ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރު ކަމަށް ދެ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
އެ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލީ، ކުރިން އެ މަގާމުގައި ހުންނެވި އައިޝާ ޝުޖޫން އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ޝުޖޫން އެ މަގާމުން އިސްތިއުފާ ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އޭނާ އައްޔަން ކުރަން ނިންމެވުމާއި ގުޅިގެނެވެ.
ބާ ކައުންސިލުން ހުސްވެފައިވާ އެގްޒެކްޓިވް ކޮމެޓީގެ މެންބަރުކަމަށް ކުރިމަތިލެއްވީ އަބްދުއްސަލާމް އާރިފާއި ނޫރުބާން ފަހުމީ އެވެ. ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީއަށް މެންބަރަކު އިންތިޚާބު ކުރަން ވޯޓް ނަގާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެ އިންތިޚާބުގައި 695 ގާނޫނީ ވަކީލަކަށް ވޯޓް ލުމުގެ ހައްގު ލިބެ އެވެ،
ބާ ކައުންސިލް ޒިންމާ ކުރުކޮށް
- ގާނޫނީ ހިދުމަތުގެ ދާއިރާ ރެގިއުލޭޓް ކުރުން
- ވަކީލުންގެ ސުލޫކީ މިންގަނޑު އެކުލަވާލައި، ހުށަހެޅޭ ސުލޫކީ މައްސަލަތައް ބެލުން
- ވަކީލުކަން ކުރުމުގެ ހުއްދަ ދޫކުރުން
- ގާނޫނީ ހިދުމަތުގެ ދާއިރާ ކުރިއަރުވައި ތަރައްގީ ކުރުން
- ޖޭއެސްސީގައި ވަކީލުންގެ ފަރާތުން އިންނަވާ މެންބަރު އިންތިހާބު ކުރުން
- ގާނޫނު ކިޔަވައިދޭ ކޯސްތަކުގެ މުގައްރަރާބެހޭ ގަވާއިދު ހެދުން
ފުރަތަމަ ފަހަރަށް ބޭއްވި ބާ ކައުންސިލް އިންތިހާބު ކާމިޔާބު ކުރައްވާ އެގްޒެކެޓިވް ކޮމެޓީގެ މެންބަރު ކަމަށް އިންތިޚާބުވެފައިވަނީ ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒާއި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައިމާއި އެމްޑީޕީގެ ސެކްރެޓްރީ ޖެނަރަލް އަނަސް އަބްދުލް ސައްތާރާއި މުހައްމަދު ފައިސަލާއި މުހައްމަދު އަސީލް ހަސަން އެވެ.
ބާ ކައުންސިލްގެ ރަައީސަަކީ މައުމޫން ހަމީދެވެ. ނާއިބު ރައީސަކީ ކުރީގެ ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ. ކައުންސިލްގެ ރައީސާއި ނައިބު ރައީސަކީ އާއިލީ ގޮތުން ތިމާގެ ދެ ބޭފުޅުންނެވެ. އަދި އެ ކައުންސިލްގައި ހިމެނި ވަޑައިގަންނަވާ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒަކީ ނައިބު ރައީސް އަބްދުﷲ މުއިއްޒާ އެއްބަނޑު އެއްބަފާ ބޭފުޅެކެވެ.