ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރަން މިއަދު ބޭއްވި ޖަޒީރާ ކެނޯ ރޭހުގެ އެއްވަނަ ކ. އަތޮޅު ހޯދައިފި އެވެ.
ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި ހިންގާ ހަތް ހަރަކާތުގެ ތެރޭގައި ހިމެނޭ ފުރަތަމަ ބައި ކަމަށްވާ "ޖަޒީރާ ކެނޯރޭސް" ފައްޓަވައި ދެއްވީ ވ. ކެޔޮދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމެވެ. އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އާއި ޖެންޑަ މިނިސްޓަރު ސިދާތާ ޝަރީފު ވެސް ބައިވެރިވަޑައިގެންނެވި އެވެ.
ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އުފެދިފައިވަނީ ވަރަށް ގިނަ ބައެއްގެ ގުރުބާނީ އިން ކަމަށާއި މިހާރު ފެންނަ ތަރައްގީގެ އަސްލަކީ އެ ފަރާތްތަކުން ކުރި މަސައްކަތް ކަމަށެވެ.
އިތުރަށް ވިދާޅުވީ ދުނިޔެއަށް ރާއްޖެ އެހާ ރީތި ތަނަކަށް ވަނީ ދިވެހިންގެ ހިނިތުންވުމާއި އަޅާލުމުން ކަމަށާ، އެކަން އެގޮތުގައި ބާއްވަން ޖެހޭ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން އިންތިޒާމު ކުރި ހަރަކާތުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމް ދުވަސް މިފަހަރު ފާހަގަ ކުރަނީ ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާ އިން ނޫން ކަމަށެވެ. މި ފަހަރު އިވެންޓުގެ ހަރަދުތައް ބަލަހައްޓަނީ ސަރުކާރު ކުންފުނިތަކާއި މުޅި ޓޫރިޒަމް އިންޑަސްޓްރީން ކަމަށާ މުޅި ޓޫރިޒަމް ހަރަކާތުގައި 30 އަށްވުރެ ގިނަ ކުންފުނިން އެހީތެރިވަދެމުންދާ ކަމަށެވެ.
"ޓޫރިޒަމް ދުވަހުގެ ހަރަކާތުގެ ތެރެ އިން ހަމަ އެކަނި ސަރުކާރުން ހަރަދު ކުރާނީ ޓޫރިޒަމް ކޮންފަރެންސަށް،" އަލީ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަންހެނުންނަކީ ހަމައެކަނި ގޭގައި ތިބެން ޖެހޭ ބައެއް ނޫންކަން މިއަދުގެ ހަރަކާތުން އެކަނި ވެސް އެނގޭނެ ކަމަށެވެ.
"[މިއަދު] އަންހެނުން ގެންގޮސް ކެނޯ ދިނީމަ އެ އަށް ފިރިހެނުންނަށް އެރޭނީ،" އޭނާ ވިދާޅުވި އެވެ.
އެއްވަނަ ކ. ގުޅީގެ ޓީމަށް
ފޯރިގަދަ ކެނޯ ރޭހުގެ އެއްވަނަ ހޯދި އަންހެން ބައިވެރިއަކީ ކ. ކުޅީ އައިޝަތު ޝެހެނާޒެވެ. އަދި ފިރިހެން ބައިވެރިއަކީ ހަމަ އެ ރަށު އިސްމާއިލް ޝާހެވެ. މި ދެ ބައިވެރިންނަށް އިނާމުގެ ގޮތުގައި 30،000ރ. ގެ އިތުރުން ޓްރޮފީއެއް ދީފައިވެ އެވެ.
ހޯދާފައިވަނީ ވ. އަތޮޅު ޓީމެވެ. އަދި ތިންވަނައަށް ދިޔައީ ސ. އަތޮޅެވެ.
ސަތާރަ އަތޮޅަކުން ޓީމުތައް ބައިވެރިވި ކެނޯ ރޭސް ބާއްވާފައިވަނީ އަންހެން ޓީމަކާއި ފިރިހެން ޓީމެއް ހިމެނޭ ގޮތަށެވެ. ބާރާތް ފެށީ އަންހެން ޓީމުންނެވެ. ރިލޭއެއްގެ ގޮތުގައި ބޭއްވި މި މުބާރާތުގައި އަންހެން ޓީމުން ކެނޯގައި ފަލި ޖަހާފައިވަނީ ކެޔޮދޫ އިން ފެލިދޫ އަށެވެ. އަދި ފުލިދޫ އިން ތިނަދޫ އަށް ރޭހުގައި ފަލި ޖަހާފައިވަނީ ފިރިހެން ޓީމުތަކުންނެވެ.
ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި މިއަދު އޮންނާނީ މި ރަށުގެ ރައްޔިތުން ދޭ ރޭގަނޑުގެ ކެއުމެކެވެ. މި ހަރަކާތުގައި ދިވެހި ކެއުމުގެ 60 އަށްވުރެ ގިނަ ބާވަތެއް ހިމެނެ އެވެ. އަދި މި ހަރަކާތުގެ ތެރޭގައި ހަވާ އެރުވުންވެސް އޮންނާނެ އެވެ.