މޯލްޑިވްސް ކަރެކްޝަން ސާވިސް (އެމްސީއެސް) ގެ ހާލަތު އޮތީ މީހަކު ހެޔޮ ބަހެއް ބުނެލަން ވެސް އުނދަގޫވާފަދަ ހާލަތު ދަށް ދަރަޖައެއްގައި ކަމަށް ކޮމިޝަނާ އޮފް ޕްރިޒަން އަބްދުﷲ މުނާޒް ވިދާޅުވެއްުޖެ އެވެ.
ކަރެކްޝަން ސާވިސްގެ 48 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބުރާސްފަތި ދުވަހު މާފުށި ޖަލުގައި ބޭއްވި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މުނާޒް ވިދާޅުވީ، ގާނޫނީ ގޮތުން ކަރެކްޝަނާ ހަވާލު ކޮށްފައިވާ ޒިންމާ އަދާ ކުރުމުގައި ގިނަ ގޮންޖެހުތަކަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި މުއައްސަސާގެ ނަން ވަރަށް ބޮޑަށް ކިލަނބު ވެފައިވާ ދުވަސްވަރެއްގައި ރައްޔިތުންނާ ސަރުކާރު ބޭނުންވާ މިސްރާބަށް މުއައްސަސާ ގެންދަން ބުރަކަށް މަސައްކަތެއް ކުރަން ޖެހިފައިވާ ކަމަށެވެ.
ކަރެކްޝަންގެ ބައެއް މުވައްޒިފުންގެ ފަރާތުން ކުރިން އައި ބައެއް ކަންކަމުގެ ސަބަބުން ޖެހިފައިވާ ލައްތައް ފިލުވާލެވޭނީ އިހްލާސްތެރި ކަމާއެކުގައި މަސައްކަތް ކޮށްގެން ކަމަށާއި މުއައްސަސާގެ ނަން ކިލަނބުވާ ގޮތަށް އަމަލުކުރާ އޮފިސަރުންގެ ސަބަބުން މުޅި މުއައްސަސާ ބަދުނާމު ވެގެންދާ ކަމަށް ވެސް މުނާޒް ވިދާޅުވި އެެވެ.
"ކަރެކްޝަނަލް ސާވިސް އޮތީ ހެޔޮ ބަހެއް ބުނެލަން އުނދަގޫވާފަދަ ނިކަމެތި ދަރަޖައަކަށް ކަމަށް ގަބޫލު ކުރަން. އެފަދަ ފަރާތްތަކުގެ [ބައެއް އޮފިސަރުންގެ] އަމަލުތަކުގެ ސަބަބުން މުއައްއްސަސާ ބަދުނާމުވާ ކޮންމެ ފަހަރަކު، އެކަންރައްދު ވަނީ އަޅުގަނޑުވެސް ހިމެނޭ ގޮތަށް އޮފިސަރުންނަށް" މުނާޒް ވިދާޅުވި އެވެ.
ކަރެކްޝަންގެ އަގު ވެއްޓޭ ގޮތަށް މަސައްކަތް ކުރާ މުވައްޒަފުންނަށް އެ ފުރުސަތު ނުދޭން ތެދުވެރިކަމާއެކު މަސައްކަތް ކުރަން ކަރެކްޝަންގެ އޮފިޝަރުން ޖެހިފައިވާ ކަމަށް އިޝާރާތް ކުރައްވާ މުނާޒް ވިދާޅުވީ، މިހާރު ކަރެކްޝަންގެ މަސައްކަތް ބައްޓަން ކޮށްފައިވާ ގޮތުގެ ސަބަބުން މީގެ ކުރިން ހިނގި ފަދަ ނޭއްގާނީ އަމަލުތަށް ތަކުރާރު ނުވާނެ ކަމަށެވެ.
"ހުރިހާ އޮފިސަރުންނާ ސިވިލް މުވައްޒިފުން ހިމެނޭ ގޮތަށް މިހާރު ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން [ކަރެކްޝަންގެ] ކަޅު ސަފްހާ ނިމުމަކަށް އަންނާނެ" އޭނާ ވިދާޅުވި އެވެ.