ދިވެހި ސިނަމާ

މުއާގެ "ލީނާ" އައްޑޫއަށް

މިދިޔަ ޖުލައި މަހުގެ ރިލީޒް ކުރި އަބްދުﷲ މުއާޒުގެ ފުރަތަމަ ފީޗާ ފިލްމު "ލީނާ" ގެ ޝޯތަކެއް އައްޑޫ ސިޓީގައި ދައްކަން ހަމަޖައްސައިފި އެވެ.

ރާއްޖޭގައި ހިނގި މަރުގެ ހާދިސާއަކުން އިންސްޕަޔާ ވެގެން ތައްޔާރުކުރި "ލީނާ" ގެ ހައުސްފުލް ގިނަ ޝޯތަކެއް އޮލިމްޕަހުގައި ވަނީ ދައްކާފަ އެވެ.

ބެލުންތެރިންނަށް ކަމުދިޔަ "ލީނާ" އައްޑޫ ސިޓީގެ ތިން ރަށެއްގައި ދައްކާނެ އެވެ. އެގޮތުން އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހާއި ހަތަރެއްގައި މަރަދޫ ބޮޑަގޭގައި ފިލްމު ދައްކާނެ އެވެ. އަދި ފަސްވަނަ ދުވަހާއި ހަ ވަނަ ދުވަހު ހިތަދޫ ބިލަބޮން ސުކޫލުގައި ފިލްމް އަޅުވާނެ އެވެ. އޭގެ ފަހުން ފޭދޫގައި ވެސް ފިލްމު ދައްކަން މިހާރު ގެންދަނީ ޓިކެޓް ވިއްކަމުންނެވެ.

"ފިލްމުގެ ޓިކެޓް ގަންނަން ބޭނުންވާ މީހުން ގުޅުމުން ހަމަޖެހޭނެ." ޕްރޮޑިއުސަރު މުއާ ބުންޏެވެ. ޓިކެޓް ގަންނަން ގުޅަން ޖެހެނީ 9499676 މި ނަންބަރަށެވެ.

ލީނާ އުފައްދާފައި ވަނީ އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށެވެ. ފިލްމުގެ ޓައިޓްލް ރޯލް ކުޅެފައި ވަނީ މަރިޔަމް އައްޒަ އެވެ. އައްޒަގެ ލޯބިވެރިޔާގެ ރޯލު އަލީ އާޒިމް (ދޮން އައްޔަ) ކުޅެފައިވާއިރު ގާތިލުގެ ރޯލު ކުޅުނީ މުއާ އެވެ. އެހެން މުހިއްމު ބައިތަކުގައި ނުޒުހަތު (ނުޒޫ) ޝުއައިބު، ޒީނަތު އައްބާސާއި އަހުމަދު ނިމާލް އަދި އަހުމަދު އީސަ (އާނަންދު) ވެސް ހިމެނެ އެވެ.