ކެމިކަލް ގުދަނުގައި ރޯވުން

ރެޑްކްރެސެންޓް އެހީގެ ފަންޑަށް ހަލައްކައަށްވުރެ ގިނަ ރުފިޔާ

Sep 27, 2019

މިދިއަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި، ގެއްލުން ލިބުނު މީހުނަށް ފައިސާއިން އެހީތެރިކަން ފޯރުކޮށްދޭން ދިވެހި ރެޑް ކްރެސެންޓުން ހުޅުވި ފަންޑަށް ހަ ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

ރެޑް ކްރެސެންޓުން ހުޅުވާލާފައިވާ "އިމަޖެންސީ ރެސްޕޮންސް ފަންޑަ"ށް ލިބުނު އެހީއާ ގުޅޭ ގޮތުން ސެކްރެޓަރީ ޖެނެރަލް އައިޝަތު ނޫރާ މުހައްމަދު ވިދާޅުވީ އެ ފަންޑަށް އެހީވުމުގައި މީހުން ނަމޫނާ ދެއްކި ކަމަށެވެ. އެގޮތުން މިހާތަނަށް އެ ފަންޑަށް 659،793.41 ރ. ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ފައިސާގެ ތެރޭގައި ރާއްޖެ ޓީވީއާއި ޗެނަލް ތޭރައިން ކުރިއަށް ގެންދިޔަ ޓެލެތޯނުން ލިބުނު ފައިސާ ވެސް ހިމެނެ އެވެ. އަދި "އިމަޖެންސީ ރެސްޕޮންސް ފަންޑަ" ށް ލިބުނު 296،780.30 ރ. ހިމެނެ އެވެ.

އަލިފާނުގެ ހާދިސާގައި، ގެއްލުން ލިބުނު މީހުނަށް ފައިސާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުުުރުސަތު، އެންޑީއެމްއޭ އިން ވެސް ވަނީ ހުޅުވާލާފަ އެވެ. އެންޑީއެމްއޭއިން ހުޅުވާފައިވާ އެކައުންޓަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ.

ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގައި ކެމިކަލް ރައްކާ ކޮށްފައިވާ ހުރި ގުދަންތަކެއް ވަނީ އަނދާ ހުލިވެފަ އެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ ބައެއް އިމާރާތްތައް ވެސް ހިމެނެ އެވެ. އެ ހާދިސާގައި އުމުރުން 46 އަހަރުގެ އަންހެނަކު ވެސް ވަނީ މަރުވެފަ އެވެ. އަދި 400ވުރެ ގިނަ މީހުންނަށް ސަރުކާރުން ވަނީ ވަގުތީ ހިޔާ ވަހިކަން ހޯދާދީފަ އެވެ.