ލާމު އަތޮޅުގެ ގުދުރަތީ ރީތިކަމާއި ދިރުންތަކާމެދު ރައްޔިތުން ހޭލުންތެރިކޮށް އެތަކެތި ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން "ލާމާފަރު ފެސްޓިވަލް" ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތްތައް އެ އަތޮޅު މާމެންދޫގައި ކުރިއަށް ގެންގޮސްފި އެވެ.
"ލާމާފަރު ފެސްޓިވަލް" އިންތިޒާމުކުރި ފަރާތުން ބުނީ މި ފެސްޓިވަލަށް އެ އަތޮޅުގެ 11 ރަށެއްގެ، 12 ސްކޫލަކުން ދަރިވަރުންނާއި ބެލެނިވެރިން އަދި އާންމުން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. އަދި ސިކްސް ސެންސަސް ލާމުގެ ފަތުރުވެރިން ވެސް ފެސްޓިވަލަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
ދެހާސް މީހުން ޒިޔާރަތްކުރި ފެސްޓިވަލްގެ މި އަހަރުގެ ޝިއާރަކީ "އަހަރެމެންގެ ކަނޑުތައް – ރައްކާތެރިކަމާއެކު ހިމާޔަތް ކުރެވިފައި" މި ޝިއާރެވެ.
މި ފެސްޓިވަލް ފެށުން ޝަރަފުވެރިކޮށްދިނީ އިންޑިއަން އައިލެންޑް ގޭމްސްގައި ރާއްޖެއަށް ރަން މެޑަލް ކާމިޔާބުކޮށްދިން އައިޝަތު ރަފާ ނާޒިމެވެ.
ރަފާގެ ވާހަކައިގައި ތިރި ޖަޒީރާ ގައުމުތަކާއި އަދި މުޅި ދުނިޔެވެސް ނުރައްކަލަށް ހުށަހެޅޭ ފަދަ އަމަލުތައް ކުރާ ބޮޑެތި ގައުމުތަކާ ދެކޮޅަށް އަޑުއުފުލުމުގައި ކުޑަކުދިންނާއި ޒުވާނުން އިސް ނަގަން ގޮވާލި އެވެ. އަދި ސްވިޑަންގެ ކްލައިމެޓް އެކްޓިވިސްޓް ގްރެޓާ ތަންބާގެ މިސާލު ފާހަގަކޮށް، ކޮންމެ ކުއްޖަކަށް ވެސް ދުނިޔެ ބަދަލު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ރަފާ ފާހަގަކުރި އެވެ.
އިއްޔެ ކުރިއަށްދިޔަ ފެސްޓިވަލްގައި ސްކޫލްކުދިން ވަނީ މުޅި ދުނިޔޭގައި މިހާރު ކުރިޔަށްދާ ކްލައިމެޓް ސްޓްރައިކްގައި ބައިވެރިވުމުގެ ގޮތުން މޫސުމާ މެދު އެކުދިންގެ ހިޔާލުފާޅުކޮށް ހިނގާލުމެއް ބާއްވާފަ އެވެ. މީގެ އިތުރުން ލ. އަތޮޅުގެ ތާރީހާއި ސަގާފަތާއި ތިމާވެށި ހާއްސަވާ ސަބަބުތައް ދައްކާލުމުގެ ގޮތުން ލާމު ވާހަކައިގެ ނަމުގައި ހުށަހެޅުންތަކެއް ހުށަހަޅާފައި ވެއެވެ.
މި ފެސްޓިވަލްގައި ތިން އުމުރު ފުރަޔަކަށް ބަހާލައިގެން ދެ ޖިންސްގެ ދަރިވަރުން ބައިވެރިވެވޭގޮތަށް ފެތުމުގެ މުބާރާތަކާއި ވިސިޓް ލާމުން އިންތިޒާމު ކުރި ލާމު އަތޮޅުގެ އެންމެ މޮޅު ފޮޓޯގްރަފާ ހޮވުމުގެ މުބާރާތް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
"ލާމާފަރު ފެސްޓިވަލް" އަކީ ވޭތިވެދިޔަ ތިން އަހަރުން ލާމު ޓާޓްލް ފެސްޓިވަލްގެ ނަމުގައި ކުރިޔަށް ގެންގޮސް މިއަހަރު ލާމާފަރު ފެސްޓިވަލްއަށް ބަދަލުކޮށްގެން ކުރިޔަށްގެންދިޔަ ހަރަކާތެކެވެ.