ބޮލީވުޑް

އަދިވެސް ހިނގަނީ "ޑްރީމް ގާލް" އާއި "ޗިޗޯރޭ"

މިދިޔަ ހަފުތާގެ ހުކުރު ދުވަހު ރިލީޒްކުރި ތިން ފިލްމަށް ވެސް ބޮކްސް އޮފީހުގައި ބޮޑު ނާކަމިޔާބެއް ކުރިމަތިވެއްޖެ އެވެ.

މި ތިން ފިލްމުގެ ތެރެއިން އެއް ފިލްމަކީ ސޯނަމް ކަޕޫރާއި ދަލްގާރް ސަލްމާންގެ ރޮމެންޓިކް ކޮމެޑީ "ދަ ޒޯޔާ ފެކްޓާ" އެވެ. ދެ ވަނަ ފިލްމަކީ ސަންޖޭ ދަތުގެ "ޕްރަސްތާނަމް" އެވެ. ތިން ވަނަ ފިލްމަކީ ކަރަން ޑިއެލްގެ "ޕަލް ޕަލް ދިލް ކޭ ޕާސް" އެވެ.

"ދަ ޒޯޔާ ފެކްޓާ" އަށް ފުރަތަމަ ދުވަހު 23 މިލިއަން ލިބުނުއިރު "ޕްރަސްތާނަމް" އަށް ލިބުނީ 46 މިލިއަނެވެ. އަދި "ޕަލް ޕަލް ދިލް ކޭ ޕާސް" އަށް 29.5 މިލިއަނެވެ.

މި ތިން ފިލްމު ބެލުންތެރިންނަށް ކަމުނުދިޔުމުން ފައިދާ ކުރީ ކުރީ ހަފުތާގައި ނުކުތް އަޔޫޝްމާން ކުރާނާގެ "ޑްރީމް ގާލް" އަށާއި އޭގެ ކުރީ ހަފުތާގައި ރިލީޒްކުރި "ޗިޗޯރޭ" އަށެވެ.

"ޑްރީމް ގާލް" މިހާރު ވަނީ 100 ކްރޯޑް (1000 މިލިއަން) ކްލަބަށް ވަދެފަ އެވެ. މިއީ ވަރަށް މޮޅު ފިލްމަކަށް ނޫނީ ވާސިލުވެވޭ މަގާމެއް ނޫނެވެ.

"ޗިޗޯރޭ" ރިލީޒްކުރިތާ ތިން ވަނަ ހަފުތާގައި ވެސް ވަރަށް ރަނގަޅަށް ދަނީ ހިނގަމުންނެވެ. އެގޮތުން 21 ދުވަސް ތެރޭ 135 ކްރޯޑު (1350 މިލިއަން ރުޕީސް) މި ފލްމު ވަނި ހޯދާފަ އެވެ. އަދި ކުރިޔަށް އޮތް ދުވަސް ތަކުގައި ވެސް "ޑްރީމް ގާލް" އާއި "ޗިޗޯރޭ"އާ ވާދަކުރަން ރަނގަޅު ފިލްމެއް ރިލީޒެއް ނުކުރާނެ އެވެ.

މި ދެ ފިލްމަށް ހުރަސްތަކާ ކުރިމަތިވާނީ އޮކްޓޯބަރު 2 ވަނަ ދުވަހު ނެރެން ހަމަޖެހިފައިވާ ރިތިކް ރޯޝަން އާއި ޓައިގަ ޝްރޮފްގެ "ވޯ" ގެ ސަބަބުންނެވެ.