ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި، ގެއްލުން ލިބުނު މީހުނަށް ފައިސާއިން އެހީތެރިކަން ފޯރުކޮށްދޭން އެންޑީއެމްއޭއިން ހުޅުވާފައިވާ އެކައުންޓަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
އަލިފާނުގެ ހާދިސާގައި، ގެއްލުން ލިބުނު މީހުންނަށް ފައިސާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުުުރުސަތު އެންޑީއެމްއޭ އިން ހުޅުވާލީ މިދިޔަ ހޯމަ ދުވަހު އެވެ. އެކަމަށް ބޭންކު އޮފް މޯލްޑިވްސްގައި ވަނީ އެކައުންޓެއް ވެސް ހުޅުވާފަ އެވެ.
އެންޑީއެމްއޭއިން ބުނީ ހުޅުވާލި ފުރުސަތުގައި މިއަދުގެ ހަވީރު 4:00 ޖެހުމާ ހަމައަށ 1222،219.17 ރ. ލިބިފައިވާ ކަމަށެވެ.
އަލިފާނުގެ ހާދިސާގައި، ގެއްލުން ލިބުނު މީހުންނަށް އެހީވާން ފުުުރުސަތު ހުޅުވާލާފައިވީ ނަމަވެސް، ފައިސާ ހަދިޔާ ކުރަން އެދި އެންޑީއެމްއޭ އިން އެއްވެސް މީހަކަށް ނުގުޅާނެ އެވެ. ބުނީ ފައިސާ ހަދިޔާ ކުރަން ބޭނުން ފަރާތްތަކުން އަމިއްލައަށް ރިލީފް އެކައުންޓަށް ފައިސާ ޖަމާކުރުމަަށް އެދޭ ކަމަށެވެ.
ހުކުރު ދުވަހުގެ ހާދިސާ ހިނގިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައިވެސް ބަޔަކު ވަނީ އެ ހާދިސާގައި ގެއްލުން ލިބުނު ގެއަކުން ވައްކަން ކޮށްފައެވެ. އަދި ހާދިސާގައި ގެއްލުން ލިބުނުކަމަށް ބުނެ އެކި މީހުންނަށް ފޯނުކޮށްގެން ފައިސާ ހޯދުމަށްވެސް ބަޔަކު ވަނީ މަސައްކަތްކޮށްފަ އެވެ.
ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގައި ކެމިކަލް ރައްކާ ކޮށްފައިވާ ހުރި ގުދަންތަކެއް ވަނީ އަނދާ ހުލިވެފަ އެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ ބައެއް އިމާރާތްތައް ވެސް ހިމެނެ އެވެ. އެ ހާދިސާގައި އުމުރުން 46 އަހަރުގެ އަންހެނަކު ވެސް ވަނީ މަރުވެފަ އެވެ. އަދި 400ވުރެ ގިނަ މީހުންނަށް ސަރުކާރުން ވަނީ ވަގުތީ ހިޔާ ވަހިކަން ހޯދާދީފަ އެވެ.