަށެވެ. މި ތުހުމަތު ދޮގު ކުރައްވާ ރޮއިޓާސްއަށް މުހައްމަދު މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ސައުދީގައި 20 މިލިއަނުގެ އާބާދީއެއް އުޅެމުންދާ ކަމަށެވެ. އަދި އޭގެ ތެރެއިން ތިން މިލިއަން މީހުންނަކީ ސަރުކާރު މުވައްޒަފުން ކަމަށްވުމުން، އެންމެންގެ ކަންތައް އެކަނި ނުބެލެހެއްޓޭނެތީ ކަންކަން ރާވާ އިންތިޒާމު ކުރުމަށް މިނިސްޓަރުން އައްޔަން ކޮށްފައިވާ ކަމަށެވެ.

މުހައްމަދު ވިދާޅުވީ، ހާޝުގުޖީ މަރާލި ޓީމު ތުރުކީއަށް ދިޔައީ ސައުދީ ސަރުކާރުގެ ޖެޓެއްގައި ކަން އޭނާއަށް އެނގުނީ މީޑިއާގެ ޒަރިއްޔާއިން ކަމަށެވެ. އަދި އޭނާއަކީ އެއްވެސް ބަޔަކަށް ޖެޓް ދޫކުރާ މީހެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ، މަރުގެ މައްސަލައިގައި ހިމެނޭ ޓީމު ތުރުކީއަށް ދިޔުމަށް ޖެޓް ދޫކުރަނީ އެކަމާ ގުޅޭ މިނިސްޓްރީން ކަމަށްވުމުން އޭނާއަށް ހާޝުގުޖީ މަރާލި އޮޕަރޭޝަން ކުރިއަށް ގެންދިޔަކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ޕީބީއެސްގެ ޑޮކިއުމެންޓްރީގައި ވާހަކަ ދައްކަވަމުން މުހައްމަދު ވިދާޅުވީ، ހާޝުގުޖީ މަރާލަން ރޭވި ޕްލޭން، ކާމިޔާބު ކުރެވުނީ އޭނާ ބަލަންޖެހޭ ވަރަށް ނުބެލުމުން ކަމަށް ގަބޫލު ކުރެއްވޭތީ އެކަމުގެ ފުރިހަމަ ޒިންމާ ނަންގަވާ ކަމަށެވެ.