މިދިޔަ ހުކުރު ދުވަހުގެ ރޭ ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ގެތަކާއި އެ ސަރަހައްދުގެ ހާލަތު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެސަރަހައްދަށް ޒިޔާރަތް ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު ހެނދުނު ކުރެއްވި މި ޒިޔާރަތުގައި އެސަރަހައްދުގައި މިހާރު ކުރިޔަށްދާ މަސައްކަތްތައް އޮޅުންފިލުއްވައި އަލިފާނުގެ ސަބަބުން އެ ސަރަހައްދަށް ލިބިފައިވާ ގެއްލުންތައް ބައްލަވާލައްވާފައިވެއެވެ. އަދި އެ ސަރަހައްދުގެ ގެތަކަށް ލިބިފައިވާ ގެއްލުން ވަޒަންކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކާ އަދި އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާ ނައިބު ރައީސް ބައްދަލުކުރައްވާފައިވެއެވެ.
އެސަރަޙައްދު ބައްލަވާލެއްވުމަށްފަހު، އެމަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މިފަދަ ނުރައްކާތެރި ހާދިސާތައް ތަކުރާރު ނުވާނެ ގޮތަށް ކަންކަން ބައްޓަން ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގައި ކެމިކަލް ރައްކާ ކޮށްފައިވާ ހުރި ގުދަންތަކެއް ވަނީ އަނދާ ހުލިވެފަ އެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ ބައެއް އިމާރާތްތައް ވެސް ހިމެނެ އެވެ. އެ ހާދިސާގައި އުމުރުން 46 އަހަރުގެ އަންހެނަކު ވެސް ވަނީ މަރުވެފަ އެވެ. އަދި 400ވުރެ ގިނަ މީހުންނަށް ސަރުކާރުން ވަނީ ވަގުތީ ހިޔާ ވަހިކަން ހޯދާދީފައެވެ.
އަލިފާނުގެ ހާދިސާގައި ބައެއް ވިޔަފާރިވެރިންނާ، އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. ބައެއް މީހުން މުޅި އުމުރުގައި ހޯދި މުދަލާއި، ފައިސާ ވަނީ އަދައިގެންގޮސްފައެވެ.