ސީރިޔާ

ދިވެހިންގެ އެހީން ސީރިއާ ކުދިންނަށް ސްކޫލެއް

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ފަރާތުން ސީރިއާގައި ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް ސުކޫލެއް އަޅައި ހުޅުވައިފި އެވެ.

ސީރިއާގެ އިދްލީބްގައި "އަ ލޫކާ ސުކޫލް" ގެ ނަމުގައި މި ސުކޫލަކީ އެހީގެ ކެންޕޭނަށް ދިވެހިންގެ ފަރާތުން ލިބިފައިވާ އެހީން ހުޅުވި ސުކޫލެކެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން އައިއޭސީގެ ނާއިބު ރައީސް އާދަމް ނާއިފު ވިދާޅުވީ ދިވެހިންގެ އެހީތެރިކަމުގައި ސީރިއާގައި ހުޅުވި އެ ސުކޫލު ބަލަހައްޓާނީ ތުރުކީގެ އިންސާނީ ޔަރްދިމް ވަކްފީ (އިހާހާ) ޖަމިއްޔާއިން ކަމަށެވެ. އަދި އެ މަސައްކަތުގައި އިނގިރޭސި ވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ އޮލިވް ގްރޯގެ އެހީތެރިކަން ވެސް ލިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ސުކޫލުގައި 250 ދަރިވަރުން ކިޔަވަމުން ގެންދާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ސީރިއާގައި ތިބި ޔަތީމު، މިސްކީން އަދި ހަނގުރާމައިގެ ސަބަބުން ނުކުޅެދުންތެރިކަން ލިބިފައިވާ ކުދިން ކަމަށެވެ.

"އަލްހަމްދުﷲ. މިއީ ދިވެހިންގެ ފަރާތުން އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް ކުރެވުނު ވަރަށް ބޮޑު ހަދިޔާއެއް. ދިގު ދެމިގެންދާނެ ސޮދަގާތެއް،" ނާއިފު ވިދާޅުވި އެވެ.

ސީރިއާގައި ދާޚިލީ ވަރުގަދަ ހަނގުރާމައެއް ހިނގަމުންދާތާ އަށް އަހަރު ވަނީ ވެފައެވެ. އެ ހަނގުރާމާގައި މުޅި ސީރިއާވަނީ ހަލާކު ވެގެން ގޮސްފަ އެވެ. މިލިއަނުން މީހުން މަރުވެ، އެތައް ލައްކަ ކުދިންނެއް ވަނީ ހާލުގައި ޖެހިފަ އެވެ. ދިވެހިންގެ ސުކޫލު ބިނާކުރި އިދްލިބްއަކީ މިވަގުތު "ސޭފް ޒޯނެ" ކެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން މުޅި އެ އަވަށް ވަނީ ހަލާކުވެފަ އެވެ.

"އަޅުގަނޑުމެންގެ މި ދަތުރުތަކުގައި ފެނިއްޖެ ސީރިއާ ރައްޔިތުން ދިރިއުޅޭ ނިކަމެތި ހާލަތު، ޚާއްސަކޮށް ކުޑަކުދިން... އެކުދިންނަށް އޮރެންޖެއް ނުވަތަ އާފަލެއް ދިނަސް އެއީ ކޯއްޗެއް ކަމެއް ނޭނގޭ. އެހެންވީމަ އަޅުގަނޑުމެން ވިސްނީ ތައުލީމު ދިނުމުގެ މުހިންމުކަން... މާދަމާ ވެސް ހަނގުރާމައިގެން ސަލާމަތްވެ ގައުމު އާރާސްތުކުރަން ތިބޭނީ އެ ކުދިން. އެހެންވީމަ އެ ކުދިންނަށް ތައުލީމެއް ލިބުމުގެ މަގު ފަހިވުމަކީ ކޮންފަދަ ބޮޑު އުފަލެއްތޯ!" ނާއިފު ވިދާޅުވިއެވެ.

ދިވެހިންގެ އެހީން ސީރިއާގައި ހުޅުވި ސުކޫލުގައި ދަރިވަރުން މިހާރު ކިޔަވަ އެވެ. އެ ކުދިންނަށް ކިޔަވައިދެނީ ސީރިއާގައި ތިބި ވޮލަންޓިއަރުންނެވެ.

އައިއޭސީގެ އުންމީދަކީ އެ ސުކޫލަކީ އެ ކުދިންނަށް ރަނގަޅު ތައުލީމެއް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ސުކޫލަށް ހަދައިދި ނުމެވެ. އެގޮތުން ކޮންޕިއުޓަރު ލެބަކާއި، ލައިބްރަރީއެއްގެ އިތުރުން ކުދިންނަށް ކުޅެވޭނެ ޕްލޭ ގްރައުންޑެއް ތައްޔާރު ކުރުމަކީ އުންމީދެކެވެ. އަދި ދަރިވަރުންކުރާ އެކި ދަތުރުތަކަށް ޚާއްސަކޮށް ސުކޫލުގައި ބަހެއް ބާއްވަން ވެސް ބޭނުން ވެއެވެ.

"އެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން. މި ކަންކަމަށް އެހީތެރިވުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައި."

އައިއޭސީން ބުނި ގޮތުގައި އެހީތެރިވުމުގައި ދިވެހިންނަކީ ނަމޫނާ ބައެކެވެ. އެގޮތުން މީގެ ކުރިން "ލޯތްބާއެކު" އެ ނަމުގައި ސީރިއާ އަދި ފަލަސްތީނުގެ ގައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރި ވުމަށް ދިވެހިންގެ އެކި ފަރާތުން ލިބުނު އެހީ ޖަމިއްޔާއިން ފާހަގަ ކުރެއެވެ. މީގެ އިތުރުން މިޔަންމާގައި ހާލުގައި ޖެހިފައިވާ ރޮހިންގާ މުސްލިމުންނަށް އެހީތެރިވުމަށް އައިއޭސީން ކުރިއަށް ގެންދިޔަ މަސައްކަތް ކާމިޔާބުވި އެވެ.